މަޖިލީހުގެ މިދައުރު އިތުރު ހަފްތާއަކަށް ދިގުދަންމާލަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު ހަފްތާއަކަށް ދިގުދައްމާލުމަށް ފާސްކޮށްފިއެވެ. ޑިސެމްބަރ ހަތެއްގެ ނިޔަލަށް ދައުރު ދިގުކުރުމަށް ފާސްކުރެއްވީ 48 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.  އެއްމެމްބަރަކު މިކަމާ ދެކޮޅަށް ވޯޓް ދެއްވިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާފަށްޓަވަމުން މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ދައުރު ދިގު ދައްމާލެއްވުމުގެ ބޭނުންފުޅަކީ ބަޖެޓްފަދަ މުހިންމު މަސައްކަތް ތައް ނިންމުން ކަމަށެވެ.  ދައުރު ނިމުމުގެ ކުރިން ފުލުހުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލްގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް މަޖިލީހުގެ ރައީސް ދެކެވަޑައި ގަންނަވައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމެޓީން ނިންމި ގޮތުގެ ރިޕޯރޓް މަޖިލީހަށް ހުށަހަޅައި އެ ރިޕޯރޓްގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށްޓަވައިފައެވެ. އެ ރިޕޯރޓަށް ހަ އިސްލާހެއް ލިބިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް އިސްލާޙުތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނީ  ކޮމެޓީ ރިޕޯީރޓްގެ ބަހުސް ނިންމުމަށްފަހުއެވެ. 

މަޖިލީހުގެ ތިން ވަނަ ދައުރު ކަމަށް ކަނޑައެޅިފައިވަނީ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރ ނިޔަލަށެވެ. ނަމަވެސް 19 ވަނަ މަޖިލީހުން، މަސައްކަތްތައް ނިންމުމުގައި ދައުރު ދިގު ކުރުމަކީ އާއްމުކޮށް ކުރަމުން ގެންދާ ކަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.