ހުޅަނގު އިތިއޯޕިޔާގައި ހަނގުރާމަވެރިން ހިންގި ގަތުުލުއާއްމެއްގައި 100 އަށްވުރެ ގިނަ މީހުން މަރާލައިފި

ހުޅަނގު އިތިއޯޕިޔާގައި ހަނގުރާމަވެރިންެގެ ބަޔަކު ހިންގި ގަތުލުއާއްމެއްގައި އާއްމުންގެ 100 އަށްވުރެ ގިނަ މީހުން މަރާލާފައި ވާކަމަށް އެ ގައުމުގެ ހިއުމަން  ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

މި ހަމަލާދީފައި ވަނީ މެޓެކެލް ޒޯންގެ ބުލެން ކައުންޓީގައެވެ. އެއީ ބެނިޝަންގުލް-ގުމޫޒް ސަަރަހައްދުގެ ބައެެކެވެ.

އަމްހަރާ ސްޓޭޓުގެ އަމްހަރާ މާސް މީޑިއާ އެެޖެންސީން ބުނެފައިވާ ގޮތުގައި ބެނިޝަލްގުލް-ގުމޫޒް ސަރަހައްދުގައި މި ގަތުލުއާއްމު ހިންގާފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

މި ގަތުުލު އާއްމަކީ ޓިގްރޭ ސަރަހައްދުގައި ޓިގްރޭގެ ސަރަހައްދީ ސަރުކާރާ އިތިއޯޕިޔާގެ މަރުކަޒީ ސަރުކާރާ ދެމެދު ހިނގާ އަސްކަރީ ކުރިމަތިލުމާ ގުުޅުންހުރި ކަމެއް ނޫނެވެ. އިތިއޯޕިޔާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ އެހެން ދެ ނަސްލެއްގެ މީހުންގެ ދެމެދުގައި ހިނގާ ނަސްްލީ ހަމަނުޖެހުމެއްގެ ތެރޭން ހިނގި ކަމެކެވެ.

އަމްހަރާ ސްޓޭޓުގެ ބައެެއް ލީޑަރުން ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި ބެނިޝަންގުލް-ގުމޫޒް ސަރަހައްދުގެ ބައެއް ހިސާބުތަކަކީ އަމްހަރީ މީހުންގެ މިލްކެވެ. މިވާހަކަތަކާ ގުޅިގެެން އެ ސަރަހައްދުގައި ބައިބޯ ގުމޫޒް މީހުންގެ ރުޅިވެރިން އޮތީ އިތުރުވެފަައެވެ. އިއްޔެގެ ގަތުލުއާއްމަކީ މި ރުޅީގައި ގުމޫޒް މީހުން އަމްހަރީންނާ ދެކޮޅަށް ހިންގި ގަތުލުއާއްމެއް ކަމަށް ބެލެވެއެވެ.

ބުލެން އަވަށުގެ މީހަކު ރޮއިޓާސްއަށް ކިޔައިދިން ގޮތުގައި އޭނާގެ ގޭގެ ކައިރީގައި އޮންނަ ދަނޑަކުން އޭނާއަށް 82 މީހުންގެ ހަށިިގަނޑު ފެނުނެވެ. އޭނާއަށް ހޭލެވުނީ "އެމީހުން އަތުލާ!" އޭ ގޮވަމުން ބަޔަކު ބަޑިޖަހާ އަޑަށެވެ. އޭނާގެ އަނބިމީހާއާއި، އެ ދެމީހުންގެ ކުދިންގެ ތެރެއިން 5 ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވާއިރު، ހަތަރު ކުއްޖަކު ވަނީ ފިލާފައެވެ. އެކުދިން އަަދިވެސް ނުފެނެއެވެ. އޭނާ ފައިގެ ފަލަމަސްގަނޑަށް ވަޒަން އެރި ނަމަވެސް އޭނާ ވަނީ ސަލާމަތްވެފައެވެ.

އެހެން މީހަކު ކިޔައިދިން ގޮތުގައި ހަތިޔާރުއެޅި މީހުން އެއަވަަށަށް އަރައި ހަމަލާދޭން ފެށީ ބުދަ ދުވަހު ހެނދު 6 (ރާއްޖޭ ގަޑިން ހެނދުނު 8) ޖެހިއިރުއެވެ.

އަމްހަރާ ސްޓޭޓުގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ގަތުލު އާއްމުގައި މަރުވި މީހުންގެ އަދަދު 200 އާ ގާތްކުރާނެއެވެ.

ތަފާތު 80 ވަރަކަށް ނަސްލުގެ މީހުން ދިރިއުޅޭ އިތިއޯޕިޔާގައި ހިނގާ ނަސްލީ ހަމަނުޖެހުންތައް ކޮންޓުރޯލުކޮށް ގައުމު އެެއްބައިވަންތަކުރުމަކީ ބޮޑުވަޒީރު އަބީ އަޙްމަދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އަންނަ އަހަރު އިންތިޚާބު ބާއްވަން ހަމަޖެހިފައިވާއިރު، ހޫނުވަމުންދާ ނަސްލީ އަރާރުން އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.