ކޯޓުގެ ތަކުގެ އިދާރީ ކަންކަމާ ބެހުމުގެ ބާރު އެއްވެސް އިދާރާއަކަށް ލިބިގެން ނުވޭ: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 155ވަނަ މާއްދާ އާއި 156ވަނަ މާއްދާގެ ނައްޞުން ކަނޑައެޅިގެން އެނގި، ސާފުވާ ގޮތުން ޝަރުޢި ކޯޓުތައް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކުގެ އިތުރުން ކޯޓުތަކުގެ ހިންގުމާއި އިދާރީ ކަންކަމާ ބެހޭ ގަވާއިދުތައް ހެދުމުގެ ބާރު އޮންނަނީ ކޯޓުތަކަށެވެ.

"ގާނޫނު އަސާސީން އަދުލު އިންސާފު ގާއިމުކުރުމނުގެ ބާރަށް ދީފައިވާ ހައިސިއްތަތާއި ދައުރު ނިގުޅައިނުގަނެވޭނޭ ގޮތުގެ މަތީން ދުސްތޫރި ގޮތުން ހެޔޮ އަސާސްތަކުގެ މަތީގައި ހެދޭ ގާނޫނުގެ އިތުރުން، ކޯޓުތަކުގެ އިދާރީ އެއްވެސް ކަމަކާ ބެހޭގޮތުން އެއްވެސް އުސޫލެއް ހެދުމަކީ، ނުވަތަ އެއްވެސް ގޮތެއް ކަނޑައެޅުމަކީ، ނުވަތަ އެއްވެސް ސިފައެއްގައި ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން ވިޔަސް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވިޔަސް އަދި ދައުލަތުގެ އެހެން އެއްވެސް ފަރާތަކަށް ނުވަތަ އިދާރާއަކަށް ލިބިގެންވާ ބާރެއް ނޫނެވެ." އުއްތަމަ ފަނޑީޔާރު ވިދާޅުވިއެވެ.

އެހެންކަމުން، ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަމުގެ މައްޗަށް ބާރު ފޯރުވައި އިދާރީ ނިޒާމުގެ ތެރެއަށް އަތް ބާނައި ކޯޓުތައް ހިންގާންވީ ގޮތް ކަނޑައެޅެުން ފަދަ ކަންކަން ކުރުުމުގެ ބާރުވެސް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އެގޮތަށް އަމަލުކުރުމުން ނުކުންނާނޭ ނަތީޖާއަކީ "ގާނޫނު އަސާސީ އާއި ގާނޫނުގެ ބާރު ކަނޑުވާލައި ކޯޓުތަކގުެ މަސައްކަތަށް ދަތިކޮށް ހުރަސްއަޅައި، ދިވެހި ދައުލަތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހުއްޓުވައި، ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭނޭ ފަދަ ބިރުވެރިކަމާއި ނުފޫޒާއި ދަތިކުރުމުގެ މާހައުލެއް އުފެއްދުން" ކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތަކަކީ ޢައިރު ދުސްތޫރީ އަދި ޢައިރު ގާނޫނީ އަމަލަތަކެއްކަން މުޠުލަގަށް ސާފުވާނޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ސުޕްރީމް ކޯޓުގެ ދަށުން އެތަން ހިންގި އިރުވެސް އެއްވެސް ކޯޓެެއްގެ ކޯޓް-ލެވެލް އެޑްމިނިސްޓްރޭޝަނުގެ އެއްވެސް ޒިއްމާއެއް ހަވާޅުކޮށްފައި އޮތް އިދާރާއެއް ނޫންކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެ އިދާރާ ޖުޑީޝާލް ސަރވިސް ކޮމިޝަންގެ ދަށަަށް ބަދަލުކުރެވިފައި ވީ ނަަމަވެސް ޖުޑީޝާލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 13 އަދި 14ވަނަ މާއްދާއިން ސާފުކޮށް އެނގޭ ގޮތުގައި އެ ގާނޫނުން ވެސް ޑީޖޭއޭ އާ ހަވާލުކޮށްފައި ވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން ކަން ފާހަގަކުރެއްވިއެވެ.

