އެމެރިކާގައި ނޮވެންބަރު 3 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސު ޑޮނާލްޑް ޓްރަމްޕް ކަމަށް ގަބޫލުކުރަނީ އެމެރިކާގެ %3 މީހުން ކަމުގައި ފާއުތުވި ހޮނިހިރު ދުވަހާއި އަންގާރަ ދުވަހާއި ދެމެދު އެމެރިކާގައި ނެގި ޚިޔާލުހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.
ރޮއިޓާސް/އިޕްސޮސް ޕޯލްއިން ދެއްކި ގޮތުގައި އިންތިޚާބު ކާމިޔާބުކުރެއްވީ ޖޯ ބައިޑަން ކަމަށް %70 މީހުން ގަބޫޅުކުރެއެވެ. ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން ޑިމޮކްރެޓީކް ޕާޓީއަށް ނިސްބަތްވާ އެންމެންހެން ބައިޑަން ހޮވިވަޑައިގެންފައިވާ ކަމަށް ގަބޫލުކުރާއިރު، ރައީސު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ %60 މީހުންވެސް ގަބޫލުކުރަނީ ހޮވިވަޑައިގަތީ ބައިޑަން ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އާއްމުން ވޯޓުލީ ގޮތަށް ބަލާއިރުވެސް، އާއްމުންގެ ވޯޓުން ބައިޑަން އުޅުއްވަނީ މާ ކުރީގައެވެ. ވޯޓުގެ %50.7 އާއެކު ބައިޑަން 76.3 މިލިއަން ވޯޓު ހޯއްދަވާފައި ވާއިރު، 47.6 އާއެކު ޓްރަމްޕަށް ލިބިވަޑައިގަތީ 71.6 މިލިއަން ވޯޓެވެ
ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ %13 އިންތިޚާބު އަދި ވަކިކޮޅަކަށް ނުނިމޭކަމަށް ގަބޫލުކުރާއިރު، %5 ބުނެފައި ވަނީ ނަތީޖާއާމެދު ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
އެމެރިކާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ފަރާތެއް ކަނޑައަޅަނީ އިލެކްޓޯރަލް ކޮލެޖުން ކަމަށް ވާއިރު، މިހާތަނަށް ނަޖީތާ ލިބުނު ސްޓޭޓްތަކުން ޖޯ ބައިޑަން ވަނީ 279 އިލެކްޓޯރަލް ވޯޓު ހޯއްދަވާފައެވެ. 538 އިލެކްޓަރުން ތިއްބަވާ އިލެކްޓޯރަލް ކޮލެޖްގެ އަޣުލަބިއްޔަތަކީ 270 އެވެ. ރައީސު ޓްރަމްޕަށް މިހާތަނަށް ލިބިވަޑައިގެންފައި ވަނީ 214 އިލެކްޓޯރަލް ވޯޓެވެ.
އެމެރިކާގެ އެކި ކަންކޮޅުތަކުން ހޮވާލެވުނު ތޭރަސަތޭކަ މީހުން ބައިވެރިވި މި ޚިޔާލުހޯދުމުގެ ބައިވެރިންގެ ތެރެއިން %72 މީހުން ބުނެފައިވަނީ ބަލިވެވަޑައިގެންނެވި ޓްރަމްޕް ބަލި ގަބޫލުކުރައްވައި އެކަން އިއުލާންކުރައްވަން ޖެހޭނެ ކަމުގައެވެ. އަދި %60 ދެކެނީ ސުލްހަވެރިގޮތުގައި ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށް ދާނެކަމުގައެވެ.
އިންތީޚާބުގައި ފުޅާ ދާއިރާއެއްގައި މަކަރުހަދައި ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، ރައީސު ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލުކުރެއްވުމަށް ދެކޮޅުހައްދަވަމުންނެވެ. އަދި އޭނާގެ ސަރުކާރުގެ އިދާރާތަކުން ދަނީ އިންތިގާލީ މަރުހަލާގެ މަސައްކަތްތަކުގައި ޖޯ ބައިޑަންއަށް އެއްބާރުލުން ދިނުމަށް ދެކޮޅުހަދަމުންނެވެ.