ބައިނަލްއަޤުވާމީ ބައްދަލުވުމެއްގައި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް އިން ބައިވެރިވެއްޖެ

index

އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާގައި ކުރިޔަށްދާ، އިންޓަރނޭޝަނަލް އިސްލާމިކް ލިކިއުޑިޓީ މެނޭޖްމަންޓް ގެ ތިންވަނަ މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑުން ބައިވެރިވެއްޖެއެވެ. މިބައްދަލުވުމުގައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބޭނުން ކުރެވިދާނެ ލިކިއުޑިޓީ މެނޭޖްމަންޓް އިންސްޓްރޫމަންޓް ތަކާއި ބެހޭގޮތުން ކަރުދާހެއް ހުށަހެޅޭނެވެ. މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ކަރުދާސް ހުށަހަޅުއްވައި ދެއްވާނީ މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑުގެ ޗެއަރޕަރސަން ޑރ. ޢާއިޝަތު މުނީޒާއެވެ.

މިއީ އިންޓަރނޭޝަނަލް ލިކިއުޑިޓީ މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މިފަދަ ތިންވަނަ ރައުންޑްޓޭބަލް ލިކިއުޑިޓީ މެނޭޖްމަންޓް ބައްދަލުވުމެވެ. މޭ މަހުގެ 19 އިން 20 އަށް ކުރިއަށްދާ މި މަޝްވަރާބައްދަލުވުމަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ބޭނުންކުރުމަށް، ފެންވަރު ރަނގަޅު ކުރުރާސްތާގެ ލިކިއުޑިޓީ އިންސްޓްރޫމަންޓްތައް ތަރައްޤީކުރުމަށްޓަކައި ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ދުނިޔޭގެ އިސްލާމިކް ފައިނޭންސްދާއިރާގެ ފުންނާބުއުސް ތަޖުރިބާކާރުން ބައިވެރިވެ ކަރުދާސް ހުށަހަޅުއްވާނެއެވެ.

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ދީދީ ވިދާޅުވިގޮތުގައި، މި މަޝްވަރާ ބައްދަލުމުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ބޭންކް ތަކާއި އިސްލާމީ ފައިނޭންސްގެ ޚިދުމަތްދޭ އެހެނިހެން ފަރާތްތަކަށް ލިކިއުޑިޓީ މެނޭޖްކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުލިބިގެންދާނެއެވެ.

ދެ ދުވަހަށް ދެމިގެންދާ މި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ލިކިއުޑިޓީ މެނޭޖްމަންޓް ކޯޕަރޭޝަންގެ ސީ.އީ.އޯ އަދި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރ ޕްރޮފެސަރ ދާތުކް ރިފާތު އަޙްމަދު ޢަބްދުލް ކަރީމް އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.