އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް މަސައްކަތްކުރައްވަމުން ގެންދަވަނީ "ބޮޑު މިނިސްޓަރު" ހެދިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕީޖީ ލީޑަރ، މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި މެމްބަރ ޢާޒިމް ވަނީ އިކޮނޮމިކް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިކޮނޮމިކް މިނިސްޓަރ މަސައްކަތް ކުރައްވަނީ "ބޮޑު މިނިސްޓަރު" ހެދިގެން ސަރުކާރުގެ އެހެން މިނިސްޓްރީ ތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބާރުތައް އެމިނިސްޓްރީގެ ތެރެއަށް ނަންގަވައިގެންކަމަށް މެމްބަރ ޢާޒިމް ތުޙުމަތު ކުރެއްވިއެވެ.
މިސަރުކާރު އައިފަހުން 10 ވަރަށްކަށް ކުންފުނި ހަދައިފައިވާއިރު ދެއަހަރުވެގެން ދިޔައިރުވެސް އެއިން ކުންފުންޏަކުން ކުރިކަމެއް ފެންނަން ނެތްކަމަށް މެމްބަރ ޢާޒިމް ވިދާޅުވިއެވެ. އެގްރޯ ކުންފުންޏެއް ހައްދަވައިގެން ފިޝަރީޒް މިނިސްޓްރީއަށް އޮތް ބާރެއްވެސް ނަންގައިވައިގެން ދަނޑުވެރިކަމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމަށް އެޗްޑިސީން ގިނަ މަސައްކަތްކުރަމުން ގެންދާއިރު އެކަމަށް ވެސް އިތުރު ކުންފުންޏެއް ހަދައިފައިވާކަމަށް ވިދާޅުވިއެވެ. މިފަދަ ކުންފުނިތައް އުފައްދައިގެން މަސައްކަތްކުރައްވަމުން ގެންދަވަނީ އަމިއްލަ ފައިދާއާއި މަންފާއަށް ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.
"ދެއަހަރު ވެގެން ދިޔައީ އެއިން ކުންފުންޏަކުން ކުރިކަމެއްނެތް. ކުރިހާވެސް ކަމަކީ އެކި މިނިސްޓްރީތަކާއި ސަރުކާރު ހީއްސާވާ ކުންފުނިތަކުގެ ބާރުގެނެސް އަމިއްލަ މިނިސްޓްރީގެ ތެރެއަށް، ބޮޑުމިނިސްޓަރު ހެދިގެން ވައްދައިގެން އިނުން. ތިމަންނައަކީ އެންމެ ބޮޑު މިނިސްޓަރޭ... އެހެންވީމާ ތިމަންނައަށް ނޭނގި އެއްވެސް ކަމެއް ނުކުރެވޭނޭ، އެގޮތަށް އެއްޗިހި ބައްކުރުން. އެވިސްނުމުގައި އެފިކުރުގައި މަސައްކަތް ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާނެ ކަމެއް ނޫން، އަޅުގަނޑު ޤަބޫލުކުރާ ސިޔާސަތެއް ވެސް ނޫން، އެގޮތަށް އެކަން ކޮށްގެން ނުވާނެ." މެމްބަރ ޢާޒިމް ވިދާޅުވިއެވެ.
ދެވަނައަށް ކުންފުނިތަކުން ކުރަމުންދިޔަ ކަމަކީ އިކޮނިމިކް މިނިސްޓްރީގެ މުވައްޒަފުން އެކުންފުނިތަކުގައި ބައިތިއްބައިގެން ބޮޑެތި މުސާރަ ދިނުންކަމަށްވެސް މެމްބަރ ޢާޒިމް ތުހުމަތު ކުރެއްވިއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން އެގޮތަށް ޚަރަދު ކުރަމުންދާއިރު އެކަމަށް ރުހިގެން ނުހުންނެވޭނެކަމަށްވެސް މެމްބަރ ޢާޒިމް ވިދާޅުވިއެވެ.
ސަރުކާރުން އާއްމު ވިޔަފާރީގެ ތެރެއަށް ނުވަނުމަކީ އެމްޑީޕީގެ ސިޔާސަތެއްކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެތަންތަން އަމިއްލަ ފަރާތްތަކަށް ދޫކޮށްލަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީއަށް އިންތިހާއަށް ބޮޑު ބަޖެޓެއް އަންނަ އަހަރަށް ކަނޑައެޅިފައިވާތީ އެކަމާމެދުވެސް މެމްބަރ ޢާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަންނަ އަހަރަށް އިކޮނޮމިކް މިނިސްޓްރީއަށް އޮތީ 304 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރަށް އޮތީ 105 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. 2019 ގައި އޮތީ 58 މިލިއަން ރުފިޔާގެ ބަޖެޓެއްކަން ވެސް ފާހަގަ ކުރެއްވިއެވެ.