މަދު ޙާލަތެއްގައި ނޫނީ މާލެއަށް އަންނަން ނުޖެހޭ ފެންވަރަށް އަތޮޅުތަކުގައި ސިއްހީ ޚިދުމަތް ފުޅާކުރެވޭނެ: ނާއިބު ރައީސް

މަދު ޙާލަތެއްގައި ނޫނީ މާލެއަށް ނޫނީ އެހެން ތަނަކަށްވެސް ދާންޖެހޭ ފެންވަރަށް އަތޮޅުތަކުގައި ޞިއްޙީ ޙިދުމަތް ފުޅާކުރެވޭނެކަމަށް ނާއިބު ރައީ ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމް އަށް ދެއްވި އިންޓަރވިއުއެއްގައި ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސިއްހީ ދާއިރާއިން ބޮޑެތި ކަންތައްތަކެއް ވަމުންދާތަން ފެނިގެންދާނެކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެންމެ ބޮޑު ހޭދައެއް ކުރުމަށް ރޭވިފައިވަނީ ސިއްހީ ނިޒާމް ލާމަރުކަރު ކުރުމަށް، ކަމަށް ނާއިބް ރައީސް ފާހަގަ ކުރެއްވިއެވެ. އެކަންތައް ތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ އެންމެ ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަކަން ބޭނުންވެފައިވާ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ. މިހާތަނަށް މިއޮންނަނީ ކޮންމެ ކަމެއްގައި މާލެއަށް އަންނަންޖެހޭ އުސޫލުކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ގެންގުޅޭ ސިޔާސަތުން އެކަން ބަދަލުވެގެން ދާނެކަމަށް ވިދާޅުވިއެވެ. މިހާރުވެސް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުވެސް ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރެއްވިއެވެ.

"މީގެ ކުރިން އަޅުގަނޑުމެންނަކަށް އަޑެއް ނުއިވޭ، ރާއްޖޭގެ ރަށެއްގެ ހޮސްޕިޓަލް ނޫނީ އަތޮޅު ހޮސްޕިޓަލް ނޫނީ ރީޖަނަލް ހޮސްޕިޓަލަކުންވިޔަސް ސާރޖަރީތައް ކޮށް އުޅުނު ވާހަކައެއް. ދެ އަހަރު ވެގެންދާއިރު ވަރަށް ރަނގަޅު ކަންތައްތަކެއް ކުރެވިފައިވޭ.  މީގެ ސަބަބުން ރައްޔިތުންނަށް އިތުބާރު އެބަލިބޭ." ނާއިބު ރައީސް ވިދާޅުވިއެވެ.  

އިޖްތިމާއީ ކަންތައްތައް ގިނަ ފަހަރު ވިސްނިފައި އޮންނަނީ ޢުމްރަނީ ތަރައގީގެ ގޮތުގައި ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އިޖްތުމާއީ ކަންތައްތަކަށް ދޭނެޖެހޭ ސަމާލުކަން ދެވިފައި ނޯންނަކަން ފާހަގަކުރެއްވިއެވެ. އިޖްތިމާއީ ދާއިރާއަކީ މިސަރުކާރުން، ޚާއްސަކޮށް ރައީސް ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއްކަން ނާއިބު ރައީސް ފާހަގަ ކުރެއްވިއެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ލިއްބައި ދިނުމާއި، ހެޔޮލަފާ ތައުލީމީ ޖީލެއް ބިނާކުރުމަކީ އެންމެ މުހިންމު އަމާޒެއްގެ ގޮތުގައި އޮންނަނީ. އެގޮތުން ސޯޝަލް ކައުންސިލްގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ." ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކުރާއިރު މުޖްތަމައުގެ ތެރޭގައި ހުރި މައްސަލަތައް ހޯދައި ދެނެގަންނަން ޖެހޭކަމަށެވެ. ސޯޝަލް ކައުންސިލާއި މުޅި ސަރުކާރުންވެސް ކުރެވޭ މަސައްކަތްތަކާއި ދުރު ރާސްތާ ޕްލޭންތައް ވާންޖެހޭނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަންކަމަށް، ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

މިސަރުކާރުގެ ދެއަހަރު ތެރޭގައި ވަރަށް ގިނަ ދިމަދިމާއަށް އަމާޒުކޮށް ގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތައް ރޭވިގެން ކުރިއަށްދާކަމަށް ވެސް ވިދާޅުވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ގިނަ މަސައްކަތްތައްކެއް މިދިޔަ ދެއަހަރު ތެރޭގައި ކުރެވިފައިވާކަން ނާއިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެކަންކަމުގެ ނަތީޖާވެސް ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ. ސިއްޙީ ދާއިރާގެ އިތުރުން މީހުން ބިނާކުރުމަށް ވެސް ގިނަ މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.

މިހާލަތުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ކޯވިޑްގެ ޙާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް ކަމަށް ވެސް ނާއިބު ރައީސް ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.