ޝުޖާޢު، ފަނޑިޔާރު ޢަލީ ރަޝީދަށް އިންޒާރުދީފައިވާކަމަށް ބުނެ ފިޔަވަޅުއެޅުމަށް ގޮވާލައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނާއިބް ރައީސް އިބްރާހީމް ޝުޖާޢު، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަލީ ރަޝީދަށް އިންޒާރު ދީފައިވާކަމަށް ބުނެ އެމައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ގޮވާލައިފި އެވެ. މިކަމަށް ގޮވާލައިފައި ވަނީ އެޖަމްޢިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަލީ ރަޝީދަކީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ޙުކުމް އިއްވެވި, ކްރިމިނަލް ކޯޓްގެ ކުރީގެ ފަނޑިޔާރެވެ. އިދިކޮޅު ފަރާތަތަކުން ތުޙުމަތުކުރާގޮތުގައި ސުޕްރީމްކޯޓްގެ ފަނޑިޔާރުކަމަށް އޭނާ އައްޔަން ކުރައްވައިފައި ވަނީ ރައީސް ޔާމީނަށް އިއްވެވި ސިޔާސީ ޙުކުމުގެ ހަދިޔާއެއްގެ ގޮތުގައެވެ.

ފަނޑިޔާރުންގެ ޖަމްޢިއްޔާ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މިމަހު 22 ވަނަ ދުވަހު "ދިޑެއިލީ" އޮންލައިން ނޫހުގައި ލިޔެފައިވާ ލިޔުމެއްގައި، ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ޢުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން ޖެހޭނީ ޖަލުގައިކަމަށް ބުނެ، ދައްކައިފައިވާ ވާހަކަތަކަކީ ފަނޑިޔާރު ޢަލީ ރަޝީދަށް އިންޒާރުދީ ދައްކައިފައިވާ ވާހަކަތަކަކަށްވާތީ، އެ ޖަމްޢިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އިންޒާރުދީ ދައްކާފައިވާ ވާހަކަތަކާމެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޖަމްޢިއްޔާއިން ގޮވާލާ ކަމަށެވެ.

ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނޫސްބަޔާނަށްވެސް ޕީއެންސީގެ ނާއިބް ރައީސް ޝުޖާޢު ވަނީ ރައްދު ދެއްވައިފައެވެ. އެނާ ކުރެއްވި ޓުވީޓެއްގައި ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަލީ ރަޝީދު ރައީސް ޔާމީނަށް އިއްވެވި ޙުކުމަކީ "ޙަރާމް ހުކުމެއް" ކަމަށެވެ. އޭނާގެ ގައިން "ހުވަނދު ވަސް" ދުއްވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވިޔަސް އޭނާގެ ގައިން ދުވަނީ "ގުއި ވަސް" ކަމަށެވެ.  ވަރަށް ގިނަ ޤާނޫނީ ވަކީލުންގެ ފަރާތުންވެސް ފަނޑިޔާރު ޢަލީ ރަޝީދުގެ ވާހަކަ އިވިއްޖެ ކަމަށެވެ. ޕީޕީއެމްގެ ވެރިކަމެއްގައި މައްސަލަ ބަލާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.