އިސްލާމީ 11 ގައުމަކަށް ޔޫއޭއީން ވިޒިޓް ވިސާ ނުދޭން ނިންމި ސަބަބު އަދިވެސް ސާފުކޮށްނުދޭ

އިސްރާއީލުގެ ޓެލްއަވީވުން ދުބާއީއަށް ދިޔަ ފްލައި ދުބާއީގެ ފުރަތަމަ ފްލައިޓުން ދަތުރުކުރި އިސްރާއީލު މީހަކު އެ ދަތުރުގެ ހަނދާނީ ޓައިއެއް އަޅައިގެން

އިސްލާމީ 11 ގައުމަކާއި ލެބްނާން (ލުބްނާން) އަދި ކެންޔާއިން އަންނަ މީހުންނަށް ވިޒިޓް ވިސާނުދޭން މިމަހު މެދުތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުއްލި ގޮތަކަށް ނިންމި ނިންމުމާ މެދު މެދުއިރުމައްޗާއި އެފްރިކާގެ ގިނަ ޓްރެވެލް އެޖެންޓުންތަކެއް ހައިރާންކަން މަތީ ތިބިއިރު އެ ގައުމުން އަދިވެސް އެކަމާމެދު ވަކި އެއްޗެއް ނުބުނެއެވެ.

އެ ގައުމުން ރަސްމީކޮށް މިކަމާ ބެހޭ އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވާއިރު، ވިޒިޓް ވިސާ ނުދޭން ނިންމި ގައުމުތަކަށް އެކަން އަންގާފަވާ ކަމަށް ވެއެވެ.

މި ގައުމުތަކުގެ ތަފްސީލު ހާމަވެފައި ވަނީ ދުބައި އެއާޕޯޓުގެ ޑިއުޓީ ފްރީ ސަރަހައްދުން ލީކުވީ ސަރުކާރު ކުންފުންޏެއްގެ  ޑޮކިއުމެންޓަކުންނެވެ. އެ ޑޮކިއުމެންޓުގައި ވަނީ އެ ގައުމުތަކުގެ މީހުންނަށް ވިޒިޓް ވިސާ ނުދިނުމަށް އަންގާފައެވެ. ވިޒިޓް ވިޒާ ދިނުން މެދުކަނޑާލި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އީރާން، ސީރިޔާ (ސޫރިޔާ)، ތުރުކީ، ޓިއުނީޝިޔާ (ތޫނިސް)، ސޯމާލިޔާ، ޔަމަން، އަލްޖީރިޔާ (އަލްޖަޒާއިރު)، އަފްޣާނިސްތާން، ލީބިޔާ، ޕާކިސްތާން އަދި އިރާގުގެ އިތުރުން ލެބްނާން (ލުބްނާން) އާއި ކެންޔާއެވެ.

މި ގައުމުތަކަށް ވިޒިޓް ވިސާ ދިނުން މެދުކަނޑާލަން ނިންމި އިރު، ޔޭއޭއީން ވަނީ ޔަހޫދީ ދައުލަތް، އިސްރާއީލުގެ ޔަހޫދީންނަށް ވިސާއެއް ނެތި ޔޫއޭއީއަށް ވަދެވޭ ގޮތް ހަދާފައެވެ.

މިކަމާ ބެހޭގޮތުން ޔޫއޭއީގެ ފެޑެރަލް އޮތޯރިޓީ އޮފް އައިޑެންޓިޓީ އެންޑް ސިޓިޒެންޝިފްއާ ބޭރުގެ ޚަބަރުފަތުރާ އެޖެންސީތަކުން ސުވާލުކުރުމުން ޖަވާބެއް ދީފައި ނުވެއެވެ.

އެހެންނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުސްލިމުން އަޣުލަބިއްޔަތު އޮތް މި ގައުމުތަކުގެ ރައްޔިތުންނަށް ވިޒިޓް ވިސާ ނުދޭން ނިންމީ އިސްރާއީލާ  ގުޅުން ގާއިމުކޮށް، އިސްރާއީލުން ޔޫއޭއީއަށް ޒިޔާރަތްކުރާ މީހުން އިތުރުވަމުންދާއިރު، އެމީހުން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

ބޭރުގެ ޚަބަރުފަތުރާ އެޖެންސީއަކަށް ނުރަސްމީކޮށް މައުލޫމާތު ދެމުން ޔޫއޭއީގެ އޮފިޝަލަކު ބުނެފައި ވަނީ ވިސާ ދިނުން މެދުކަނޑާލީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމުގައެވެ. އޭނާ ވެސް އެ ސަބަބުތައް ހާމަނުކުރެއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާހިދު ހަފީޒް ޗައުދަރީ ވަނީ ޕާކިސްތާނު ރައްޔިތުންނަށް ޔޫއޭއީން ވިޒިޓް ވިސާ ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބު ސާފުކުރުމަށް ޔޫއޭއީ ސަރުކާރާ ގުޅައިގެން މަސައްކަތްކުރަމުން ދާކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.