ސުނާމީ ކާރިސާއަށް 16 އަހަރު: ބިރުވެރި ކަމަށް ފަހު، އެއްބައިވަންތަކަން ދެއްކި ދުވަހެއް

ފޮޓޯ: ޢަބްދުﷲ ނިޒާރު / ވިލުފުށްޓަށް ސުނާމީ އެރި ވަގުތު

އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވީ އާދީއްތަ ދުވަހެވެ. އެދުވަސް ދިވެހިން ފެށީ، އެމީހުންގެ ސާދާ ރީތި ދިރިއުޅުމުގެ އާދަކާދައިގެ މަތިންނެވެ.  ފަތިސް ނަމާދަށްފަހު މަސްވެރިން ދިޔައީ މަހަށެވެ. އަންހެން ވެރިން ވެސް ހޭލައިގެން  ގޭތެރެއާއި މަގުތައް ކުނިކަހައި ސާފުކޮށް، ސައިގެ ކަންތައްތަކުގައި އަވަދި ނެތި އުޅުނެވެ. އާދައިގެ ދުވަހެއް ފަދައިންނެވެ. 

ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ކަމަށްވާތީ މާލޭގައި އުޅުނު ރަށްރަށުގެ ގިނަ ކިޔަވާ ކުދިންވެސް ތިބީ ރަށްރަށުގައި އާއިލާއެކުގައެވެ. އެހެންކަމުން ދަތުރު ދިއުން ފަދަ ކަންކަމުގައިވެސް ގިނަބަޔަކު އުޅުނުކަމަށް ވެއެވެ. އެދުވަހު އެމީހުން ބޯމަތިވާން އޮތް ބިރުވެރިކަމުގެ ޚަބަރެއް ހިލަމެއްވެސް ނުވާތީއާވެސް އެކުގައެވެ. މިގޮތަށް އުޅެމުން ދަނިކޮށް  ހާލަތު ބަދަލުކޮށްލީ އެދުވަހުގެ 9:20 ހާއިރުއެވެ. 

"ސުނާމީ" ގިނަ ދިވެހިންނަށް އެގުނީ ވެސް ކާރިސާގެ ތަޖުރިބާއަށްފަހު

ސުނާމީ ކާރިސާ އަކީ އަޅުގަނޑުމެންގެ އެންމެންގެ ލޮލުން ކަރުނަ ހިލުވާލި ބިރުވެރި ހިތާމަވެރި ހާދިސާއެކެވެ. އެތަކެއް ދިވެހިންނެއް މިދުނިޔެ ދޫކޮށް އެތައް އަނިޔާތަކެއް ލިބި އެތައް ދިވެހިންގެ ގެދޮރާއި މުދާ ގެއްލިގެންދިޔަ ދުވަހެވެ. ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީ އެތައް އަހަރެއް ފަހަތަށް ސޮއްސާލި ގެންލުންބޮޑު ކާރިސާއެކެވެ.

ސުނާމީ ކާރިސާ ކުރިމަތިވިއިރު ސުނާމީ އަކީ ކޯޗެއް ކަމެއްވެސް ގިނަ ދިވެހިންނަކަށް ނޭނގެއެވެ. "ސުނާމީ" މި ނަން ވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް އެނގުނީ އެކާރިސާއަށް ފަހުގައެވެ.

ސުނާމީ ކާރިސާއަކީ އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެއް ނުވަތަ ރާޅުތަކެއްގެ ސަބަބުން ކުރިމަތި ކާރިސާއެކެވެ. ރެކްޓަރ މިންގަނޑުން 9.1 އާއި 9.3 މެގްނެޓިއުޑްގައި 8 މިނެޓާއި 10 މިނެޓުގެ ދިގު މިނަށް މި ބިންހެލުން ދެމިގެން ދިޔައެވެ. ރާއްޖެއަށް ވެސް މި ބިންހެލުން އިހްސާސްކުރެވުނެވެ. އެއީ ރާއްޖޭގެ ގަޑިން އެދުވަހުގެ ފަތިހު 5:58 ހާއިރުއެވެ. ނަމަވެސް އެދުވަހުގެ 9:20 ހާއިރު ސުނާމީ އެރުމާހަމައަށް ދިވެހިން އުޅެމުން ދިޔައީ އެހެންދުވަސް ދުވަހެކޭ އެއްފަދައިން ދިރިއުޅުމުގެ އެކި ކަންކަމުގައި މަޝްޣޫލުވެގެންނެވެ.

މި ބިންހެލުމަކީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވި ބިންހެލުންތަކުގެ ތެރެއިން ރެކޯޑުކުރެވިފައިވާ ތިންވަނައަށް އެންމެ ބާރުގަދަ ބިންހެލުންވެސް މެއެވެ. އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ ޤުދުރަތީ ކާރިސާވެސް މެއެވެ. މި ބިންހެލުމުން އުފެދުނު ސުނާމީގައި (ރާޅުގައި) 30 މީޓަރު ނުވަތަ 100 ފޫޓު ހުރިކަމަށް ރެކޯޑު ކުރެވިފައި ވެއެވެ.

