ކޯލިޝަނަށް ހީނަރުކަމެއް ނުގެނެވޭނެ، މިތިބީ ރައީސާއެކު: ޖޭޕީ

ކޯލިޝަނަށް އެއްވެސް ހީނަރުކަމެއް ނުގެނެވޭނެ ކަމަށާއި، ޖުމްހޫރީޕާޓީ (ޖޭޕީ) އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެކު ކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ސެކްރެޓަރީޖެނެރަލް އަޙުމަދު ސަމީރު ވިދާޅުވީ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. އެހެންކަމުން ކޯލިޝަންގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ކޯލިޝަނަށް އެއްވެސް ބުރުލެއްއަރާނެ ވަރުގެ ކަމެއް އެއްވެސް ބަޔަކަށް ނުކުރެވޭނެ. އެއަށްވުރެ ބަދަހިކޮށް ކޯލިޝަން އޮތީ،" ސަމީރު ވިދާޅުވިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމެވުމުން ކޯލިޝަންތެރޭގައި މައްސަލަ އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ސަމީރު ދޮގު ކުރެއްވިއެވެ. "އެވާހަކަތަކަކީ ދޮގުވާހަކަތައް. އެއްވެސް މައްސަލައެއްނުޖެހޭ. މި ހުރިހާ ކަމެއްކުރިއަށް މިދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން. އެހެންވީމާ ކޮން މައްސަލައެއްތޯ ޖެހޭނީ. އެމްޑީޕީގެ އާސާސީ ޤަވާޢިދު ބުނާގޮތުން އެޕާޓީގެ އެންމެ އިސްފަރާތަކަށް މިހާރުވާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު،" ސަމީރު ވިދާޅުވިއެވެ.

އެމްޑީޕީގެ ހިންގާ ޤަވާއިދު ބުނާގޮތުން އެޕާޓީ ވެރިކަމުގައި އޮންނައިރު ޕާޓީގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ރައީސް އިބްރާހީމްގެ ބެއްލެވުމުގެ ދަށުން ކަންކަން ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށް ސަމީރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން މީގެ ކުރިން ވެސް ވަނީ ވަރުގަދަ ނިންމުންތަކެއް ފާސް ކުރައްވައިފައެވެ. އެގޮތުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމަށް ވެރިކަން ޙަވާލު ކުރެއްވުމާއި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަނުކުރެވޭނެ ކަމަށްވާނަމަ އެ އިންތިޚާބުގައި އެމްޑީޕީ ވާދަ ނުކުރައްވާނެ ކަމަށް ވެސް ފާސް ކުރިއެވެ. މިހާރު އެވަނީ 87 ދާއިރާއަށް ވެސް ކުރިމަތިލާ ގޮތަށް ފާސްކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.