އުސޫލުތަކާ ޚިލާފަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅެންޖެހޭނެ: ޚުޠުބާ

އުސޫލުތަކާ ޚިލާފަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާ ގައި ވިދާޅުވެއްޖެއެވެ.

ޤާނޫނުތަކާއި އުޞޫލުތަކަށް ނުފެތޭ ގޮތަށް، ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ ޤާނޫނާ ޚިލާފު އަދި އިސްލާމީ ޝަރީޢަތާވެސް ބީރައްޓެހި ޢަމަލެއްކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިވަޅު އެޅެންޖެހޭނެކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޝަރުޢީ ހަމަތަކާއެއްގޮތަށް ކުރެވޭ ކައިވެނި ކުރަންޖެހޭނީ ވީހާވެސް ގިނަ ބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑު ގޮތަކަށް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ކައިވެނިކުރުމަށްފަހު ވަލީމާ ދިނުން ޝަރުޢުކުރައްވައިފައި ވަނީ އެސަބަބަށްޓަކައިކަން ފާހަގަ ކުރެއްވިއެވެ.

"ކައިވެނިކުރުމަށްޓަކައި އިސްލާމްދީނުގައި ވަކި ހަމަތަކަކާއި އުޞޫލެއް ވެއެވެ. އަދި އެކަންކަމަށް ޤާނޫނާއި ޤަވާއިދުތައް ހެދިފައި ވެއެވެ. ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިން ލިބޭ ކުދިންގެ ގިނަގުނަ ޙައްޤުތަކެއް ގެއްލެއެވެ. ޞައްޙަ ދަރިއެއްކަމުގެ އެއްވެސް ލިޔުމެއް އަދި ހެއްކެއްވެސް ނޯވެއެވެ. އަދި ޙައްޤުތައް ހޯދައިދެވޭނެ އެއްވެސް މަގެއް ނޯވެއެވެ. " ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ  އިސްލާމްދީނަށް ނިސްބަތްވާ ބަޔަކު، އެދީނުގެ ނަމުގައި ފަތުރާ މިފަދަ ދީނާ ޚިލާފު ފިކުރުތަކާއި، މަޢުލޫމާތުގެ  ނުރައްކާތެރިކަން ވަކި ކުޑައެއް ނޫންކަމަށެވެ. އެބައި މީހުންޤަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބާނުވާ ކޮންމެ މީހަކީ ކާފިރެއް ކަމަށް ކަނޑައަޅައި މަރު ހުއްދަކުރާ ކަމަށެވެ. އެފިކުރަށް ޢަމަލުނުކުރާ ސަރުކާރަކީ، ތާޣޫތުކަމުގައި ނިންމާކަމަށެވެ. އަދި އެސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުންކަމުގައި ނިންމައި އެމީހުންގެ ފަހަތުގައި ނަމާދުކުރުން ހުޓާލާކަމަށެވެ. އެމީހުންގެ ނުބައި ނިންމުނަތަކުގެ ސަބަބުން އެޤައުމުގެ މީހުންގެ މުދާ ފޭރުމާއި، މެރުންވެސް ހުއްދަކުރާކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

މިފަދަ މީހުން އުޅެނީ އެހެންމީހުންނާ މުޅިން ވަކިވެގަންކަމަށާއި އެހެން މީހެއްގެ ސަލާމަކަށް ޖަވާބެއް ވެސް ނުދޭނެކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެމީހުން ވަރި ކައިވެނީގެ މުޢާމަލާތްތައް ގިނައިން ކޮށްއުޅެނީ އެމީހުންގެ މީހުންނާ އެކަނިކަމަށް ވެސް ފާހަގަކުރެއްވިއެވެ. އެމީހުން ކައިވެނި ކުރާކަށް ޝަރުޢީ ކޯޓްތައް ކަމަކަމު ނުދާކަމަށާއި ނަމާދުކުރުމަށް މިސްކިތްތައް ވެސް ކަމަކު ނުދާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެއްވެސް ވަޒީފާއެއް ހުއްދައެއް ނުކުރާކަން ވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޚުޠުބާގައި ވިދާޅުވީ މިނުރައްކާތެރި ވިސްނުމުގެ މީހުން ދެކޭ ގޮތުގައި އަންހެންދަރިންނަށް ކިޔަވައިދިނުމަކީ ހުއަދަކަމެއް ނޫންކަމަށެވެ. ދަރިންނަށް ވެކްސިން ދިނުމަކީ ވެސް އެ މީހުން ހުއްދަކުރާ ކަމެއް ނޫންކަމަށެވެ.

"މިފަދައިން ބުނާއިރު އެކުދިން ބަލިވީމާ ދައްކަން ބޭނުންވަނީ އަންހެން ޑޮކްޓަރުންނަށެވެ. އަންހެންކުދިންނަށް ކިޔަވައި ނުދޭކަމަށް ވަނީނަމަ، އަންހެން ޑޮކްޓަރުންނާއި އަންހެންޓީޗަރުންނާއި ތަފާތު ފަންނުތަކުގެ ހުނަރުވެރި ކަނބަލުން ހޯދާނީ ދެން ފަހެ ކޮންތާކުން ހެއްޔެވެ؟ އިސްލާމްދީނުގައި ޢިލްމު އުނގެނުމަކީ ދެޖިންސަށްވެސް ވާޖިބު ކަމެކެވެ. ބަލިވުމުން ބޭސްފަރުވާ ކުރުމާއި، ބަލިޖެހިމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަކީ  އިސްލާމްދީން ބާރު އަޅާ ކަންކަމެވެ."  ޚުޠުބާގައި ވިދާޅުވިއެވެ.

1 ޚިޔާލު

  1. ރިސޯޓް ވިޔަފާރީގެ ނަމުގައި ރާ ވިއްކާ މީހުންނާއި، ބޭންކް އިންޓުރެސްޓުގެ ނަމުަގައި ރިބާ ކާމީހުންނަށް ތިޔަ ބުނާ ފިޔަވަޅާ އަނެކެއްޗެއް އަޅާބަ. ކައިވެނި ވާނީ ކައިވެނި އަކަށް ރަޖިސްޓްރީ ނުކުރިޔަސް. ބޯހަލާކު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.