ހިތަކުން: އެންމެ ލޮބުވެތި ޝަޚްސިއްޔަތު!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނު ސާހިބާއެވެ. އެކަލޭގެ ފާނަކީ އެންމެ ފަހުގެ ނަބިއްޔާއެވެ. އަދި ރަސުލާއެވެ. ﷲ ގެ ރަސޫލާމުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެ އުންމަތެއްގެ މީހުންގެ ގާތަށް ފޮނުއްވެވިގެންވާ އުންމަތުގައި ހިމެނޭ ކޮންމެ މުސްލިމަކުވެސް އެކަމަށްޓަކައި ކޮޅުނެތްކޮޅަށް ޝުކުރު އަދާކުރަން ޖެހޭނެއެވެ. އަދި ޚާއްސަކޮށް އަހަރުމެން ދިވެހިން ޝުކުރުކުރަން ޖެހެނީ އަހަރުމެން ދުނިޔެއަށް އުފަންވީ އިރުވެސް މުސްލިމު މަންމަ އަކާއި ބައްޕައަކަށް އުފަންވެ މުސްލިމެއްގެ ގޮތުގައި ދުނިޔެއަށް ނޭވާލުމުގެ ނަޞީބު ލިބުނީތީއެވެ.

މީގެ 1400 އަހަރުކުރިން އަޅުގަނޑުމެން ދުނިޔެއަށް އައުމުގެ މާކުރިން މި އުންމަތުގެ މީހުންނާމެދު ފިކުރުކުރައްވައި މި އުންމަތުގެ މައްޗަށް ކަރުނައަޅުއްވައި ކީރިތިކުރެއްވެވި ބޭކަލަކު ހުންނެވިކަން ދަންނަނީ ކިތައް މީހުން ހެއްޔެވެ؟ މިހެން މި ޢިބާރާތް ބޭނުން ކުރަން މިޖެހުނީ އެކަލޭގެ ފާނު ދެއްކެވި މަގު ގިނަ ޙާލަތްތަކުގައި އަހަރުމެނަށް އޮންނަނީ ހަނދާނައްތާލެވިފައިވާތީއެވެ. އެހެން އެކަންއެވަނީ އެކަލޭގެފާނުގެ ސީރަތު ބަލައި ދިރާސާ ނުކުރެވޭތީއެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސީރަތު އެނގެން ވާނެއެވެ. ނަމަވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅާ ބެހޭގޮތުން ފުދޭވަރަކަށް މަޢުލޫމާތު އެގޭ މީހުން އަހަރުމެންގެ ތެރޭގައި މަދުވާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މިއާޚިލާފަށް އެބަޔަކު އެންމެ ގަޔާވާ ސިޔާސީ ނުވަތަ މަޝްހޫރު މީހުންނާ ސެލެބްރިޓީންއަށް ކަމެއް ދިމާވުމުން އެކަމާ ވިސްނައި ހިތާމަކުރާ މީހުން އަހަރުމެންގެ ތެރޭގައި މާގިނަވާނެއެވެ. ނަމަވެސް ޙަޤީގަތަކީ "ތިމާ ލޯބިކުރާ ސިޔާސީ ލީޑަރަކު ނުވަތަ ސެލެބްރިޓީއަކަށް" ތިމާ ހަމަލޮލުން ފެނިއްޖެނަމަ ތިމާއަކީ ކާކުކަންވެސް ނޭގޭނެއެވެ.

އެހެންކަމުން އެފަދަ މީހަކަށް މަރުދޭންވީ ސަބަބަކީކޮބައިތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިންމެވެ.  އެހެންކަމުން ވަކި މަޝްހޫރު މީހަކު އުޅޭގޮތް ފޮލޯ ކޮށް އެމީހާ އުޅޭ ނޫޅޭގޮތް ބެލުމުގެ ބަދަލުގައި އަހަރުމެން  އަހަރުމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި ރިވެތި ނަމޫނާ އަހަރުމެންގެ ދަރިންނަށް ދަސްކޮށްދީ އެގޮތުގެ މަތީގައި އެދަރިން ތަރުބިއްޔަތު ކުރުމަކީ މާމުހިއްމު ކަމެކެވެ. އަދި އަހަރުމެންނަކީ ދީނަށް ނަޞްރުދޭ ފުރިހަމަ މުސްލިމުންގެ ގޮތުގައި ވުމަށްޓަކައި އަހަރުމެންގެ މިއަދުގެ ތުއްތު ދަރިން، މާދަމާ ޤައުމުގެ އެކި މަސްއޫލިއްޔަތުތަކުގައި އުޅޭނެ ޒުވާނުން ތައްޔާރު ކުރުން މާމުހިއްމުވާނެއެވެ . އެކަން ވެގެންދާނީ އެކުދިންނަށް މައިންބަފައިންގެ ފަރާތުން ކޮށްދެވޭ އެންމެ ފައިދާހުރި އެންމެ ހެޔޮ އެއްކަން ކަމުގައެވެ.

ކީރިތި ޤުރުއާނުގައިﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ( وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ..) سورة الحشر 7. އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! މިއާޔަތުގައި އަންގަވާފައި ވާކަންކަން އެނގޭނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސީރަތުންނާއި އެކަލޭގެފާނުގެ ސުންނަތުންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ: "إِنَّمَا بُعِثْتُ لِأُتَمِّمَ مَكَارِمَ الْأَخْلَاقِ".  فقد رواه البيهقي والبزار وغيرهما، وقد صححه الألباني في الصحيحة . މާނައީ ހަމަކަށަވަރުން ތިމަން ކަލޭފާނު ފޮނުއްވިގެންވަނީ މަތިވެރި އަޚުލާޤު ފުރިހަމަ ކުރެއްވުމަށްޓަކައެވެ. މާތް އަޚުލާޤަކީ އެއާނުލައި ޙަޤީޤަތުގައި އިންސާނާ މީހަކަށް ނުވާނެ ކަމެކެވެ. ވީމާ މައިންބަފައިން އެމީހުންގެ ދަރިންނަކީ މީހުންގެ އިޙްތިރާމްލިބޭ އަގުހުރި ބަޔަކަށްހަދަންބޭނުންނަމަ މީހުންގެ މަލާމާތަކަށް ފުރައްސާރައަކަށް ބެލުމެއްނެތި ދަރިންނަކީ ކީރިތި ރަސޫލާދެކެ ލޮބިވާ އެކަލޭގެފާނުގެ ޢަމަލުފުޅުތަކާއި އިރުޝާދުތައް ކޮޕީ ކުރާ ބަޔަކަށް ހަދާށެވެ. އެއީ ދެދުނިޔޭގެ ކާމިޔާބާއި ފަލާޙު ލިބޭނެ ހަމައެކަނި މަގެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.