އެއްވެއުޅުމުގެ މިނިވަން ކަމުގެ ޤާނޫނު އުވާލުމަށް ހުށަހެޅި ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލައިފި

އެއްވެ އުޅުމުގެ ޤާނޫނު އުވާލުމަށް ހުށަހެޅި ބިލު، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް އަނބުރާ ފޮނުވައއިލައިފިއެވެ.

ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނު އުވާލުމަށް ހުށަހެޅި ބިލު އުވާލުމުގެ ބަދަލުގައި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ވަނީ ބައެއް އިސްލާހުތައް އެބިލަށް ގެނެސްފައެވެ. މިއަދުގެ ޖަލްސާގައި މި ބިލް އަނބުރާ ކޮމެޓީއަށް ފޮނުވުމަށް ފާސްކުރީ 56 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލް އަނބުރާ ކޮމެޓީއަށް ފޮނުވުމަށް ވޯޓަށް އެއްސެވީ ބިލް ކޮމެޓީން ގެނައި އިސްލާހުތަކާއި  ތަޅުމަށް ހުށަހެޅި އިސްލާހުތަކާއެކު ބިލް ފާސް ނުވުމުންނެވެ. ތަޅުމުގައި ހުށަހެޅި ފަސް އިސްލާހުގެ ތެރެއިން އެއް އިސްލާހު ފިޔަވައި ހުރިހާ އިސްލާހެއް  ފާސްވިއެވެ. ނަމަވެސް ބިލް ފާސްކުރުމަށް 20 ވޯޓް ލިބެންޖެހޭއިރު އެބިލް ފާސްކުރުމަށް ވޯޓް ދެއްވީ 13 މެމްބަރުންނެވެ. ދެކޮޅަށް 25 މެމްބަރުން ވޯޓް ދެއްވިއެވެ. 

ބިލަށް ކޮމެޓީން ގެނައި އިސްލާހު ތަކުގެ އިތުރުން މަޖިލީހުގެ ތަޅުމުގައި އިސްލާހު ހުށަހެޅުއްވީ މައްޗަންގޯޅީ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމެވެ. އޭނާ ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުއްލިއަކަށް އެއްވެވޭނީ ރައްޔިތުންނާއި ޤައުމުގެ މަސްލަޙަތު ހިމޭނޭ ކަމެއް ހިނގިތާ 48 ގަޑިއިރު ތެރޭގައި ކަމަށް ކަނޑައެޅުން ހިމެނެއެވެ. ޤާނޫނާ ޚިލާފަށް ކުއްލިއަކަށް އެއްވާނަމަ ކޯޓު އަމުރުގެ ދަށުން އެ އެއްވުން ރޫޅާލުމުގެ ބާރު ފުލުހުންނަށް ދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބް ރައީސް ދިރިއުޅުއްވާ ރަސްމީ ގޭގެ ގޯތީގެ ވަށައިގެން 300 ފޫޓް ހިމެނޭ ސަރަޙައްދަށް އެއް ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެއެވެ. މެމްބަރ ހައިތަމްގެ އިސްލާހުތަކުގެ ތެރެއިން ފާސްނުވީ ރިސޯޓުތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ހިމޭނުން ތިބެންޖެހޭނެކަމަށް ހުށަހެޅި އިސްލާހެވެ. މި އިސްލާހަށް އެމްޑީޕީގެ މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހައިތަމްގެ އިސްލާހުތަކަށް ވޯޓަށް އައްސަވަމުން ދިޔައިރުވެސް ބިލް އުވާލަން ހުށަހެޅި، ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ގެންދެވީ ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑުގަދަ ކުރައްވަމުންނެވެ. އޭނާ އެ އިސްލާޙުތަކަށް ވޯޓް ދެއްވީ ވަކިއަތަކަށް ނުޖެހިއެވެ. ނަމަވެސް ބިލް އަނބުރާ ކޮމެޓީއަށް ފޮނުވުމަށް މެމްބަރ ޖާބިރުވެސް ވަނީ ވޯޓް ދެއްވައިފައެވެ. 

ބިލް ކޮމެޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން މެމްބަރ ޖާބިރު ވަނީ ބިލް މަޖިލީހުން ބަލައިގަނެ އެ ހިސާބަށް ގެނެސް ދެއްވީތީ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ. މަޖިލީހަށް އެންމެ ގިނަ ބިލްތަކާއި މައްސަލަތަކާއި ގަރާރުތައް ހުށަހަޅުއްވާ އެއް މެމްބަރަކީ ޖާބިރެވެ. ނަމަވެސް އޭނާ ހުށަހެޅުއްވި ގިނަ މައްސަލަތަކާއި ބިލްތަކާއި ގަރާރުތައް މަޖިލީހުން ވަނީ ފެއިލް ކޮށްލައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.