"އެ ގާނޫނުގެ ދަށުންވެސް ޑިޕާޓްމަންޓުތަކަށް ޝަރުޢީ ކޯޓުތަކުގެ އެތެރޭގެ އިދާރީ ނިޒާމުގެ ކަންކަމާ ބެހުމުގެ އެއްވެސް ބާރެއް ލިބިދީފައި ނުވާނެ" ކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކޯޓެއްގެ އިދާރީ އިންތިޒާމުތައް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުން ބެލިޔަސް ކޯޓެއްގެ އިދާރީ ނިޒާމުގެ މައްޗަށް ކޯޓުން ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒާއި ބާރު ފޯރުވުމަކީ ގަބޫލުނުކުރެވޭނޭ ކަމެއްކަން ސާފުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަަށް އުއްތަމަ ފަނޑިޔާރުގެ ބާރު ނުހިނގާ ގޮތަށް ނިޒާމު ބޭއްވުމަކީ ރައީސުލްޖުމުހޫރިއްޔާގެ އޮފީސް ހިންގުމަށް ރައީސުލްޖުމުހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނަ ގޮތަށް ހެދުންފަދަ ކަމެކެވެ. ނުވަތަ އެއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް ބާރެއް ނޯންނާނޭ ގޮތަށް ހެދުންފަދަ ކަމެކެވެ. މިގޮތަށް އަމަލު ކުރުމުން "ސުޕްރީމް ކޯޓުގެ ބާރު ކެނޑި ގާނޫނު އަސާސީން އެ ކޯޓަށޤ ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައިގަނެ، ޝަރުއީ ކޯޓުތައް ނިކަމެތިކޮށް، ފަނޑީޔާރުންގެ މަސައްކަތަށް ހުރަސް އަޅައި، ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ދަތިކޮށް، އަދުުލު އިންސާފު ގާއިމުކުރުމުގެ މުޅި ނިޒާޟު ފުނޑުފުނޑު ކޮށްލުމުގެ ގޮތުން ހިންގޭ ޣައިރު ގާނޫނީ އަދި ޢަައިރު ދުސްތޫރީ އަމަލުތަކެއް ކަމުގައި މެނުވީ ބެލެވޭނެ ތަނެއް ނެތެވެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. 

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ޝަރުއީ ކޯޓުތަކަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އޮންން ކޮމެޓީއެއްގެ ބެލުމުގެ ދަޑުން ހިނގާ ތަންތަން ކަމުގައި ހެދޭނޭ އެއްވެސް ގޮތެއް ގަނޫނު އަސާސީ އާއި ގާނޫނު އަސާސީން އެކަށައަޅާ ގާނޫނުގެ ހުކުމް ދެމިއޮތްހައި ހިނދަކު ނޯންނާނެ" ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އޮޅުވައިލުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ކޯޓުތަކަށް ކަމަށް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓަކީ އެ ބާރުގެ އެންމެ އިސް ފަރާތްކަން ގާނޫނު އަސާސީން ޝައްކެއް ނެތް މިންވަރަށް އެނގި، ސާފުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ބަޔާނަކީ ފަނޑިޔާރުގެ ގޭގެ ދުސްތޫރީ އަދި ގާނޫނީ ބާރު ކެނޑޭ ގޮތަށް ކޯޓުތަކުގެ ކަންކަމާއި "ފަނޑިޔާރުންގެ މަަސައްކަތާ ބެހި" ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅަައި ދަތިކުރުމުގެ ބީދައިން "ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކުގެ އިދާރީ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތް ބާނަމުން ދާ ކަމުގެ ޝަކުވާ" ސުޕްރީމް ކޯޓަށް ލިބެމުންދާތީ ނެރުއްވި ބަޔާނެކެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.