ވެރިކަމަށް ދެ އަހަރު - ކޯލިޝަންގެ ބަދަހިކަން އޮތީ ކިހާވަރަކަށް؟

ފޮޓޯ: ޓުވިޓަރ

މިއަދައަކީ މިހާރު ރާއްޖޭގައި ހިނގަމުންދާ ވެރިކަމަށް ދެ އަހަރު ފުރި، ތިން ވަނަ އަހަރަކަށް ފެށޭ ދުވަހެވެ. ޑިމޮކްރެޓިކް ވެރިކަމެއް ފެށިގެން މިހާތަނަށް ތިން ރިޔާސީ އިންތިޚާބެއް ބޭއްވިފައިވާ އިރު އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ވެރިކަން ހިންގޭ ވަރަށް  ރައްޔިތުންގެ އަޣުލަބިއްޔަތު  ނުލިބޭކަމީ ފެންނަން އޮތް ހަގީގަތެވެ. އެހެން ކަމުން ވެރިކަން ކާމިޔާބޮށް ފައިވަނީ ކޯލިޝަންތައް ހަދައިގެންނެވެ.  މިހާރުގެ ސަރުކާރަކީ ވެސް އެފަދަ އެއްބަސް ވުމަކާއެކު އައި ކޯލިޝަން ސަރުކާރެވެ. ކުރީގެ ކޯލިޝަން ދެ ސަރުކާރަށް،  ދެއަހަރުވަންދެން ވެސް ދެމި ނޯވެވުނެވެ. 

އެހެން އިންތިޚާބުތަކާ ޚިލާފަށް މިސަރުކާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އެމްޑީޕީން ޓީކެޓް ދެއްވައިގެން ވެރިކަމަށް ކުރިމަތި ލެއްވީ ވެސް  ކޯލިޝަނުން ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.  އެމަނިކުފާނުގެ ނާއިބަކަށް ޖުމުހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ  މެމްބަރ ފައިސަލް ނަސީމް ވެވަޑައިގެންނެވީ ވެސް ކޯލިޝަން އެއްބަސްވުމުގެ ދަށުންނެވެ. މިސަރުކާރު ވެރިކަމަށް ގެންނަން އުފެއްދި ކޯލިޝަންގައި ހިމެނެނީ ހަތަރު ޕާޓީ އެކެވެ. އެއީ އެމްޑީޕީއާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް އެވެ. 

 މިސަރުކާރުގެ ފުރަތަމަ އަހަރު ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުންތައް ބޭއްވިގެން ދިޔަތަން ފެނިގެން ދިޔައެވެ. އެގޮތުން ތިން ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. އޭގެތެރެއިން ފަހު ބައްދަލުވުން ބާއްވައިފައި ވަނީ ރައީސް ޞާލިހް ބައިވެރި ވަޑައިނުގެން ހަމައެކަނި ކޯލިޝަން ލީޑަރުންގެ މެދުގައެވެ.  އެބައްދަލުވުންވެސް ބާއްވައިފައި ވަނީ މަޖިލިސް އިންތިޚާބުގެ ކުރިންނެވެ. ވެރިކަމުގެ ދެވަނަ އަހަރު އެފަދަ ބައްދަލުވުންތައް ބޭއްވިގެން ދިޔަތަނެއް ނުފެނެއެވެ.  

މިކަމާ ގުޅިގެން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ އެއް މޭޒު ދަށަށް އެއްވެ ބައްދަލުވުންތައް ނުބޭއްވި ނަމަވެސް ސަރުކާރު ހިންގުމުގައި ކޯލިޝަން ލީޑަރުންގެ ފުރިހަމަ އެއްބާރުލުމާއި މަޝްވަރާ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށެވެ. މިހާރުގެ ޙާލަތަކީ ވެސް އެންމެން އެއްތަނަށް އެއްވެ ބައްދަލުވުންތައް ބޭއްވޭނެ ޙާލަތެއް ނޫންކަމަށެވެ. ނަމަވެސް ކޯލިޝަން އޮތީ ބަދަހިކޮށްކަމަށް ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގަރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވިއެވެ. މިދައުރު ނިމެންދެކަށް، ކޯލިޝަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޞާލިޙް ދެއްވިއެވެ. 