ސުނާމީ ކާރިސާގައި 14 ގައުމަކުން 230000 އާއި 280000  އާ ދެމެދުގެ ޢަދަކަށް މީހުން މަރުވިކަމަށް ރެކޯޑު ކުރެވިފައިވެއެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑޮނޭޝިއާ އިންނެވެ. އެގައުމުން އެކަނިވެސް ގެއްލުނު މީހުންނާއެކު މަރުވި މީހުންގެ ޢަދަދު 167799 އަށް އަރައެވެ. ފަސްލައްކަ މީހުންގެ ގެދޮރު ގެއްލުނެވެ.

ސުނާމީ ކާރިސާގައި ދެވަނައަށް އެންމެ ގިނަބައެއްގެ ފުރާނަ ގެއްލިގެން ދިޔައީ އަވަށްޓެރި ސްރީލަންކާއިންނެވެ. އެޤަމުން 35322 މީހުން މިކާރިސާގައި މަރުވިއެވެ. 21411 މީހުން ޒަޚަމްވިއެވެ. އަދި ފަސްލައްކައަށްވުރެ ގިނަމީހުންގެ ގެދޮރު ގެއްލުނެވެ.

އަވަށްޓެރި އިންޑިއާއިން ސުނާމީ ކާރިސާގައި ގެއްލުނު މީހުންނާއެކު މަރުވި މީހުންގެ ޢަދަދަކީ 18045 އެވެ. ހަލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލުނެވެ.

ސުނާމީގައި ހަތަރުވަނައަށް އެންމެ ގިނަބައެއްގެ ފުރާނަ ގެއްލިގެން ދިޔައީ ތައިލެންޑުންނެވެ. އެ ޤައުމުން ގެއްލުނު މީހުންނާއެކު މަރުވިމީހުންގެ ޢަދަދަކީ 8212 އެވެ. ހަތް ހާހެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.

ސުނާމީ ކާރިސާގައި މީހުންމަރުވެ ގެދޮރުގެއްލިގެން ދިޔަ އިތުރު ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ، މަޑަގަސްކަރަ، ސޯމާލިއާ، ކެންޔާ،ޓެންޒޭނިއާ އަދި ސައުތުއެފްރިކާ ހިމެނެއެވެ.

ހއ. ފިއްލަދޫ / ހއ އަތޮޅުން ސުނާމީގައި އެންމެ ބޮޑު ގެެއްލުމުއް ލިބުނީ ފިއްލަދޫއަށް

ސުނާމީގައި 108 މީހުން ރާއްޖެއިން މަރުވި 

ސުނާމީއަކީ މިހާތަނަށް ރާއްޖެއަށްވެސް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެންލުންބޮޑު ކާރިސާއެވެ. ރެކޯޑު ކުރެވިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. ރާއްޖޭގެ 20 އަތޮޅުން ގެއްލުނު މީހުންނާއެކު 108 މީހުން މަރުވިއެވެ. އެއީ ރާއްޖޭގެ ރިސޯޓަކުން މަރުވި ދެ ފަތުރުވެރިޔަކާވެސް އެކުގައެވެ.

ސުނާމީ އަކީ އެތައް ބައެއްގެ މުދަލާއި ގެދޮރާއި ދިރިއުޅުން ގެއްލިގެން ދިޔަ ކާރިސާއެކެވެ. ރާއްޖޭގެ އިޤްތިސާދާއި ތަރައްގީ 10 އަހަރު ފަހަތަށް ސޮއްސާލި ގެއްލުންބޮޑު ކާރިސާއެކެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް އިންތިހާ ބޮޑު ގެއްލުމެއް ލިބިގެންދިޔަ ކާރިސާއެކެވެ. ސުނާމީ ކާރިސާގެ ގެއްލުން ރާއްޖޭގެ އެއްލައްކައެއްހާ މީހުންނަށް ކުރިއެވެ. އެއީ އޭރުގެ އާބާދީގެ ތިންބައިކުޅައެއްބައެވެ. 12000 މީހުންގެ ގެދޮރު ގެއްލި 8500 މީހުން ވަގުތީ ހިޔާތަކުގައި އުޅެން ޖެހުނެވެ. ރާއްޖޭގެ އެތައް ރަށަކުން ކަރަންޓުގެ ޚިދުމަތާއި މުއާސަލާތީ ޚިދުމަތް މެދުކެނޑިގެން ދިޔައެވެ.

