ހިތަކުން: އުމުރުން 8  އަހަރުން ފެށިގެން 14 އަހަރާއި ހަމައަށް، ދަރިންގެ ޙައްޤުތައް

ކުއްޖާގެ އުމުރުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުފުރައަކީ ކުއްޖާ ބޮޑުވެ ތަޞައްރަފުފުދި ފުރާވަރަށް އަރަންވާއިރު އޭނާގައިގައި ހަރުލައްވަންޖެހޭ ރިވެތި އާދަތަކާއި އަޚްލާޤް އަދި އޭނާގެ އުޅުމާއި ގުޅުން ބައްޓަންކުރަންޖެހޭ ގޮތުގެ މައިގަނޑު އަސާސްތައް ކުއްޖާގެ ކިބައިގައި އަށަގެންނެވުމަށް މައިންބަފައިން ވަރަށް އަހަންމިއްޔަތުކަން ދޭންޖެހޭ އުމުރެކެވެ. ސަބަބަކީ މި އުމުރުފުރައަކީ ދެޖިންސުގެ ކުދިންނަށްވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ވަރަށް ގިނަގުނަ ބަދަލުތައް އަންނަމުން ދާނޭ ދުވަސްވަރަކަށް ވާތީއެވެ.

އިސްލާމްދީން ބާރުއަޅަނީ މި އުމުރުފުރައިގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުއްޖާ އިސްލާމީ ވަރުގަދަ އަޤީދާއެއްގެ މަތީގައި ތަރުބިއްޔަތު ކުރުމަށެވެ. ސަބަބަކީ ބިންގާ ރަނގަޅުވެއްޖެނަމަ މަގުން ކައްސާލައިގެން ނުދާނެތީއެވެ. އަދި ފަހަރުގައި މަގުން ކައްސާލިކަމުގައި ވިޔަސް ރަނގަޅުމަގަށް އަލުން އެނބުރި އައުމަށްވެސް އެބިންގަލުގެ ސަބަބުން ބާރުލިބިގެންދާނެއެވެ. ތިރީގައި އަޅުގަނޑު މިބަޔާންކޮށްލަނީ މި އުމުރުފުރައިގާ ދަރިންނަށް މައިންބަފައިން އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރެއިން ހޮވާލެވިފައިވާ އަދި ވަރަށް މުހިންމު 8 ޙައްޤެވެ.

  • ދަރިން ނަށް ނަމާދުކުރުމަށާއި ދީނީ ކަންކަމަށް އަހައްމިއްޔަތު ދިނުމަށް ބާރުއެޅުން.

މީގެ މަޤްޞަދަކީ ދީނީ ވާޖިބުތަކަށް ޙުރުމަތްތެރިކޮށްހިތަން ދަސްކޮށްދިނުމެވެ.

  • ތަންމަތިތަށް ވަކިކުރުން.

މީގެ މަޤްޞަދަކީ އިންތަކާއި މިންތަން ކުދިންނަށް ދަސްކޮށްދީ ލަދުވެތިކަމާއި ރިވެތި އަދަބުތަށް ކުދިންގެ ކިބައިގައި އަށަގެންނެވުމެވެ.

ދަލީލު: قال رسول الله -صلى الله عليه وسلم-: (مُرُوا أولادَكم بالصلاةِ وهم أَبْنَاءُ سَبْعِ سِنِينَ، واضْرِبُوهُمْ عليها، وهم أَبْنَاءُ عَشْرٍ، وفَرِّقُوا بَيْنَهُمْ في المَضَاجِعِ). رواه أبو داود وغيره. މާނައީ ދަރިންގެ ޢުމުރުން 7 އަހަރު ގައި ނަމާދު ކުރުމަށް އަމުރުކުރާށެވެ. އަދި އެކުދިން ގެ ޢުމުރުން 10 އަހަރު ވީމާ (އެކުދިން ނަމާދު ނުކުރާނަމަ ) އޭގެމައްޗަށް އެކުދިންގެ ގައިގާ (އަނިޔާ ނުވާގޮތަށް ، އަދަބުވެރި ކުރުވުމަށްޓަކައި) ޖަހާށޭވެ. އަދި (އެޢުމުރުގައި) އެކުދިންގެ ތަންމަތި ތައް ވަކި ކުރާށެވެ.