ރައީސް ޞާލިޙް ފަދައިން ކޯލިޝަން އެހެން ޕާޓީތަކުގެ ލީޑަރުންވެސް ވަނީ ކޯލިޝަން ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ކޯލިޝަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ލީޑަރުން ދެއްވި ނަމަވެސް އެއްބަސްވެވިފައިވާ ގޮތަށް ވަޒީރުންގެ މަޖިލީހުގެ ސްލޮޓްތައް މިހާރު ނެތް ކަމަކީ ހަގީގަތެވެ. ވެރިކަމަށް އައުމުގެ ކުރިން ކޯލިޝަން ޕާޓީތަކަށް ސްލޮޓްތައް ބެހުމާއިމެދު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ

މިކަމާ ގުޅިގެނ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ތަފާތު ސަބަބުތަކާ ހުރެ ވަޒީރުންގެ މަޖިލީހުން ހުސްވި މަގާމުތަކަށް ކުރިން ވެވިފައިވާ އެއްބަސް ވުމާ ޚިލާފަށް ވަޒީރުން އައްޔަން ކޮށްފައި ވީނަމަވެސް އެކަން ކުރެއްވީ  ވެސް ކޯލިޝަން ލީޑަރުންގެ މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ.

ކޯލިޝަން ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ފުރަތަމަ ހުސްވީ ޖެންޑަރ މިނިސްޓަރ ކަމުގެ މަގާމެވެ. އެއީ  އަދާލަތު ޕާޓީގެ ސޮލެޓެކެވެ. ނަމަވެސް އެ މަގާމު ހުސްވުމުން އެމަގާމަށް އައްޔަން ކޮށްފައިވަނީ ސަރުކާރުގެ އެމްބެސެޑަރަކަށް ހުންނެވި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ  ބޭފުޅެކެވެ. އެ ބަދަލު ގެންނެވީ ވެސް އަދާލަތު ޕާޓީގެ ލީޑަރުގެ މަޝްވަރާއާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.  

ދެން ހުސްވީ ހައުސިން މިނިސްޓަރ ކަމުގެ މަގާމެވެ. އެއީ ކޯލިޝަން އެއްބަސްވުމުގެ ދަށުން އެމްއާރުއެމްގެ ސްލޮޓެކެވެ. މަގާމު ހުސްވުމުން އެމިނިސްޓްރީގެ މަސައްކަތްތައް އެހެން މިނިސްޓްރީ އަކާ އެއްކޮށްލުމަށްފަހު އެމިނިސްޓްރީ ވަނީ އުވިގެން ގޮސްފައެވެ.  އެބަދަލުވެސް ގެންނެވީ އެމްއާރުއެމްގެ ލީޑަރ ރައީސް މައުމޫނުގެ މަޝްވަރާއާއި އެކީގައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެ މިނިސްޓްރީ ނެތުމުން އެފުރުޞަތު ދެވެންވެސް ނެތްކަމަށް ވެސް ވިދާޅުވިއެވެ. 

 ޓޫރިޒަމް މިނިސްޓަރގެ މަޤާމު ހުސްވުމުން ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން އެމަގާމަށް އިސްކުރެއްވީ  ކުރީ ޖުމްހޫރީ ޕާޓީގެ ސްލޮޓަށް ވާތީ އެޕާޓީގެ ބޭފުޅެއްކަމަށް ވެސް  ރައީސް ފާހަގަ ކުރެއްވިއެވެ. 

އެންމެ ފަހުން ވަޒީރުންގެ މަޖިލީހުން ހުސްވި މަގާމަކީ ހެލްތު މިނިސްޓަރ ކަމެވެ. އެއީ ޖުމްހޫރީ ޕާޓީގެ ސްލޮޓެކެވެ. ނަމަވެސް އެމަގާމަށް އައްޔަން ކޮށްފައިވަނީ އެމްޑީޕީގެ މެމެބަރެއް ކަމުގައިވާ އަޙްމަދު ނަސީމެވެ. އެބަދަލުވެސް ގެންނެވީ ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޝްވަރާ އެކުގައި ކަމަށްވިދާޅުވިއެވެ. 

ހެލްތު މިނިސްޓަރުކަން  ހުސްވުމުން ޖުމްހޫރީ ޕާޓީން ނަންފުޅުތަކެއް ރައީސް ޞާލިޙަށް ފޮނުއްވިއެވެ. ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ފުރުސަތު ރައީސް ޞާލިހަށް ދެއްވަން އެދި ވަޑައިގެންނެވުމުން ޤާސިމް އެކަމަށް އެއްބަސްވެ ވަޑައިގެންނެވީ ކަމަށް  ރައީސް ޞާލިޙް ވިދާޅުވިއެވެ. އެކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިސްކުރެއްވީ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ގައުމީ މަސްލަހަތުކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވި އެވެ. 