ސުނާމީ ކާރިސާގައި މުއާސަލާތީ ޚިދުމަތް މެދުކެނޑުމުން އެއްބަޔަކަށް އަނެއް ބައެއްގެ ހާލަތު އެނގޭނެ ގޮތެއް ނެތި ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. ހާލުގައި ޖެހުނު މީހުން ޖެހިގެން އޮތް ރަށަށް އެހީތެރިކަން ހޯދަން ދިޔައިރު އެރަށުގެ ހާލުވެސް ހުރީ ހަމަ އެއް ހާލަތެއްގައެވެ. މުއާސަލާތީ ޚިދުމަތް މެދުކެނޑުމުން ހާލުގައި ޖެހުނު މީހުންގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ.

ސުނާމީގައި ރާއްޖޭގެ ދެރަށެއް އެއްކޮށް ހަލާކުވި 

ސުނާމީގައި ރާއްޖޭގެ ދެރަށެއް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް އެއްކޮށް ހަލާކުވެގެން ގޮސްފައެވެ. އެއީ ރ. އަތޮޅު ކަނދޮޅުދުއާއި ތ. އަތޮޅު ވިލުފުށްޓެވެ. ކަނދޮޅުދޫ މީހުން އަލުން އާބާދުކޮށްފައިވަނީ އެ އަތޮޅު ދުވާފަރުގައެވެ. ވިލުފުށީގައި އަލުން މީހުން އާބާދުކޮށްފައި ވަނީ އެރަށުގެ ފަޅު ހިއްކައި ކުރިން އޮތް ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ރަށެއްގެ ގޮތުގައެވެ. ސުނާމީ ކާރިސާއަށް ފަހު ވިލުފުށި އަލުން ބިނާކުރުމަށްފަހު މީހުން ދިރިއުޅެންފެށީ 2009 ވަނަ އަހަރުގެ ޖޫން 15 ގައެވެ.  އެހައިތަނަށް ވިލުފުށީ މީހުން ދިިރިއުޅެމުން ދިޔައީ އެއަތޮޅު ބުރުންޏާއި މަޑި ފުށްޓާއި ގުރައިދުއާއި ދިޔަމިގިއްޔާއި ވޭމަންޑޫގައެވެ. ގިނަ މީހުން އުޅުނީ ބުރުނީގައެވެ. ބުރުނީގައި ފަހުން ވިލުފުށީ މީހުން އުޅެމުން ދިޔައީ އެމީހުންނަށް ޓަކައި ތައްޔާރުކުރި ވަގުތީ ހިޔާތަކުގައެވެ. އޭގެކުރިން ކުރިން ބުރުނީގައިވެސް އެހެން ރަށްރަށުގައި މީހުން ދިރިއުޅެމުން ދިޔައީ އެރަށްރަށުގެ މީހުންގެ ގޯތި ގެދޮރުގައި، އެ އާއިލާތަކާ އެކުގައެވެ.

ބިރުވެރިކަމަށް ފަހު ދިވެހިން ދެއްކީ އެއްބައި ވަންތަ ކަމުގެ ނަމޫނާއެއް 

މީގެ ސޯޅަ އަހަރު ކުރިން ތަޖުރިބާ ކުރަން ޖެހުނު ސުނާމީ ކާރިސާގެ ބިރުވެރިވެރިކަމަށް ފަހު ދިވެހިން ދައްކުވާ ދީފައިވަނީ އަސްލު ދިވެހިންގެ ސިފަ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ނަމޫނާއެވެ. ކައިރި ރަށްރަށުން ދޯނިފަހަރުގައި އައިސް ހާލުގައި ޖެހިފައިވާ މީހުން ގެންގޮސް އެމީހުންގެ ގޯތި ގެދޮރުގައި، އެމީހުންގެ މެހެމާންދާރީގެ ދަށުގައި އަމިއްލަ އާއިލާގެ މީހުންގެ ގޮތުގައި އެތައް ދުވަހެއް ވާންދެން ގެންގުޅުނެވެ. ތަނަވަސް ކަމުގެ އަހުލުވެރިންނާއި ތަނަވަސްކަމެއް ނެތް މީހާވެސް ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަހަތަކަށް ނުޖެހެއެވެ. ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދިވެހިން ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކުވައި ދީފައެވެ. 

ފޮޓޯ: ޢަބްދުﷲ ނިޒާރު: ސުނާމީ އެރި ދުވަހު ވިލުފުށި

ޑިސެމްބަރ 26 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މި ފަހުގެ ތާރީޚުގައި ދިވެހިންގެ އެއްބައިވަންތަކަން އެންމެ ފުރިހަމަ ގޮތުގައި ދައްކުވައިދީފައި ވަނީ ސުނާމީ ކާރިސާ އަށް ފަހު ވޭތުކުރި ދުވަސްކޮޅުގެ ތެރޭގައެވެ. އެދުވަސް ތަކަކީ ދިވެހިން ހަގީގީ ދިވެހިންގެ ގޮތުގައި ފެނިގެން ދިޔަ ދުވަސްތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.