އަނިޔާ ލިބުނު ހަތަރު މައިންގެ މައްސަލައިގައި މުއައްސަސާތަކާއެކު ހިޔުމަންރައިޓްސް ކޮމެޓީން ބާއްވާ ބައްދަލުވުން ސިއްރު

ހިއުމަން ރައިޓްސް ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން...

ރުޤުޔާގެ ނަމުގައި އަނިޔާކުރި ހަތަރު މައިންގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ކަމާ ބެހޭ މުއައްސަސާތަކާއެކު ބާއްވާ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ބައްދަލުވުން ފެށުމަށްފަހު، ކޮމެޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙަމޫދު ވަނީ ބައްދަލުވުން ގެންދާނީ ސިއްރުކޮށްގެންތޯ މެމްބަރުންގެ ޚިޔާލަށް އައްސަވައިފައެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ ކުޑަކުދިންވެސް ހިމެނޭ މައްސަލައަކަށް ވުމުން މުއައްސަސާތަކުން އެމައްސަލައިގައި ފަސޭހަ ކަމަކާއެކު ވާހަދަ ދެއްކޭނީ ކޮމެޓީ ސިއްރުކޮށްގެން ގެންދެވުމުންކަމަށް ވިދާޅުވެފައެވެ. ސިއްރުކޮށްގެން ބައްދަލުވުން ގެންދިއުމާ މެދު އެއްވެސް މެމްބަރަކު އިޢްތިރާޒް ނުކުރެއްވުމުން ކޮމެޓީ ސިއްރުކުރެއްވިއެވެ.

ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން މިރޭ ބާއްވަމުންދާ ބައްދަލުވުމުގައި ކަމާގުޅުންހުރި ފަސް މުއައްސަސާއަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. އެއީ ޖެންޑަރ މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންގެ މުއައްސަސާގެ އިތުރުން ހިޔުމަންރައިޓްސް ކޮމިޝަނެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގައި މަންމަ އާއި ތިން ކުދިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްދެން ގެންގުޅުނުކަމަށް ވަނީ ތުޙުމަތު ކޮށްފައެވެ. އެ ތިންމައިން ގޭގައި ބަންދުކޮށްގެން ގެންގުޅުނީ ޖިންނީންގެ އުނދަގުލުން ސަލާމަތްވާން ކަމަށް ބުނެ ގޭގައި ބަންދުކޮށް ރުގްޔާގެ ނަމުގައި އަނިޔާކުރުމަށްކަމަށް ވެސް ވަނީ ތުޙުމަތު ކުރެވިފައެވެ. ރުޤުޔާގެ ނަމުގައި ކުރި އަނިޔާގައި ހަތް އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީގޯނާކޮށްފައިވާ ކަމަށް ވެސް ތުޙުމަތު ކުރެވެއެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ދިން ކަމަށް ވެސް ވަނީ ތުޙުމަތު ކުރެވިފައެވެ. މިއަނިޔާތައް އެ ހަތަރު މައިންނަށް ދިން ކަމަށް ތުޙުމަތު ކޮށްފައި ވަނީ އަންހެންމީހާގެ ފިރިމީހާއާއި އެރަށުގެ ރުޤުޔާކުރާ މީހެއް ގުޅިގެންނެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އަނިޔާ ލިބުނު ހަތަރު މައިންނަށް ވެސް އެމިނިސްޓްރީން ރައްކާތެރިކަމާއި ހިޔާތް ފޯރުކޮށް ދެމުންދާކަމަށެވެ. މިމައްސަލަ ފުލުހުން ދަނީ ތަޙްޤީޤްކުރަމުންނެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.