މިސަރުކާރު އައި އިރު މުޅި ދައުލަތުގައި އޮތީ ލައްތަކެއް ޖެހިފައި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އިމިގްރޭޝްގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙް ކުރުމަށް ބޭައްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، މިސަރުކާރުން ދައުލަތުގެ މުއައްސަަސާތަކުގައި ޖެހިފައިވާ ލައްތައް ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެބަދަލު ތައް ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ނިޒާމާއި ސަރުކާރުގެ ތެރެއިންވެސް މިހާރު ފެންނަމުންދާކަމަށެވެ.
އިކޮނިމިކް މިނިސްޓަރ ވިދާޅުވީ މިސަރުކާރުން އިންޤިލާބީ ބަދަލުތަކެއް މުޅި ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަނަމުންދާކަމަށެވެ. އަދި މިސަރުކާރުގެ "ވިޝަން" އަކީ ވެސް އިންޤިލާބީ ވިޝަނެއް ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. ކުރިންސުރެން ކަންކަން ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުމުން ވަރަށް ބޮޑެތި ގޮންޖެހުންތައް ވެސް ކުރިމަތި ވަމުން ދާކަަމަށް އިކޮނޮމިކް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
ބިދޭސީ ވަގުފާރީގެ ސަބަބުން އިމިޤްރޭޝަނާއި އިކޮނިމިކް މިނިސްޓްރީ އަކީ ވަރަށް ލަދުވެތި މާޒއެއް އޮތް ދެ މުއައްސަސާކަމަށް ވެސް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްްވިއެވެ. އެކަންކަން ހައްލުކުރުމަށް މިސަރުކާރުން ގެންގުޅެނީ މުޅި ދައުލަތް އެކުގައި މަސައްކަތްކޮށްގެން ކަންކަން ހައްލު ހޯއްދެވުމުގެ ސިޔާސަތެއް ކަމަށް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ.
ބާރައަހަރަށް ފަހު އިމިގަރޭޝަންގެ ސްޓްރެޓެޖިކް އެކްޝަނެއް ޕަލޭން އެކުލަވާލެވިގެން ދިއުމަކީ މުހިންމު ފިޔަވަޅެއްކަން ފާހަގަ ކުރެއްވިއެވެ. އެކްޝަން ޕަލޭނެއްގެ ދަށުން ދާންވީ މިސްރާބު އެނގިގެން މަސައްކަތް ކުރުމަކީ 2008 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ފެށްޓެވި ކަމެއްކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް އެކަންކަން އޭރު ޙާޞިލް ނުވިނަމަވެސް މިހާރު ފެންނަމުން ދަނި އެކި ދާއިރާތަކުން ކުރިއަށް ދާނެ އެކްޝަން ޕްލޭންތައް ހެދި އެޕްލޭންތަކާ އެއް ގޮތަށް މަސައްކަތް ފަށައިފައިވާ މަންޒަރުކަމަށް ވިދާޅުވިއެވެ.
"ދާންވީ މިސްރާބު އެނގެން އޮތުމުން، އެ މިސްރާބުން ކައްސައިލައިގެންދާނަމަވެސް އަމިއްލައަށް ވެސް މިސްރާބަށް ބަދަލު ވުމަށް ފަސޭވެހެވެގެންދާނެ" މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.