އަނިޔާ ހުއްޓުވުމުގައި ފިރިހެނުންގެ ދައުރު ބޮޑުކަމަށާއި އަނިޔާ ހުއްޓުވޭނީ ފިރިހެނުންގެ ބައިވެރިވުން އޮވެގެން ކަމަށް މިނސްޓަރ އޮފް ޖެންޑަރ، ފެމިލީ، އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. ގެވެށި އަނިޔާއާ ދެކޮޅަށް މިއަދު ފެށި "ގެވެށި ގުޅުން" ކެންޕޭނު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝާ ވަނީ އަނިޔާ ހުއްޓުވުމަށް މިނިސްޓްރީން ކުރައްވާ މަސައްކަތުގައި ބައިވެރިވުމަށް ފިރިހެނުންގެ ކިބައިން އެދިވަޑައިގެންފައެވެ. "އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުން މި މަސައްކަތުގައި ފިރިހެން ބޭފުޅުންގެ ރޯލު، ފިރިހެން ބޭފުޅުންގެ ހިއްސާ. އަނިޔާ ހުއްޓުވޭނީ ތިޔަ ލޮބުވެތި ފިރިހެން ބޭފުޅުން އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި މިއަދު އެ މިނިސްޓްރީން ފެށި ކެންޕޭނުގައި ފިރިހެނުންގެ ބައިވެރިވުން ފާހަގަކުރެއްވިއެވެ. އެގޮތުން ކެންޕޭނުގެ މަސައްކަތުގައި ފިރިހެން ފަންނާނުންނާއި، އެހެން ކްރިއޭޓިވް އާޓިސްޓުންނާއި އަދި މިއަދުގެ ރަސްމިއްޔާތު ދުރަށް ދެއްކުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ފިރިހެނުންކަން ފާހަގަކުރެއްވިއެވެ. "މި މަސައްކަތުގައި ހިލޭ ސާބަހަށް ތި ކޮށްދެއްވަނީ މި ކަމާ ދެކޮޅަށް (ގެވެށި އަނިޔާއާ ދެކޮޅަށް) ތިބޭފުޅުން ތެދުވެ ވަޑައިގެންނެވިކަން ރައްޔިތުންނަށް އަންގައިދެއްވުމަށް ކުރައްވާ މަސައްކަތް." މިނިސްޓަ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ފަރުދާގެ ބިއްދޮށުގައި އަދި ފަރުދާގެ ފަހަތުގައި މަސައްކަތްކުރަމުންދާ ފިރިހެނުންނާ އެކު ގެވެށި އަނިޔާއަށް ނޫނެކޭ ބުނުމަށް ޖުމްލަކޮށް، ހުރިހާ ފިރިހެނުން ބައިވެރިވުމަށް ޢާއިޝާ އެދިވަޑައިގެންނެވިއެވެ.
"... މި ނަމޫނާ ފިރިހެން ބޭފުޅުންނާއެކު ތިބޭފުޅުން ވެސް ނިކުމުވަޑައިގަންނަވާށޭ، ބައިވެރިވެ ވަޑައިގަންނަވާށޭ. އަނިޔާއަށް ނޫނެކޭ ބުނާށޭ، މި ކަން ހުއްޓަމާތޯ އޭ، މިކަން ހުއްޓަމާތޯ އޭ!" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި ގެވެށި އަނިޔާ ހުއްޓުވޭނީ އެންމެން އަތުގުޅާލައިގެން އެކަމަށް ނޫނެކޭ ބުނެގެންނެވެ. އެހެންކަމުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، ރަށު އަދި އަތޮޅު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ހުރިހާ ފަރާތްތަކުން ގެވެށި އަނިޔާއާ ދެކޮޅަށް މިނިސްޓްރީން ކުރާ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި މިއަދު ފެށި ކެންޕޭނަކީ އެކަމަށް މަސައްކަތްކުރުމަށް ހުޅުވާލެވޭ މަންސައެއް ކަމަށް ވިދާޅުވިއެވެ.