މި ޙަދީސްގައި ނަމާދު ނުކުރާނަމަ 10 އަހަރުވުމުން (އަނިޔާނުވާގޮތަށް) އަދަބެއްގެ ގޮތުގައި ޖެހޭނެކަމަށް އައިސްފައިވާ ބަސްފުޅުގެ މާނައަކީ ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ގެއްލުންލިބޭގޮތަށް ޖެހުމެއް ނޫނެވެ. އިސްލާމްދީނަކީ އެއްވެސް ޙާލެއްގައި އަނިޔާވެރިކަމަށް ބާރުއަޅާ ދީނެއްނޫނެވެ. މި ޙަދީސްގައި މިބަސްފުޅު މިގޮތަށް އައިސްފައިވުމުގައިވެސް ޙިކްމަތެއްވާނެކަން ކަށަވަރެވެ.

  • ދަރިން ބޮޑުވަމުން އަންނައިރު ބައްޕައިން ފިރިހެންދަރިންނާއި ގުޅުން ބަދަހިކުރުން އަދި މަންމައިން އަންހެންދަރިންނާއި ގުޅުންބަދަހިކުރުން.

މީގެ މަޤްޞަދަކީ ފުރާވަރަށްއަޅާ ބޮޑުވަމުން އަންނައިރު ކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އަންނަ ބޮޑެތި ބަދަލުތަކާއި އެކުދިންނަށް ކުރިމަތިވާ އެކިކަންކަން ހިއްސާކުރާނެ  ހެޔޮއެދޭ އިތުރުބާރުކުރެވޭ ފަރާތެއް ހުރިކަމުގެ ޔަޤީންކަން އެކުދިންނަށް ދިނުމެވެ. ސަބަބަކީ އަންހެންކުއްޖެއްގެ އިޙްސާސްތައް އެގޭނީ ބައްޕައަކަށްވުރެ ބޮޑަށް މަންމައަށް ކަމުގައި ވުމާއި ފިރިހެންދަރިއެއްގެ އިހްސާސްތައް މަންމައަކަށްވުރެ ބޮޑަށް އެނގޭނީ ބައްޕައަކަށްކަމުގައި ވުމުންނެވެ. ނަތީޖާއެއްގެ ގޮތުން ގޮތްނޭނގޭ މީހުންނާއި އެކުދިންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާނުކުރުމަށް ލިބިގެންދާ ބޮޑުބާރަކަށް ވެގެންދާނެއެވެ. އަދި މީގެ ސަބަބުން ދަރިންނާއި  މައިންބަފައިންނާ އޮންނަ ގުޅުން ބަދަހިވެގެންދާނެއެވެ.

  • ކިޔެވުމުގެ އިތުރުން އެކިއެކި ކުޅިވަރު ތަކާއި ތަފާތު ފަންނުތައް ދަސްކޮށްދިނުން.

މީގެ މަޤްޞަދަކީ ދަރިންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ ޤާބިލް އަދި ހުރިހާގޮތަކުން ދުޅަހެޔޮކުދިންތަކެއްކަމުގައި ހެދުމެވެ.

كَتَبَ عُمَرُ رَضِي اللهُ عَنْهُ لِأَهْلِ حِمْصٍ، ((عَلِّمُوْا أَوْلَادَكُمْ السِّبَاحَةَ وَالرِّمَايَةَ وَالفُرُوْسِيَّةَ.......))  ޢުމަރު ރަޟިޔައްﷲ އަންހު ޙިމްޞުގެ އަހުލުވެރިންނަށް ލިއުއްވިއެވެ: ތިޔަބައިމީހުންގެ ދަރިންނަށް ފަތާށާއި ދުނި އުކާށާއި އަހަށްސަވާރުވަން ދަސްކޮށްދޭށެވެ.

  • ރަނގަޅު ރަޙްމަތްތެރިން އިޚްތިޔާރުކުރުމުގެ މުހިންމުކަން އަންގައިދިނުން.

މީގެ މަޤްޞަދަކީ ރަނގަޅުމަގާއި ނުރަނގަޅުމަގު އިޚްތިޔާރު ކުރުމުގެ ޤާބިލިއްޔަތު ކުދިންގެ ކިބައިގައި އަށަގެންނެވުމެވެ.

ހަމަކަށަވަރުން އައްނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ: ހަމަކަށަވަރުން ރަނގަޅު އެކުވެރިޔާއާއި ނުބައި އެކުވެރިޔާގެ މިސާލަކީ އަތަރު އުފުލާމީހަކާއި ކަނބުރު ވެރިޔާގެ މިސާލެވެ. ފަހެ އަތަރު  އުފުލާމީހާ އާއެކު އުޅޭ މީހާއަށް އަތަރު ލިބޭނެއެވެ. ނުވަތަ އޭނާގެ އަތުން އަތަރު ގަންނާނެއެވެ. ނުވަތަ އަތަރު ވަސް ދުވާނެއެވެ. އަދި ކަނބުރުވެރިޔާ އާއެކު އުޅޭ މީހާގެ ހެދުން އަނދާނެއެވެ. ނުވަތަ އެތަނުން ނުބައި ވަސް ދުވާނެއެވެ.

