ސަރުކާރުން ވަނީ ރައްޔިތުންގެ ބޭނުންތައް ހަނދާން ނައްތާލައިފައި: ފައިސަލް

ރާއްޖޭގައި މިހާރުއޮތީ ރައްޔިތުންގެ ބޭނުންތަކަށް ފުރަގަސްދީ ހިތުހުރި ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާ އަނިޔާވެރި ސަރުކާރެއް ކަމަށާއި އެކަން ބަދަލު ކުރުމަށް ލިބޭ ފުރުސަތު ނަގައި ނުލުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޯލީޝަނުގެ ފަރާތުން އއ. ތޮއްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރެއް އަންނަންޖެހޭ ބޭނުން މިހާރުގެ ސަރުކާރަށްވަނީ ހަނދާންނެތިފައި ކަމަށެވެ. އެހެން ކަމުން މިވަގުތަކީ ރައްޔިތުންނަށް ސަރުކާރަކުން ކޮށްދޭންޖެހޭ ކަންކަން ހަނދާން ކޮށްދޭންޖެހޭ ވަގުތު ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ބަދަލުކޮށްލުމަށް 23 ސެޕްޓެމްބަރުގައި ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިއަދު އަޅުގަނޑުމެންނަށް މިލިބޭ ފުރުސަތު ގެއްލުވާލައިފި ކަމަށްވަންޏާ އަޅުގަނޑުމެންނަށް އެ ގެއްލުވައިލެވެނީ އަޅުގަނޑުމެންގެ މުޅި މުސްތަގުބަލް،" ފައިސަލް ނަސީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށުން ސަރުކާރަށް ހޯދައިދޭ މަންފާއަށް ބަލައިރު ރަށްރަށަށް ކޮށްދޭންޖެހޭ ގިނަކަންކަން ވެފައި އޮންނަންޖެހޭނެ ކަމަށެވެ. އެ ބޭފުޅުންގެ ސަރުކާރެއްގައި އެކަންކަން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.