ކުޑަކުދިންނަށް ޖިންސީގޯނާކުރި މީހަކަށް ދަޢުވާ ކުރަން ފޮނުވައިފި

ޒިންމާދާރު މަގާމެއްގައި ހުރެގެން ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރަމުންދިޔަ މީހަކަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާއަކީ ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގެ މީހެއް ކަމަށެވެ. މިހާރު އެމީހާވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިފައެވެ. އެގޮތަށް ނިންމީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެއީ ޢުމުރުން 51 އަހަރުގެ މީހެއް ކަމަށެވެ. އޭނާ އަދާކުރަމުންދަނީ ކޮންވަޒީފާއެއް ކަމާއި، އޭނާގެ ރަށަކީ ކޮބައިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ މަޢުލޫމާތު ފުލުހުން ހިފަހައްޓާފައިވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައަކަށްވާތީއެވެ.

ފުލުހުން ވިދާޅުވީ އެނާގެ މައްޗަށް 4 މައްސަލައެއް ތުހުމަތުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެތަނުން އެއްމައްސަލަ ވަނީ ޖިނާޢ ދަޢުވާކުރެވޭނެ ހެއްކާއި ޤަރީނާ ނެތިގެން ފައިލް ކޮށްފައި ކަމަށެވެ. އެހެންނަމަވެސް އަނެއް ތިންމައްސަލަ ބެއްލެވުމަށްފަހު އޭނާގެ މައްޗަށް ދަޢުވާ ކޮށްދެއްވުމަށް އެދި ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.