ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ އެސެޓްތަކުގެ އަގު 2024 ވަނަ އަހަރު 3.69 ޓްރިލިއަން ޑޮލަރަށް އަރާނެ: ރިޕޯޓް

ދުނިޔޭގެ މާލީ ބާޒާރުގައި އިސްލާމިކް ފައިނޭންސްގެ އެސެޓްތަކުގެ އަގު 2024 ވަނަ އަހަރު 3.69 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައީޑީބީ)ގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ ބައިނަލްއަގުވާމީ ޓާޑާ ފޯރުކޮށްދޭ ކުންފުނި ރެފިނިޓިވްއާއި އައިޑީބީގެ ޕްރައިވެޓް ސެކްޓާ ތަރައްގީކުރުމާ ބެހޭ ގޮފި، އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގުޅިގެން ނެރުނު އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް ރިޕޯޓް 2020 ގައެވެ.

ރިޕޯޓުގައި ވާގޮތުން ފާއިތުވި 2019 ވަނަ އަހަރު އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް %14 ގެ ކުރިއެރުމެއް ލިބި އެދާއިރާގެ އެސެޓްތަކުގެ އަގު ވަނީ 2.88 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. އިސްލާމިކް ފައިނޭންސުގެ ބޮޑު ބައެއް ހިއްސާކުރަނީ އިސްލާމިކް ބޭންކިންގ ދާއިރާއިންނެވެ. އެ ދާއިރާވެސް 2019 އަހަރު %14 ގެ ކުރިއެރުމެއް ހޯދާފައިވާއިރު އެ ދާއިރާގެ އެސެޓްތަކުގެ އަގު ވަނީ 1.99 ޓްރިލިއަން ޑޮލަރަށް އަރާފައެވެ.

ދުނިޔޭގައި އިސްލާމިކް ފައިނޭންސް އެންމް ބޮޑަށް ތަރައްގީވެފައިވާ 5 ގައުމުގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ މެލޭޝިޔާ، އިންޑޮނޭޝިޔާ، ބަހްރޭން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައޫދީ އަރަބިއްޔާއެވެ.

މި ރިޕޯޓު ތައްޔާރުކުރަނީ 135 ގައުމުއްގެ އިސްލާމިކް ފައިނޭންސް ދާއިރާގައި މުއާމަލާތްތައް ހިނގާ މިންވަރާއި، މައުލޫމާތު އާއްމުވެފައިވާ މިންވަރާއި، ދާއިރާގެ އިދާރީ ހިންގުން ހަރުދަނާވެފައި މިންވަރާއި، ހޭލުންތެރިކަން އިތުރުކުރުމަށްކުރެވޭ މަސައްކަތާއި، ކުންފުނިތަކުން އިޖްތިމާއީ ޒިންމާއަދާކުރާ މިންވަރަށް ނަލައިގެންނެވެ.

ދުނިޔޭގެ ތަފާތު ސަރަހައްދުތަކަށް ބަލާއިރު، އިލްސާމިކް ފައިނޭންސް އެސެޓްތައް ފާއިތުވި އަހަރު އެންމެ ގިނައީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީގެ) ގައުމުތަކުގައެވެ. އެއީ 1.2 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. ދެން މެދުއިރުމައްޗާއި އުތުރު އެފްރިކާ (ގްލްފްގެ ގައުމުތައް ނުހިމަނައި) އެވެ. އެއީ 775 ބިލިއަން އެމެރިކާ ޑޮލަރެވެ. 685 ބިލިއަން އެމެރިކާ ޑޮލަރާއެކު ތިންވަނައިގައި އޮތީ ދެކުނުއިރުމަތީ އޭޝިޔާ ސަރަހައްދެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.