ދައުލަތުން ނަގާ ދަރަނީ ގެ ތަފްސީލު، މަޖިލީހަށް ހާމަކުރަންޖެހޭ އިސްލާހެއް ހުށަހަޅައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުން ނަގާ ދަރަނީ ގެ ތަފްސީލު. ތިންމަހުން ތިންމަހުން މަޖިލީހަށް ހުށަހަޅަންޖެހޭ އިސްލާހެއް  ބަޖެޓަށް ހުށަހަޅައިފިއެވެ. މި އިސްލާހު ބަޖެޓަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އެވެ. 

ދަރަނީގެ ތަފްސީލު މަޖިލީހަށް ކުއާޓަލީ ރިޕޯޓެއްގެ ގޮތުގައި ހުށަހަޅަން ޖެހޭ ގޮތަށް ބަޖެޓަށް އިސްލާހު ހުށަހެޅިކަން މެމްބަރު އީވާ ހާމަކުރެއްވީ ބަޖެޓު ރިޕޯޓުގެ ބަހުސުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

އޭނާ ވިދާޅުވީ ދައުލަތުން ނަގާ ލޯނާއި ސޮވެރިން ގެރެންޓީ އާއި އަދި ޓީބިލާއި ސުކޫކުފަދަ ތަކެތި ގަންނަ ނަމަ އެކަމުގެ ތަފްސީލު ކުއަރޓަލީ ރިޕޯޓެއްގައި ފައިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުވަން ޖެހޭ ގޮތަށް  އިސްލާހު ހުށަހަޅައިފައި ވާނެ ކަމަށެވެ. އެގޮތަށް އިސްލާހު ހުށަހެޅުއްވީ ބަޖެޓު ބަހުސުގައި ދެއްކެވި ވާހަކަފުޅުގައިވެސް އެކަން ފާހަގަ ކުރެވުމުން ރިޕޯޓުގައި އެކަން ހިމަނައިފައި ނެތުމުން ކަމަށެވެ. އެ އިސްލާހުގައިވާ ކަންކަމަކީ އޮޓޮމެޓިކަލީވެސް ވާންޖެހޭނެ ކަންކަން ކަމަށް ދެކެވަޑައި ގަންނަވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ފަސް އަހަރުގެ ދަރަނީގެ ތަފްސީލުތައްވެސް މަޖިލީހަށް ލިބުނީ އެމައްސަލަ މަޖިލީހުން ބަލަން ފެށުމުން ކަމަށް، މެމްބަރު އީވާ ފާހަގަ ކުރެއްވިއެވެ. 

ސޮވެރިން ގެރެންޓީ ދީގެން ހިންގާ މަޝްރޫއުތައް ފިނޭންސް މިނިސްޓްރީން ފުރިހަމައަށް މޮނިޓަރ ކުރަން ޖެހޭނެ ކަމަށް ބުނާ އިސްލާހެއްވެސް މެމްބަރު އީވާ ވަނީ ހުށަހަޅުއްވައިފައެވެ. 

ސޮވެރިން ގެރެންޓީ ދީގެން ހިންގާ މަޝްރޫއުތައް މާލިއްޔަތު ގަވާއިދުގައި މޮނީޓަރ ކުރަންޖެހޭނެކަމަށް ބުނެފައި ވީނަމަވެސް މަޖިލީހުން އެކަން ބެލި އިރު ސޮވެރިން ގެރެންޓީ ދީގެން ހިންގާ މަޝްރޫއުތައް ފުރިހަމައަށް މޮނީޓަރ ކުރެވިފައި ނުވާކަން މެމްބަރު އީވާ ފާހަގަ ކުރެއްވިއެވެ. 

ބަޖެޓް ކޮމެޓީގެ ރިޕޯޓަށް ހަ އިސްލާހެއް ހުށަހެޅިފައިވާ ކަމަށް މަޖިލީހުގެ ރައީސް ވެސް ވަނީ ވިދާޅުވެފައެވެ. ބަޖެޓް ކޮމެޓީގެ ރިޕޯޓަށް ހުށަހެޅުނު އިސްލާހުތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނީ ރިޕޯޓުގެ ބަހުސު ނިމުމުންނެވެ. 

ބަޖެޓު ކޮމެޓީ ރިޕޯޓުގައި ވެސް ގިނަ ރެކޮމެންޑޭޝަން ތަކެއް ވަނީ ހުށަހަޅައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.