ހޮންކޮންގުގެ ގާނޫނުހަދާ މަޖިލީހުގެ އިދިކޮޅު ހުރިހާ މެންބަރުން އެކުގައި އިސްތިއުފާދެއްވަން ނިންމަވައިފި

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލު ހިންގުމުގެ ތުހުމަތުގައި އިދިކޮޅު ހަތަރު މެންބަރެއްގެ މެންބަރުކަން ބާޠިލުކުރަން ހޮންކޮންގުގެ ސަރުކާރުން ނިންމުމާ ގުޅިގެން އެ ސަރަހައްދުގެ ގާނޫނުހަދާ މަޖިލިސް، ލެޖިސްލޭޓިވެ ކައުންސިލް (ލެގްކޯ) ގައި ތިއްބަވާ އިދިކޮޅު ހުރިހާ މެންބަރުން އެކުގައި އިސްތިއުފާދެއްވަން ނިންމަވައިފިއެވެ.

ހަތަރު މެންބަރުން ވަކިކުރަން ނިންމި ނިންމުމަކީ، ހޮންކޮންގުގައި ވަރުގަދަވަމުން އަންނަ ޑިމޮކްރެސީ ހަރަކާތާ ދެކޮޅަށް ޗައިނާގެ މައިސަރުކާރުގެ އެންގެމަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ. މި ފިޔަވަޅާ ގުޅިގެން ޑިމޮކްރެސީއަށް ތާއީދުކުރައްވާ ހުރިހާ މެންބަރުން އެކުގައި އިސްތިއުފާދެއްވީ އެބޭފުޅުން ދޫދެއްވަން ނެތްކަމުގެ މެސެޖެއް ދެއްވުމަށެވެ.

70 މެންބަރުންގެ ލެގްކޯގައި ބާކީ ތިއްބެވި އިދިކޮޅު 15 މެންބަރުން މިކަން އިއުލާންކުރެއްވީ މިއަދު މެންދުރު ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އަހަރުމެންގެ މަގާމުތަކުން މިއަދު އަހަރުމެން އިސްތިއުފާދޭނަން. އެއީ މަރުކަޒީ ސަރުކާރުން އެޅި ރަހުމްކުޑަ ފިޔަވަޅުގައި އެހަރުމެންގެ އެކުވެރިންގެ މެންބަރުކަން ބާޠިލުކޮށްފައި ވާތީ." ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިދިކޮޅު ގްރޫޕްގެ ކޮންވީނަރ ވޫ ޗި-ވާއި ވިދާޅުވިއެވެ.

"ޑިމޮކްރެސީއަށްޓަކައި ކުރާ ހަނގުރާމައިގައި މުސްތަގުބަލުގައި އަހަރުމެން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ. އެހެންނަމަވެސް، އަހަރުމެން ދުވަހަކުވެސް، ދުވަހަކުވެސް ދުލެއް ނުދޭނަން." ވޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު 15 މެންބަރުންގެ އިސްތިއުފާގެ ސިޓީ މާދަމާ ހުށަހަޅުއްވާނެއެވެ.

ޗައިނާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ޗައިނާއަށް ވަފާތެރިވެވަޑައިގެން އެބޭފުޅުންނީ 'ވަޠަނީ' ބޭފުޅުންކަން ސާބިތުކޮށްނުދެއްވާނަމަ އެބޭފުޅުންގެ މެންބަރުކަން ބާޠިލުކުރުމުގެ ބާރު ހޮންކޮންގުގެ ސަރުކާރަށް ލިބިދޭ ގަރާރެއް ޗައިނާގެ މަރުކަޒީ ގާނޫނުހަދާ މަޖިލިސް ނޭޝަނަލް ޕީޕލަސް ކޮންގްރެސް (އެންޕީސީން) ވަނީ ފާސްކޮށްފައެވެ. މިއަދު ހަތަރު މެންބަރުން ވަކިކޮށްފައިވަނީ މި ބާރުގެ ބޭނުންކޮށްގެންނެވެ.

"ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގެ ސްޓޭންޑިންގ ކޮމިޓީގެ ނިންމުމަކީ ހޮންކޮންގުގެ ދިގުމުއްދަތުގެ ސުލްހައާއި، ހަމަޖެހުމާއި، ތިޔާގިކަމާއި ތަރައްގީއަށް މަގުފަހިކޮށްދޭނެ ނިންމުމެއް." އެންޕީސީގެ ނިންމުމާ ބެހޭގޮތުން ޗެއާމަން ލީ ޒާންޝޫ ވިދާޅުވިއެވެ.

އިދިކޮޅު މެންބަރުން ސިފަކުރެއިވި ގޮތުގައި 1997 ވަނަ އަހަރު އިނގިރޭސިވިލާތުގެ ވެރިކަން ނިމި ޗައިނާގެ ދަށަށް ހޮންކޮންގު ބަދަލުވި ފަހުން އަމަލުކުރަމުން އައި 'އެއް ގައުމު، ސެ ސިސްޓަމް' ގެ އުސޫލު މިއަދުން ފެށިގެން ނިމުމަކަށް އައީއެވެ. އަދި ހޮންކޮންގެ ސަރުކާރު ދެން ވާނީ މައި ސަރުކާރުގެ ގޮނޑިކޮއްކޮއަކަށެވެ. ޗައިނާގެ މައި ސަރުކާރުން އަމަލުކުރަން އެއްބަސްވެފައިވާ އެ އުސޫލުގެ ދަށުން ހޮންކޮންގަށް އިގުތިސާދީ އަދި ސިޔާސީ އަދި ގާނޫނީ ކަންކަން ނިންމުގައި 50 އަހަރަށް އަމިއްލަ އިޚްތިޔާރު ލިބިދޭން ޖެހެއެވެ.

"މި ފިޔަވަޅުން (ހަތަރު މެންބަރުންގެ މެންބަރުންގެ މެންބަރުކަން ބާޠިލުކުރަން ނިންމުމުން) އެނގިގެން ހިނގައްޖެ ހުންކޮންގުގެ މައްޗަށް ޚުދްމުޚްތާރުކަން ވެރިވަމުން ދާކަން. އަދި ލެޖިސްލޭޗާގައި ތިބި އިދިކޮޅު ހުރިހާ މެންބަރުންގެ އަޑު ކަނޑުވާލުމުގެ ބާރު ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ލިބިގެންވާކަން." މިއަދުގެ ނިންމުމާ މެދު ނުރުހުން ފާޅުކުރައްވަމުން އިދިކޮޅު މެންބަރު ފެނާންޑޯ ޗެންގ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.