ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ، ދަރިން ބޮޑެތިޖަރީމާތައް ހިންގުމަށް މަގުފަހިވާނެކަމެއް: ހުތުބާ

ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ  ދަރިން ބަސްނޭހުމާއި ވިޔާނުދާ ޢަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާނެކަމެއް ކަމަށް މިއަދު ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ. 

ހުތުބާގައި ވިދާޅުވީ ރިޝްވަތުގެ ސަބަބުން  ވަގުތީ ހައްލެއް ނުވަތަ ވަގުތީ އުފަލެއް ލިބުުނުނަމަވެސް، ރިޝްވަތު ދޭ މީހުންނާއި، ރިޝްވަތުގައި ހިފާ މީހުންނާއި، ރިޝަވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުން، ތިމަންމެންނަށް ފަހުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑުކަން ވިސްނާލަންޖެހޭކަމަށެވެ. އެކަމުގެ ސަބަބުން ތިމާ މެންގެ އިތުރުން ތިމާމެންގެ އަނބިދަރިން ނަރަކަޔަށް އެއްލައިލަނީ ތިމާމެންގެ އަތުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ. 

މިހާރަކަށްއައިސް ޒުވާނުންގެ ތެރެއިން  ބައެއް ޒުވާނުން ހިންގަމުންދާ  މާރާމާރީ އާއި  ބަދުއަހަލާގީ އަމަލުތަކާއި އެނޫންވެސް ތަފާތު ކަންތައްތަކުގެ ސަބަބުން ގައުމުގެ ހާލަތުވަނީ ނުރައްކާތެރި ބިރުވެރި ހާލަތަކަށް  ގޮސްފައިކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

 "މިކަންކަން  ހިނގަން މެދުވެރިވާ ސަބަބަކީ ކޮބައިތޯ ވިސްނާލަނީ ކިތައް ބެލިވެރިތޯއެވެ. އަނބިދަރިންދެކެ ހަޤީޤީ ލޯބިވާ އެއްވެސް މީހަކު  އެފަދަކަމެއް ކުރާނެތޯއެވެ. އެއީ ތިމާ އެބަޔަކު ދެކެ އެންމެ ލޯބިވާ، ތިމާއަށް އެންމެ ހެޔޮއެދޭ މީހުންނެވެ.  އެހެންނަމަވެސް ދުނިޔޭގެ ވަގުތީ އުފަލާއި އަރާމު ހޯދުމަށްޓަކައި އެމީހުންވެސް ހަލާކުގެ ތެރެއަށް އެއްލާ ލަނީއެވެ.  އެއްވެސް ވިސނުމެއް ފިކުރެއް ނެތިއެވެ.  ﷲ އަށް ކުޑަކޮށްވެސް ބިރިވެތި ވުމެއްނެތިއެވެ." ހުތުބާގައި ވިދާޅިވިއެވެ. 

ކޮންމެ މީހެއްގެ ވެސް ޒިންމާއަކަށް ހަދަންވީ ތިމާގެ އަމިއްލަ ނަފުސާއި ތިމާގެ ބާރު ފޯރާ އެންމެން، އަދި ތިމާގެ ބަސް އަހާ އެންމެންނަށް ރިޝްވަތުގެ ނުބައި ވަބާއިން ރައްކާތެރިވުމަށް ނަސޭހަތްތެރިވުމަށް ކަމަށް ހުތުބާގައި ހަނދާން ކޮށްދެއްވިއެވެ. 

ރިޝްވަތަށް މަގުފަހިވާ ވަރަށް ގިނަ ސަބަބުތައް ޢިލްމުވެރިން ބަޔާންކުރަައްވައިފައިވާ ކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ.  އެއްކަމަކީ އެކަމުގައި ބައިވެރިވާ މީހުންގެ އީމާނާތެރިކަން ނެތުން ކަމަށް ވިދާޅުވިއެވެ. އަދި ރިޒުޤު ދެއްވާފަރާތަކީ މާތް ﷲ ކަން ޤަބޫލު ނުކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން މާތް ﷲ ހަރާމް ކުރައްވައިފައިވާ  ގޮތްގޮތުން ފައިސާ ހޯދިކަމުގައި ވިއަސް އެތަކެތީގައި ބަރަކާތް ނުހުންނާނެކަމާއި އެގޮތަށް އުޅެން ވެއްޖެނަމަ މުޅި ޢުމުރުގައިވެސް  އުޅެންޖެހޭނެ ގޮތަކީ އެއީ ކަން ހިތަށް ނޭރުން ވެސް ހިމެނެއެވެ. 

ދެވަނަ ސަބަބެއް ކަމަށް ހުތުބާގައި ފާހަގަކުރެއްވީ ތިމާއަށް ލިބޭ މިންވަރަށް ޝުކުރުވެރި ނުވުމާއި ތިމާއަށްވުރެ ތަނަވަސްކަމުގައި އުޅޭ މީހުން އުޅޭ ގޮތަށް އުޅޭ ހިތްވުމެވެ. އަދި މިންވަރަށް އީމާން ނުވުމާއި މާއަވަހަށް މުއްސަނދިވާން ބޭނުންވުން ކަމަށް ވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ. 