"މިއަދު މިފަށާ ކެންޕޭނަކީ ޕްލެޓްފޯމެއް... މި ޕްލެޓްފޯމް ބޭނުންކޮށްގެން ގޭތެރެއިންވެސް، ރަށު ފެންވަރުގައިވެސް، އަދި އަތޮޅު ފެންވަރުގައި ވެސް، އަދި ގައުމީ ފެންވަރުގައި ވެސް މިކަން (ގެވެށި އަނިޔާ) ހުއްޓުވުމަށް މަސައްކަތް ކުރެވޭނެ. އުއްމީދުކުރަން އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ ބޭފުޅުން ދުވަހުން ދުވަހަށް ގިނަވެގެންދާނެ ކަމަށް. ރިޕޯޓުކުރުމަށް ކެރޭ ރައްޔިތުން ގިނަވެގެންދާނެކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.
މައްސަލަތައް ރިޕޯޓުކުރުމުން އޭގެ ސަބަބުން ނުކުންނާނެ ކަންކަން ހައްލުކުރުމުގައި އެންޖީއޯތަކުން މިނިސްޓްރީއާއެކު މަސައްކަތް ކުރަން ނުކުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކެންޕޭނުގެ ސަބަބުން ރިޕޯޓުކުރުން އިތުރުވެ، ރިޕޯޓުކުރާން ކެރުން އިތުރުވުމުގެ އިތުރުން، ގެވެށި ގުޅުންބަދަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މި ކެންޕޭނަކީ "ގެވެށި ގުޅުން". އަޅުގަނޑުގެ އުއްމީދަކީ މީގެ ސަބަބުން ހަމައެކަނި ރިޕޯޓިން އިތުރުވެފަ، ކެރުން އެކަންޏެއް ނޫން، ގެވެށި ގުޅުމުގެ ސަބަބުން އާއިލާތަކުގު ތެރޭގައި ލޯތްބާއި، ކުލުނާއި، އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި، އަންހެން ކުދިންނަށް ފިރިހެން ކުދިން އިހްތިރާމުކުރަން ދަސްކޮށްދިނުމާއި، ފިރިހެން ކުދިންނަށް އަންހެން ކުދިން އިހްތިރާމް ކުރަން ދަސްކޮށްދިނުމާއި، އަޅުގަނޑުމެން އިންސާނުންގެ ގޮތުގައި އެކަކު އަނެކަކަށް ކަމޭހިތަން ޖެހޭ ސަބަބުތަކާއި. މިކަހަލަ މުހިއްމު، އޭގެ ސަބަބުން އާއިލާ ބަދަހިވާނެ އެތައް ކަމެއް ވެގެންދާނެ ކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ފެށި މަސައްކަތަކީ މިހާރު އާދަޔާ ޚިލާފަށް ރިޕޯޓުކުރުން އިތުރުވެފައިވާ ގެވެށި އަނިޔާ، ޖިންސީ ގޯނާގެ މައްސަލައަށް ވާހަކަދައްކާނެ ޕްލެޓްފޯމެއް ހޯދުމުގެ މަގްސަދުގައި މިނިސްޓްރީން ފަށާ ކެންޕޭނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް އަނިޔާ ލިބޭ ފަރާތްތަކުން އަމަލުކުރަންވީ ގޮތާއި، ސަރުކާރާއި އަމިއްލަ ކުންފުނިތަކުން އަމަލުކުރަންވީ ގޮތް ހޯދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންމެ މީހަކީ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މީހަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން އަނިޔާ ލިބުމުން ރިޕޯޓުކުރުމާއި، އަނިޔާ ކުރާތަން ފެނުމުން އެކަން ރިޕޯޓުކުރުމުގެ ހިތްވަރު ހޯދައި އެކަން ރިޕޯޓުކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ. މައްސަލަތައް ފެނި، މަސްލަހަތަށްޓަކައި އެކަން ރިޕޯޓުނުކުރުމުން ދެން ލިބޭ އަނިޔާއާއި ގެއްލުމާ މެދު ވިސްނުމަށް ވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.