ފަނޑިޔާރުންނާ ގުޅިގެން ސަރުކާރު ވައްޓާލަން ރޭވިކަމަށް ތުހުމަތު ކުރެވޭ  މައްސަލަ ބަލަންޖެހޭ:  ކުރީގެ އުއްތަމަ ފަނޑިޔާރު

ފަނޑިޔާރުންނާ ގުޅިގެން ޤާނޫނީ ސަރުކާރު ވައްޓާލަން ރޭވިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ބަލަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު  ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. 

އޭނާ ކުރެއްވި ޓްވީޓެއް ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން  ފަނޑިޔާރުން  ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.  ބަލަންޖެހޭ ހަގީގީ  މައްސަލައަކީ، ގާއިމުވެ އޮތް  ގާނޫނީ ސަރުކާރު ވައްޓާލަން، ފަޑިޔާރުންނާ ގުޅިގެން ރޭވިކަމަށް ތުހުމަތު ކުރެވުނު ނުވަތަ  ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިމޭރުމުން ވާހަކަ ދެއްކެވީ  އަލުން ބަލަން ޖެހޭ ބޮޑު ދެމައްސަލައިގެ ތެރޭގައި ރައީސް ނަޝީދުގެ އަމުރަށް ޢަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައާއި ރައީސް ޔާމީންގެ އަމުރަށް ސްޕްރީމް ކޯޓުން ޓިނު ނަގައިގެން ފަަނޑިޔާރުން ހައްޔަރުކުރި މައްސަލަ ކަމަށް ވިދާޅުވެ އަލްހާން ފަހުމީ ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. 

2018 ވަނަ އަހަރުގެ  ފެބުރުއަރީ 1 ގައި ، އެއިރު ޖަލުގައި ތިއްބެވި ސިޔާސީ ގިނަ ބޭފުޅުންތަކެއް  ދޫކޮށްލުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. އެއަމުރު ނެރެފައި ވަނީ އޭރު ތިއްބެވި ފަސް ފަނޑިޔާރުންގެ  އިއްތިފާގުންނެވެ. ފެބުރުއަރީ އެކެއްގެ އަމުރު ނެރުނީ، އެއިރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ޙަމީދާއި އެއިރުގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް އޭރު ސަރުކާރުން ތުހުމަތުކުރެއްވިއެެވެ. 

ފެބުރުއަރީ 1 ގައި ސްޕްރީމްކޯޓުން ނެރުނު އަމުރަކީ ޤާނުނީ ގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށް ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް، އަދި ބާކައުންސިލްގެ މެންބަރު ، މަޝްހޫރު ޤާނޫނީ ވަކީލު އަޙުމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އޭރު ސްޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ  އިއްތިފާގުން ނެރުނު އެ އަމުރަށް އަދި އޭގެ ނަތީޖާއަށް  އެ ފަސް ފަނޑިޔާރުންވެސް ޒިންމާވާން ޖެހޭނެކަމަށް ދެކެވަޑައި ގަންނަވާ ކަމަށް  އޭނާ ވިދާޅުވިއެވެ. ކުރީގެ ޕީޖީ މިމޭރުމުން ވާހަކަ ދެއްކެވީ ފެބުރުއަރީ އެކަކާ ގުޅޭ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.