ހުތުބާއިގައި ވިދާޅުވީ އެމީހަކަށް ލިބޭ އާމްދަނީ މަދުވުމަކީ  އެމީހަކު ރިޝްވަތު ހިފުމަށް ނުވަތަ ދީނުގައި  ހަރާމްކުރައްވައިފައިވާ އެނޫންވެސް ކަންތައްތަކަށް  އަރައިގަތުމަށް  މަޖުބޫރުކުރުވާ ކަމެއް ނޫންކަމަށެވެ.  ރިޝްވަތު ނަގާ މީހުންނަށް  އާހިރަތުގައި ލިބޭ އަޒާބުގެ އިތުރުން އެފަދަ މީހުންނަކީ ދުނިޔޭގައި ވެސް މީސްތަކުންގެ ލައުނަތާއި، ނުރުހުމާއި، މަލާމާތް ލިބިގެންދާނެ ބައެއްކަން ހުތުބާގައި ފާހަގަ ކުރެއްވިއެވެ. 

ރިޝްވަތަކީ ކޮބައިކަން ފާހަގަ ކުރައްވަމުން ހުތުބާގައި ވިދާޅުވީ " ތިމާއަށް ހައްގު ނޫންކަމެއް ނުވަތަ ހައްގުނޫން އެއްޗެއް ލިބިގަތުމަށް ނުވަތަ ތިމާ ކަމަކުން  ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެނޫން ވެސް އެއްޗެއް މީހަކަށް ނުވަތަ  ބަޔަކަށް ހޯދައި ދިނުމެވެ." އަދި މީގެ އިތުރުން ގަވާއިދާ ހިލާފަށް ކަންތައް ނިންމުމަށް ނުވަތަ ކުރުމަށް ދެވޭ ފައިސާއާއި ތަކެއްޗާއި ކެއުމާއި ސައި އަދި މިނޫންވެސް މިފަދަ މަންފާތައް ހައްގު ނޫން ފަރާތްތަކަށް ހޯދައި ދިނުމަކީވެސް ރިޝްވަތުގެ ތެރޭގައި ހިމެނޭކަންކަން ކަމަށް ފާހަގަ ކުރެއްވިއެވެ. 

ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވާލަން އެންމެ އުދަނގޫ އެއް ވަބާއަކީ ރިޝްވަތުކަން ހުތުބާގައި ފާހަގަކުރެއްވިއެވެ. އެއީ އެ އަމަލަކީ ވަރަށް ސިއްރުގޮތުގައި ކުރެވޭ އަމަލަކަށް ވާތީކަން ފާހަގަ ކުރެއްވިއެވެ. ވަރަށް ގިނަ މުޖުތަމަޢުތަކުގައު ރިޝްވަތުގެ އަމަލު އާންމުވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އެފަދަ މުޖުތަމަޢުތަކުގައި އަދުލު އިންސާފުގާއިމްކުރުމަށް ހުންނަ އިދާރާތަކުގައިވެސް ރިޝްވަތާއި ރިޝްތުގެ އަމަލުތައް ހިތުރުވެފައިވާކަން ފާހަގަ ކުރެއްވިއެވެ. ރިޝްވަތުގެ ސަބަބުން އަދުލު އިންސާފު ގެއްލި އެތައް ބަޔަކަށް ލިބެންޖެހޭ ހައްޤުތައް ނުލިބި އެތައް ބައެއްގެ ކަންތައްތައް އެތައް ދުވަހަކަށް ލަސްވެ، އަނެއްޔަކު ކަންތައްތައް އަވަހަށް ނިމިގެންދާކަން ފާހަގަ ކުރެއްވިއެވެ. އަދި އެއްބަޔަކަށް ހައްގުވާ އެތައްކަމެއްް  އެބައި މީހުންނަށް ނުލިބި އެކަން ހައްގުނުވާ އެތައް ބަޔަކަށް ލިބިގެންދާކަން ފާހަގަ ކުރެއްވިއެވެ. މިފަދަ ކަންކަމަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެށްޓިގެންދިއުމަށް މެދުވެރިވާ ކަންކަން، ކަމަށް ފާހަގަ ކުރެއްވިއެވެ.  ޤައުމުގެ ތަރައްޤީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސް އެޅޭކަންކަން، ކަމަށް ވެސް ފާހަގަކުރެއްވިއެވެ. 

ރިޝްވަތާއި ނާޖާއިޒު ފައިދާއާއި  ޚިޔާނާތުގެ ޢަމަލުތައް  ދިވެހި މުޖުތަމައުގައި ވެސް ގިނަވެ، އާދައިގެ ކަމެއްކަމަށް ބައެއް މީހުން ދެކެންފަށައިފައިވާކަމަށް ހުކުރު ހުތުބާގައި ފާހަގަ ކުރެއްވިއެވެ.  މިފަދަ ޢަމަލުތަކަކީ، ޤައުމުގެ މުސްތަޤްބަލާއި ދަރިންގެ ކުރިއެރުމާއި ތަރައްޤީ، އަރައި ނުގަނެވޭފަދަ ފުން ވަޅުގަނޑަކަށް ވެއްޓިދާނެކަންކަމަށް، ހުުތުބާގައި ފާހަގަކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.