ރައީސު ޓްރަމްޕް ޖޯޖިޔާ ސްޓޭޓުގެ އިންތިޚާބާ ބެހޭ އިސް އޮފިޝަލަށް ގުޅުއްވައި އިންޒާރުދެއްވައިފި

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ޖޯޖިޔާ ސްޓޭޓްގެ ސެކްރެޓަރީއަށް ގުޅުއްވައި އިންޒާރުދެއްވައިފިއެވެ. ޓްރަމްޕް އެދިވަޑައިގެންފައިވަނީ އޭނާއަށް ލިބިވަޑައިގަންވަން ޖެހޭ ވޯޓު ހޯދައިދިނުމަށެވެ.

ވޮޝިންޓަން ޕޯސްޓްގައި އާއްމުކޮށްފައިވާ އޯޑިޔޯ ރެކޯޑިންގގައި ވާގޮތުން އިއްޔެ ވަގުތެއްގައި ޖޯޖިޔާ ސްޓޭޓްގެ އިންތިޚާބު ކަންކަން ބަލަހައްޓަވާ އިސްވެރިޔާ، ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރެފެންސްޕާގާއަށް ގުޅުއްވައި ރައީސު ޓްރަމްޕް ވަނީ އެ ސްޓޭޓު ވޯޓު އަލުން ގުނުމަށް އަންގަވާފައެވެ. އަދި ރައީސު ޓްރަމްޕްގެ އެންގެވުމަށް އޭނާ އިޖާބުނުދެއްވައިފިނަމަ އޭނާ "ބޮޑު ނުރަކަލަކާ" ކުރިމިތަލައްވަންޖެހޭނެ ކަމުގެ އިންޒާރުދެއްވާފައެވެ.

"އަހަރެން ބޭނުންވަނީ (ގެއްލިފައިވާ) 11،780 ވޯޓު ހޯދަން." ޓްރަމްޕް ރެފެންސްޕާގާއަށް ވިދާޅުވެއެވެ. ޖަވާބުގައި ރައީސު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބޭފުޅެއް ކަމުގައިވާ ރެފެންސްޕާގާ ދެންނެވީ ޖޯޖިޔާގެ ނަތީޖާ ރަނގަޅު ކަމުގައެވެ.

ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ މި ފޯންކޯލުގައި ރައީސު ޓްރަމްޕް ވަނީ ނަތީޖާ އަނބުރާލުމަށް ސެކްރެޓަރީ އޮފް ސްޓޭޓް އެއްބަސްވެވަޑައިގަންނަވާތޯ އެކި ގޮތްގޮތުން މަސައްކަތްޕުޅުކުރައްވާފައެވެ.

"އަހަރެން ބޭނުންވަނީ މިކަން ކޮށްލަދޭން. އަހަރެން ބޭނުންވާހާ ކަމަކީ 11780 ވޯޓު ހޯދައިދިނުން، އެއީ އަހަރުމެންނަށް މިހާރު އޮތް އަދަދަށް ވުރެ އެއް (ވޯޓު) އިތުރު އަދަދެއް. އެއީ އަހަރުމެން ޖޯޖިޔާ ކާމިޔާބުކޮށްފައި ވާތީ." ޓްރަމްޕް ވިދާޅުވެއެވެ.

މުންތަޚަބު ރައީސު ޖޯ ބައިޑަން ޖޯޖިޔާ ކާމިޔާބުކުރެއްވީ 11779 ވޯޓުގެ ތަފާތުންނެވެ.

"ޖޯޖިޔާ މީހުން ތިބީ ރުޅި އައިސްފައި، މިގައުމުގަ ތިބި މީހުން ތިބީ ރުޅިއައިސްފައި. އަހަރުމެން އަލުން ވޯޓު ގުނައިފީމޭ ބުނުމަކުން އެކަމުގައި އެއްވެސް ގޯހެއް ނެތް." ފޯންކޯލުގައި ރައީސު ޓްރަމްޕް ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުގުނައި، އިލެކްޓޯރަލް ކޮލެޖް ބައްދަލުވެ 306 އިލެކްޓޯރަލް ވޯޓުން ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައި ވާއިރުވެސް ރައީސު ޓްރަމްޕް ގެންދަވަނީ ނަތީޖާ ގަބޫލުފުޅުކުރެއްވުމަށް ދެކޮޅުހައްދަވަމުންނެވެ.

"އެންމެ ރަގަޅު، ރައީސު، މަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވާ ގޮންޖެހުމަކީ، މަނިކުފާނުގެ އަތްޕުޅުގައި ހުރި ހިސާބުތައް ނުބައިވުން." ރައީސު ޓްރަމްޕަށް ޖަވާބުދެއްވަމުން ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވެއެވެ.

ރައީސު ޓްރަމްޕް ދެއްކެވި ވާހަކަފުޅުގެ ވަކި ހިސާބަކުން، ފުލްޓަން ކައުންޓީގައި ނައްތާލާފައިވާ ކަމަށް ރައީސު ޓްރަމްޕް ވިދާޅުވާ ވޯޓު ހޯއްދަވައިނުދެއްވައިފިނަމަ ރެފެންސްޕާގާ އެކުރައްވަނީ "ޖީނާއީ ކުށެއް" ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.

"އެދި އެހެން ވިޔަ ދެއްވައިގެން ނުވާނެ. އެއީ ތިބާއަށާއި، ތިބާގެ ވަކީލު ރަޔާންއަށް އޮތް ބޮޑު ނުރައްކަލެއް." ރައީސު ޓްރަމްޕް އިންޒާރުދެއްވައެވެ.

ފަހުން ކުރެއްވި ޓުވީޓެއްގައި ސެކްރެޓަރީ އޮފް ސްޓޭޓް ރެފެންސްޕާގާ ވަނީ ރައީސު ޓްރަމްޕަށް ރައްދުދެއްވާފައެވެ.

"އިއްޒަތްތެރި ރައީސު، އިހުތިރާމާއެކު ދަންނަވަން. މަނިކުފާނު ތިޔަ ވިދާޅުވާ ވާހަކައަކީ ތެދެއްނޫން. ތެދު އަދި ހާމަވާނެ." ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.