ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭ ފަރަށް ކިސަޑު އެޅިފައިވަނީ އެފަރަށް ގާހުހުދުވުމުގެ މައްސަލަވެސް ކުރިމަތިވެފައި ވަނިކޮށް ކަމަށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުޤައްރިރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވެފައިވަނީ ގުޅިފަޅު ހިއްކަން ފެށުމުން ވިލިމާލޭގެ ފަރަށާއި އެސަރަހައްދުގެ ތިމާވެށްޓަށް ނޭދެވޭ އަސަރުކުރަމުންދާ މައްސަލައިގައި ތިމާވެށްޓާބެހޭ މިނިސްޓަރާއި ޕްލޭނިން މިނިސްޓަރާއި ކަމާބެހޭ އެނޫންވެސް މުއައްސަސާތަކާއެކު ބާއްވަމުންދާ ބައްދަލުވުން ފެށްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
މުޤައްރިރު މި މޭރުމުން ވާހަކަދެއްކެވީ ވިލިމާލޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޭވް ދަ ބީޗްގެ ފަރާތުން އިއްޔެ ހަވީރު ނަގައިފައިވާ ވިލިމާގޭ ފަރުގެ ފޮޓޯތަކާއި ވީޑިއޯތަކަށް އިޝާރަތް ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ފޮޓޯތަކަށް ބައްލަވައި މުޤައްރިރު ސަލީމް ވިދާޅުވީ ފޮޓޯތަކާއި ވީޑިއޯތަކުން ވަރަށް ސާފުކޮށް ފަރުގެ ޙާލަތު ދެނެގަނެވޭކަމަށެވެ. އޭނާ ވިދާޅުވީ އެގޮތުން އުތުރު ފަރާތުގެ ފަރު ރަނގަޅަށް ހުރި އިރު ދެކުނު ފަރާތަށް ވަރަށްބޮޑަށް ކިސަޑު އަރައިފައިވާކަން ފާހަގަކުރެވޭކަމަށެވެ. އަދި އެކިސަޑަކީ ވަރަށް ތާޒާކޮށް ހުރި ކިސްޑުކަންވެސް ފާހަގަ ކުރެއްވޭކަމަށެވެ. ވިލިމާލޭ ދެކުނު ފަރާތު ފަރަކީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ހިނގަމުންދާ ފަޅިއެވެ. އަދި ވިލިމާލޭ ފަރަށް ކިސަޑު އެޅިފައި މިވަނީ އެފަރަށް މުރަކަ ހުދުވުމުގެ މައްސަލަ ދިމާވެފައިވަނިކޮށް ކަމަށް ވެސް މުޤައްރިރު ފާހަގަ ކުރެއްވިއެވެ. ގާހުދުވުމުގެ މައްސަލަ ދިމާވާ ދުވަސް ކޮޅުގައި ފަރަށް ކިސަޑު އެޅުމަކީ ފަރަށް ލިބޭ ގެއްލުން އިތުރަށް ބޮޑުވެގެންދާނެކަމެއްކަމަށް ވެސް ތިމާވެށީގެ ދާއިރާގެ ފަންނީ ބޭފުޅެއްކަމުގައިވާ ސަލީމް ވިދާޅުވިއެވެ. ވިލިނމާލޭގެ ފަރުގެ ދިރުން ހުރީ އާއްމުކޮށް ރާއްޖޭގެ އެހެން ރަށްރަށުގެ ފަރުތަކުގައި ވެސް ދިރުންހުރި މިންވަރަށްކަމަށް ވެސް މުޤައްރިރު ފާހަގަ ކުރެއްވިއެވެ. އެ ފަރުގެ މުރަކައިގެ ދިރުން ހުރީ 25 އިންސައްތައާއި 30 އިންސައްތައިގައިކަން ފާހަގަ ކުރެއްވިއެވެ.
ގުޅިފަޅު ހިއްކުމުގެ މަސައްކަތުގައި ވިލިމާލޭގެ ފަރަށް ގެއްލުންވެ އެސަރަޙައްދުގެ ތިމާވެށްޓަށް ލިބެމުންދާ ގެލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވިލިނމާލޭ މެމްބަރާއި މޯލްޑިވްސް ކޮރަލް އިންސްޓިއުޓުން ވަނީ ކޮމެޓީއަށް ސިޓީ ފޮނުވައިފައެވެ. ކޮންރަލް އިންސްޓިޓިއުޓުން ފާހަގަކޮށްފައި ވަނީ ރައްކާތެރި ކަމުގެ ޝީލްޑް ޖަހައިގެން މަސައްކަތްކުރިނަމަ ފަރަށް ކިސަޑް އެޅުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށެވެ. ކޮންސަލްޓެންޓް ވެސް އެކަން ފާހަގަކޮށްފައިވާކަން އެ އިންސްޓިއުޓުން ފާހަގަކޮށްފައިވެއެވެ. އެމައްސަލަ އެންވަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ބައްލަވަމުން ގެންދަވަނީ އަމިއްލަ އަށް އިސްނަންގަވައިގެންނެވެ.