ސީއެސްވިއުގަ އޮންލައިން ޕޯޓަލް އިފްތިތާހު ކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ މިއަދު ހެނދުނު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނުގެ މެންބަރުންނެވެ.
މި އޮންލައިން ޕޯޓަލަކީ އިންޓަނެޓުގެ ޒަރީއާއިން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ ޕޯޓަލެކެވެ. ސީއެސް ވިއުގައަކީ 2011 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުންކުރެވެމުންދާ ސޮފްޓްވެއަރއެކެވެ. މިހާތަނަށް ސީއެސް ވިއުގަ ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތުގެ ނެޓްވާރކްގެ ތެރެއިން، ހަމައެކަނި އެ ނެޓްވާރކްގެ ޚިދުމަތްލިބޭ ސިވިލް ސަރވިސް އިދާރާތަކުގައެވެ. އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ތައާރަފު ކުރެވުމުން، މިއަދުން ފެށިގެން އިންޓަރނެޓްގެ ޚިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރި ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ސީއެސްވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މައުލޫމާތު ބައްލަވާލެއްވޭނެ ކަމަށް ސީއެސްސީ ން ވިދާޅުވިއެވެ. އަދި އިންޓަރނެޓްގެ ޒަރީއާއިން ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަށް ސީއެސްވިއުގަ އޮންލައިން ބޭނުން ކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ. ސީއެސްވިއުގަ އޮންލައިންކޮށް އާއްމުކޮށް ބޭނުންކުރުމަށް ހުޅުވައިލުމާއެކު، އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު އޮންލައިން ވެގެންދިއުން ކަން އެކޮމިޝަނުން ފާހަގަ ކުރެއްވިއެވެ. މިގޮތުން މުވައްޒަފުންގެ މަސައްކަތްތައް ކުރަމުންދާ ގޮތާއި، މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ސީއެސްވިއުގަ އޮންލައިން މެދުވެރިކޮށް ވަޒަންކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ސީއެސްވިއުގަ އޮންލައިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ވިދާޅުވީ މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖުމަންޓު ސިސްޓަމެއް ގާއިމުކުރުމަށް އެ ކޮމިޝަނުން ކުރަމުންގެންދާ ދުރު ރާސްތާ ޕްލޭނުގެ ތެރެއިން ގިރާކުރެވުނު ވަރަށް މުހިއްމު ހަރުފަތެއް ކަމަށެވެ. އަދި ހަމައެއާއެކު އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ހުޅުވާލާ ހިސާބުން، ކޮމިޝަނާއި ސިވިލް ސަރވިސް މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އެންމެހައިާ އިދާރާތަކާ އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައްތައް ސީއެސްވިއުގަ މެދުވެރިކޮށް ޑިޖިޓަލައިޒުކުރެވުމުން، މިއީ ކަރުދާހާ ނުލައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ދިވެހިރާއްޖޭގައި ކުރިޔަށް ގެންދެވޭނެ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ކޮމިޝަނުގެ ރައީސް ނާޞިޙް ވިދާޅުވީ، މީގެ ސަބަބުން 26 ހާހެއްހައި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން ދިޔަ ޚަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެކަމަށެވެ. މިއީ ސިވިލް ސަރވިސް އިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުވައްޒަފުން އިތުރަށް ޒިންމާދާރުކުރުވުމަށް ގެނެވޭ މުހިއްމު ބަދަލެއް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އަދި މީގެ އިތުރުން ސީއެސްވިއުގަ އޮންލައިން އިތުރަށް ތަރައްގީކުރެވި، ވަޒީފާއަށް އިއުލާނުކުރުމާއި، ވަޒީފާއަށް ކުރިމަތިލުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އަދިވެސް ސިވިލް ސަރވިސް ވަޒީފާއާ ގުޅޭ އެންމެހައި ކަންތައްތައް 'ސިންގަލް ވިންޑޯ' އެއް މެދުވެރިކޮށް ދުރުނޫން މުސްތަގުބަލެއްގައި ކުރެވިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިތްޕެވުމަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހިތްވަރު ދެއްވައި ސީއެސްވިއުގަ އޮންލައިންގައި މުވައްޒަފަކާ ގުޅޭ ފުރިހަމަ ނޫން މައުލޫމާތެއްވާނަމަ، އެ މުވައްޒަފަކު މަސައްކަތްކުރައްވާ އިދާރާއެއް މެދުވެރިކޮށް އެ މައުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް ކެތްތެރިކަމާއެކު ކޮށްދެއްވުމަށް ވެސް ކޮމިޝަންގެ ރައީސް އިލްތިމާސްކުރެއްވިއެވެ.