ވަޒިރުންގެ މަޖިލީހުގެ މަގާމުތައް ހުސްވެފައިވާ ގޮތަށް ބަލާއިރު މަގާމުތަކުން ވަޒީރުން އިސްތިއުފާ ދެއްވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕްރެޝަރާއެކުގައި ކަން ފާހަގަ ކުރެވެއެވެ. އެމްއާރުއެމްގެ މިނިސްޓަރ އާތިފާ ވެސް މަގާމުން އިސްތިއުފާ ދެއްވައިފައި ވަނީ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރު ކުރެއްވުމަށް ފަހު ކުރިމަތި ކުރުވި ޕްރެޝަރުތަކާ ގުޅިގެންކަން ފާހަގަ ކުރެވެއެވެ. ޖެންޑަރ މިނިސްޓަރކަމުން  ޝިދާތާވެސް އިސްތިއުފާ ދެއްވައިފައި ވަނީ، ޢިތުބާރު ނެތްކަމުގެ މައްސަލަ އަކަށް އެމްޑީޕީ ޕާލަމަންޓް ގްރޫޕުގެ ތެރެއިން މަސައްކަތް ކުރުމުންނެވެ. ހެލްތު މިނިސްޓަރ އަމީންވެސް އިސްތިއުފާ ދެއްވައިފައިވަނީ ވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރުމާ ގުޅިގެންނެވެ.  ނަމަވެސް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު މަގާމުން ވަކިކުރެއްވީ، ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ރައީސް ޞާލިޙެވެ. 

މިހާރުވެސް މަޖިލީހަށް ވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފައެވެ. ކޯލިޝަން ލީޑަރ އަދި ހޯމް މިނިސްޓަރގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައި ވަނީ އިދިކޮޅު ޕީޕީއެމް،  ޕީއެންސީ ކޯލިޝަނުންނެވެ. އެމައްސަލަ މަޖިލީހަށް ހުށަހެޅުމުން އެމްޑީޕީ މެމްބަރުން ވަނީ ހޯމް މިނިސްޓަރުގެ ދިފާއުގައި ވާހަކަ ފުޅުދައްކަވައިފައެވެ. އެހެންކަމުން މަގާމުން ވަކި ނުކުރެވޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރަށް ވަނީ ލިބިވަޑައިގެންފައެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ، އެމްޑީޕީގެ ތާއީދު އޮތިއްޔާ މަގާމުގައި ދެމި ހުރެވޭނެ ކަމުގެ ޔަގީންކަންވެސް އޮތީމައެވެ.  މިހާރު މަޖިލީހުގައި ކުރިއަށްދާ ބަޖެޓުގެ ބަހުސް ނިމުމުން ހޯމް މިނިސްޓަރ  ޢިމްރާން ޢަބްދުﷲ ގެ ޢިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށް ވަނީ ނިންމަވައިފައެވެ. 

ކޮމިޔުނިކޭޝަން މިނިސްޓަރ މަލީޙު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީއިން ދަނީ ތައްޔާރުވަމުންނެވެ. މިނިސްޓަރ ޢިމްރާނަށް އޮތް ފަދަ ޔަޤީންކަމެއް މިނިސްޓަރ މަލީހަށް ލިބިވަޑައެއް ނުގަންނާނެއެވެ. މިނިސްޓަރ މަލީހުވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. 

ސަރުކާރު ކޯލިޝަންގައި ރެނދުލީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށް ކޯލިޝަނުން ވެފައިވާ އެއްބަސް ވުމާ ޚިލާފަށް އެމްޑީޕީން އަމަލު ކުރުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެން ކަމުން ލޯކަލް ކައުންސިލް އިންތިޚާބަށްވެސް ކޯލިޝަނުން އަމަލުކުރަންޖެހޭ އެއްބަސް ވުމެއް ނެތެވެ. ކޯލިޝަންގެ ޕާޓީތަކުންވެސް ވާދަކުރަނީ ވަކިންނެވެ. އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނު ފަދައިން ކައުންސިލްތަކުގެ މެޖޯރިޓީވެސް ހޯދާނެކަމަށެވެ. 

އަދި ކައުންސިލް އިންތިޚާބުގެ ފަހުން ކޯލިޝަން ރޫޅާލުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ފަށްޓަވާނެކަމުގެ އިންޒާރު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ދީފައެވެ. އެހެންކަމުން  ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކިތަންމެ ބޭނުންފުޅުވިއަސް އަދި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެހެން ލީޑަރުން ކިތަންމެ ބޭނުންފުޅު ވިއަސް މިދައުރު ނިމެން ދެން ކޯލިޝަން ދެމި އޮތުމާ ދޭތެރޭގައި ޔަގީންކަމެއް ނެތެވެ.  ހަގީގަތަކީ ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ގާނޫނު ހަދާ ބާރާއި ނުފޫޒު ގަދަކަމެވެ. އެހެންކަމުން ކޯލިޝަން ދެމި އޮތުމާއި ނެތުންވެސް އޮތީ މަޖިލީހުގެ ރުހުމާއި ނުރުހުމުގެ މައްޗަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.