ދައުލަތުގެ ފައިސާގައި ރައީސް ޞާލިހް ޖެހިފައިވާ ކަމުގެ ތުހުމަތު ސީރިއަސް: ޑރ. ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ދައުލަތުގެ ފައިސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ޖެހިވަޑައިގެންފައިވާ ކަމުގެ ތުހުމަތު ސީރިއަސް ކަމަށް ކުރީގެ ސަރުކާރުގެ ފުރަތަމަ ނާއިބްރައީސް  ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙަށް ޑރ. ޖަމީލް ކުރައްވާ ސީރިއަސް ތުހުމަތުތަކުގެ ތެރޭގައި ކުރީ ސަރުކާރުގެ ނާއިބް ރައީސް އަޙްމަދު އަދީބާއެކު ވެވަޑައިގެންފައިވާ އެއްބަސް ވުން ފާހަގަ ކުރެއްވިއެވެ. މިހާރުވެސް އަޑި ނޭނގާ އެއްބަސްވުން އެކުލަވާލަނީ ކޮމްޕްރޮމައިޒްވެފައި ހުންނެވުމުން ކަމަށް ޑރ. ޖަމީލް ތުހުމަތުކުރެއްވިއެވެ. ޓެކްސް، ޖޫރިމަނާގެ ނަމުގައި ނަންގަވާ ފައިސާއިން ސީދާ ކޮރަޕްޝަން ހިންގަވާ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

"ރައީސް ޔާމީނަށް އިނގިލި ދިއްކުރައްވަނީ އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވަން. ނާގާބިލްކަން ކޮންމެ ދިމާލަކުން އެބަފެނޭ. މުޅި ގައުމު ފަގީރުވެއްޖެ. އަމިއްލަ ޕާޓީތެރޭގައިވެސް ހުޅުރޯވެފަ. އަސްލު ވެރިމީހާ ހުންނެވީ މަޖިލީހުގައި، މަނިކުފާނު ހަމައެކަނި ވަގުތު ގުނަނީ!" ރައީސް ޞާލިޙަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. ރައީސް ޔާމީން ވެރިކަމުން ފައިބައި ވަޑައިގެންނެވިއިރު، ވަޑައިގެންނެވީ ނުއަގުގައި ވިއްކެވި ރަށްތަކުން ލިބުނު ލާރިކޮޅު ހިއްޕަވައިގެން ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުން ނުއަގުގައި 85 ރަށެއް ރިސޯޓު ހެދުމަށް ދޫކޮށްފައިވާކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ، މި ދަތި ޙާލަތުގައި އަޅުގަނޑުމެންނަށް އެއިން ޚަރަދު ކުރެވޭނީ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށެވެ. އެޢަދަދަށް މިހާރުވެސް ރިޒާވްގައި ފައިސާ ހުންނާނެކަމަށެވެ.

"އަޅުގަނޑުމެންނާ ހިސާބަށް ވާރުތަވީއިރުގައި، ދައުލަތުގެ ރިޒާވަކު ނެތް ލާރިއެއް. 250 މިލިއަން ޑޮލަރު އޮތީ. ދެން ކިހިނެއްތޯ ކަންތައް ކުރާނީ؟ މި ދަތި ހާލުގައިވެސް އަޅުގަނޑުމެންގެ ރިޒާވްގައި މިހާރުވެސް ހުންނާނެ 250 މިލިއަން ޑޮލަރު. އަޅުގަނޑުގެ ފައިނޭންޝަލް ޓީމަށް، ފިނޭންސް މިނިސްޓްރީގެ ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. އަޅުގަނޑުމެން މަގަކުން ކައްސައެއްނުލާނަން. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކައި، މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން." ރައީސް ޞާލިޙްވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އެމްއެމްއޭގެ ހިސާބުތަކާ ޙަވާލާ ދެއްވައި ވިދާޅުވާ ގޮތުގައި ރައީސް ޔާމީން ވެރިކަމުގެ ފައިބައި ވަޑައިގެންނެވި އިރު ދައުލަތުގެ ރިޒާވްގައި 718 މިލިއަން ޑޮލަރު ހުއްޓެވެ.

ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ދަރަނި ބޮޑުކަން ފާހަގަކުރައްވައި ދަރަނި ބޮޑުވެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައިކަން ފާހަގަ ކުރެއްވިއެވެ. ރައީސް ޔާމީނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުގައި ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެހެންނަމަވެސް، އެ މަނިކުފާނު ފައިބާވަޑައިގެންނެވިއިރުގައި، 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނިއަރައިފައިވާކަމަށް ވިދާޅުވިއެވެ. މިސަރުކާރުން މިހާތަނަށް ދަރަނީގެ ގޮތުގައި ނަގައިފައި ވަނީ 15 ބިލިއަން ރުފިޔާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއްނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މި އަހަރުގެ ބަޖެޓުގައި، ދަރަނި ދެއްކުމަށް ޖަހާފައި އޮތް 4 ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިހުރި ދަރަނިތައް ދައްކަން ޖަހާފައި ހުރި ފައިސާ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.