ދޮގުވާހަކަތައް ފެތުރުމަށް ފުރުސަތެެއް ނުދޭނަން: ފެނަކަ

ފެނަކައާ ބެހޭ ގޮތުން ހަގީގަތާ ހިލާފު، ސާބިތު ނުހިފޭ ދޮގު  ވާހަކަތައް ފެތުރުމަށް ފުރުޞަތު ނުދޭނެކަމަށް އެކުންފުނިން ބުނެފިއެވެ. 

ކުންފުނިން މި ގޮތަށް ބުނެފައި ވަނީ ބައެއް އޮންލައިން ނޫސްތަކުގައި ފެނަކައާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ފަތުރައިފައިވާކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ. ފެނަކައިން ބުނެފައިވަނީ މިހާރު މެނޭޖްމެންޓުން ކުންފުނި ހިންގަން ހަވާލުވުމަށް ފަހު ގެންނެވި އިންގިލާބީ  ބަދަލާ ގުޅިގެން ބަޔަކު  ހަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް  ލިޔުއްވަނީ ކަމަށެވެ. 

ފެނަކައާ ބެހޭގޮތުން  ބައެއް އޮންލައިންތަކުގައި  ލިޔެފައިވާ  ހަގީގަތާ  ހިލާފު  ވާހަކަތަކަކީ  އެކުންފުނި ހޯދަމުންދާ  ކާމިޔާބީތަކަށް ހަސަދަވެރިވާ، މަދު ބަޔަކު، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި  ވެރިންގެ އަބުރު ކަތިލުމަށް  ހިންގަމުންދާ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ވަނީ ބުނެފައެވެ.  

ފެނަކައިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކާއި އެހިދުމަތްތައް ފޯރުކޮށްދެއްވުމަަށް ކުރެވޭ މަސައްކަތްތަކަށް ފާޑުކިޔުމަށް  މަރުހަބާކިޔާކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ. 

ކުންފުންޏާއި ކުންފުނީގެ ވެރިންނާ ބެހޭގޮތުން އެކިފަރާތްތަކުން  ހާމަކުރަމުންދާ  ހަގީގަތާ ހިލާފު ވާހަކަތަކުން، އަމަނާތްތެރިކަމާ އެކު އެކުންފުނިން ރައްޔިތުންނަށް ދެމުންދާ އަސާސީ  ހިދުމަތްތައް ފޯރުކޮށް ދިނުމުގައި  އެންމެ ހިނދު ކޮޅަކުވެސް ފަސްޖެހުމެއްނެތި  މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ފެނަކައިން ވަނީ ރައްޔިތުންނަށް ދީފައެވެ. 

ބައެއް އޮންލައިން ނޫސްތަކުގައި ވަނީ،  ކުންފުނީގެ ބަޖެޓުން ޚަރަދު ކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަ ނުކުރުމާއި ކުންފުނިތަކުގެ އަހަރީ ދުވަސް ފާހަގަ ނުކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވަނިކޮށް، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މަގާމާއި ހަވާލުވިތާ ދެ އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކޮށްފައިވާކަމަށެވެ. އަދި އެ ކުންފުންޏަށް ތުޙުމަތު ކުރެވޭ ކޮރަޕަޝަންގެ ބައެއް އަމަލުތަކުގެ ވާހަކަ ވެސް ބައެއް އޮންލައިން ނޫސްތަކުގައި ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.