  • އިޙްސާސްތައް ފާޅުކުރަންވީގޮތާއި ކޮންޓްރޯލް ކުރާނެގޮތް ދަސްކޮށްދިނުން.

މީގެ މަޤްޞަދަކީ ދުނިޔެއަކީ ދާއިމީ މަންޒިލް ނޫންކަމާއި ދުނިޔޭގައި އުޅޭއިރު އެކިއެކި ޙާލަތްތަކާއި ކުރިމަތިލާން ޖެހޭނެކަމާއި އެއީ މާތް ﷲ އެކަލާންގެ އަޅުތަކުން އިމްތިޙާން ކުރެއްވުމަށްޓަކއި ކުރިމަތިކުރައްވަވާ ކަންތައްކަން ކުއްޖާގެ އުމުރާއި ގުޅޭގޮތުން ކިޔައިދީ އެފަދަ ޙާލަތްތަކުގައި ކެތްތެރިވާން ޖެހޭނެކަމާއި އަދި ކެތްތެރިވާންވީ ގޮތްތަށް ދަސްކޮށްދިމުމެވެ. އެގޮތުން މި ސިފަ ދަރިންގެ ގައިގައި އަށަގެންނެވުމަށްޓަކައި (ދެރަވުން، ކަންބޮޑުވުން، ރުޅިއައުން، ބިރުގަތުން) މިފަދަ ޙާލަތްތަކުގައި އަހަރުމުންގެ ރަސޫލާ صلى الله عليه وسلم ޢަމަލުކުރައްވާފައިވާގޮތާއިގުޅޭ ޙާދިސާތަކާއި އަދި މިފަދަ ޙާލަތްތަކުގައި ކިޔުމަށް އަހަރުމެންގެ ރަސޫލާ صلى الله عليه وسلم އުގަންނަވައިދެއްވާފައިވާ ދުޢާތަކާއި ޒިކުރުތައްވެސް ދަސްކޮށްދެވިދާނެއެވެ. މިގޮތަށް ޢަމަލުކުރެވިއްޖެނަމަ ކިތަންމެ ބޮޑުކަމެއް ދިމާވިޔަސް މާޔޫސްވެގެންދާ ކުއްޖެއްކަމުގައި ވިޔަ ނުދިނުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގެންނެވުމަށް އެޅޭ ބާރަކަށް ވެގެންދާނެއެވެ.

އަންނަނިވި ޙަދީސަކީ ރުޅިކޮންޓްރޯލް ކުރުމުގެ މުހިއްމުކަމާއި ބެހޭގޮތުން އައިސްފައިވާ ޙަދީސެކެވެ.

وعن أبي هريرة رضي الله عنه، أنَّ رسول الله صلى الله عليه وسلم قال: ((ليس الشَّديد بالصُّرَعة، إنَّما الشَّديد الذي يملك نفسه عند الغَضَب)) އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާ ވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލު ﷲ صلى الله عليه وسلم ހަދީސް ކުރެއްވިއެވެ. ގަދަފަދަ މީހަކީ ބާރުގަދަ މީހާއެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. ގަދަފަދަ މީހާއަކީ ރުޅި އަންނަހިނދު ރުޅީގެ މައްޗަށް ގަދަވެގަންނަ މީހާއެވެ.

  • ދަރިންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުން.

މީގެ މަޤްޞަދަކީ އިންސާފުން ކަންކަން ކުރުމުގެ މުހިއްމުކަން ނަމޫނާއިން ކުދިންނަށް ދަސްކޮށްދިނުމެވެ. ނަތީޖާއެއްގެ ގޮތުން ކުދިންނަށް ދަސްވެގެންދާނީ އޯގާތެރިކާއި، ރަޙުމް ކުރުމާއި، ޢަދުލުވެރި ވުމުގެ މުހިންމުކަމެވެ.

  • ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން.

މީގެ މަޤްޞަދަކީ ޙަސަދަވެރިކަމާއި ކިބުރުވެރިކަން ހިތުން ފޮހެލައި ތިމާއަށް ލިބިފައިވާ ނިޢްމަތްތައް އަމިއްލަޔަށް ދެނެގަތުމަށް ދަސްކޮށްދީ ނިޢްމަތްތަކަށް ޝުކުރުވެރި ވުމުގެ ސިފަ ކުދިންގައިގާ ހަރުލެއްވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.