މާލޭގެ ތޮއްޖެހުން ހައްްލު ކުރުމަށް ޕާކިން އިމާރާތްތަކެއް

ބުރިބުރީގައި ޕާކްކުރެވޭ ގޮތަށް ޕާކިން ބިލްޑިން ނުވަތަ އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ކުރިއަށް ރޭވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ރައީސް ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

މޭޔަރު މިކަން ހާމަކުރެއްވީ، އެސްޓީއޯގެ އިޖުތިމާއީ ޒިންމާގެ  ދަށުން، އެކުންފުނީގެ މައި އޮފީސް ކައިރީގައި، ކުރީގެ ވެސްޓްޕާކް ސަރަޙައްދުގައި ހެދި ބަސް ސްޓޮޕާއި ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޭޔަރު ވިދާޅުވީ ބުރިބުރިއަށް އަރާ ޕާކިން ޖާގަ ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީއާއެކު ސިޓީ ކައުންސިލުން ކުރަމުންދާކަމަށެވެ. އެކަމަށް  އިއުލާން ކުރުމުގެ މަސައްކަތާ ހިސާބަށް ގެންދިއުމަށް ވަނީ މަސައްކަތް ފަށްޓަވައިފައި ކަމަށް ވެސް  ވިދާޅުވިއެވެ. ހަތަރު ފަސް ތަނެއްގައި ޕާކިން ކަންތައް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. 

ޕާކިން ގޮތުގައި އެކިއެކި އުޅަނދު ފަހަރަށް، މިހާތަނަށް އަށް ހާހަށް ވުރެ ގިނަ ޖާގަ،  ހެދިފައިވާކަމަށް މޭޔަރު ޝިފާ ވިދާޅުވިއެވެ. މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ ވައުދެއްކަމަށް ފާހަގަކުރައްވައި،  އެވައުދު ފުއްދެމުން ދާކަން ރައްޔިތުންނަށް ފެންނަ ހިސާބަށް ގެނެވިފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. 

މާލެސިޓީ ކައުންސިލުން މިހާރު ފަށާފައިހުރި މަސައްކަތްތައް، ދެން އަންނަ ކައުންސިލަކުން ވެސް  ބާރު ސްޕީޑްގައު ކުރިއަށް ގެންދެވޭނެކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް މޭޔަރު ޝިފާ ވިދާޅުވިއެވެ. ވައުދުތައް ފުއްދާ ކޮޅެއްގައި ޖެެއްސުމަށް، ސަރުކާރަށް ތާއިދުކުރާ  ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ބަޔަކު ސިޓީކައުންސިލަށް  އިންތިޚާބުކުރަން ދުރާލާ ވިސްނުމަށް މޭޔަރު ޝިފާ އެދިވަޑައިގެންނެވިއެވެ. 

"އެތަކެއް ސަބަބުތަކާ ހެދި މި މާލެ ސިޓީއަށް ވަރަށް ގޯނާއާއި އަނިޔާ ލިބިއްޖެ. އެތަކެއް ދުވަސްތަކެއް ފާއިތުވެއްޖެ. ސިޓީ ކައުންސިލް މަގުމަތިވުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކެއް ހުއްޓި ހަތް އަހަރު ހިނގައްޖެ.  މާލޭ ރައްޔިތުން އެގޮތެއް ބޭނުމެއް ނުވޭ ، މާލޭ ސިޓީ ރައްޔިތުން ދުއްވައިގަންނަން ބޭނުންވޭ، ކަންކަން ޙާސިލްކުރަން ބޭނުންވޭ "  މޭޔަރު ޝިފާ ވިދާޅުވިއެވެ. 

މާލޭގެ ތޮއްޖެހުން ހައްްލު ކުރުމަށް ޕާކިން އިމާރާތްތަކެއް  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.