ޗައިނާގެ ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަން، ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނު ޗައިނާގެ ގާނޫނުހަދާ މަޖިލިސް، ނޭޝަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގެ ސްޓޭންޑިންގ ކޮމިޓީގެ 162 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ. މި ގާނޫނުގައި ވަކިވެގަތުމަށް މަސައްކަތްކުރުމާއި، ސަރުކާރު ވައްޓާލަން މަސައްކަތްކުރުމާއި، ބޭރުގެ ފަރާތްތަކާއި ގުޅިގެން ސަރުކާރާ ދެކޮޅު މަސައްކަތް ކުރުމުގެ ކުށްތައް ކަނޑައަޅައި އެ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައި ވެއެވެ. އޭގެ ތެރޭގައި އުުމުރަށް ޖަލަށްލުންވެސް ހިމެނެއެވެ.
ހޮންކޮންގުގެ ނޫހަކުން ޚަަބަރުދީފައިވާ ގޮތުގައި މިއަދުނު ހެނދުނު 9 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 6 ޖެހިއިރު) އެ ގާނޫނު ފާސްކޮށްފައި ވަނީ އެންމެ 15 މިނެޓުގެ ބަހުސަށް ފަހުގައެވެ. އަދި އެންޕީސީގައި ހޮންކޮންގު ތަމްސީލުކުރައްވާ މެންބަރުންނަށް އެ ބިލް ރަނޅަށް ކިއުއްވާލައްވާނެ ފުރުސަތުވެސް ލިިބިވަޑައިގެންފައި ނުވެއެވެ.
ހޮންކޮންގުގެ ގާނޫނު، ބޭސިކްލޯއާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މާލަސްތަކެއް ނުވެ ބާއްވައި، އެންޕީސީން މި ފާސްކުރި ގާނޫނު ބޭސިކްލޯގެ ތިންވަނަ ޖަދުވަލުގައި ހިމަނާނެއެވެ.
މި ގާނޫނުން ޗައިނާގެ ސަލާމަތީ ބެެހޭ އިދާރާތަކަށް ހޮންކޮންގުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިދޭއިރު، ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް ބެލުމަށް ފަނޑިޔާރުން އައްޔަންކުރުމުގެ ބާރު ޗީފް އެގްޒެކެޓިވްެގެ ބެއްލެވުމުގެ ދަށުން އައްޔަންކުރެވޭ ކޮމިޓީއަކަށް ދީފައި ވެއެވެ. އަދި ހޮންކޮންގުގައި މިހާރު އަމަލުކުރާ ގާނޫނުތައް އެ ގާނޫނާ ފުށުއަަރާނަަމަ އެ ގާނުނުތައް ބަދަލުކުރެވޭނެއެވެ.
ހޮންކޮންގުގެ ގިނަ ރައްޔިތުންތަކެއް އަޑުއުފުލައި ދެކޮޅުހަދަމުން ދަނިކޮށް ފާސްކުރި މި ގާނޫނާއެކު ހޮންކޮންގަށް ދީފައިވާ ޚާއްސަ ހާލަތު ނިމުމަކަށް އައިސް ޗައިނާ އެހެން ޕްރޮވިންސުތައް ފަދަ ސަރަހައްދަކަށް ވެގެެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެެވެ. އެމެރިކާއާއި، އީޔޫއާއި، އިނގިރޭސިވިލާތުން ވެސް ވަނީ މި ގާނޫނާ ދެކޮޅަށް އަޑުއުފުލާފައެވެ.
މިއަދު ފާސްކުރި މި ގާނޫނުގެ ތަފްސީލު މިއަދު ހަވީރު އާއްމުކުރާނެ ކަމަށް ވެއެވެ. އަދި ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ ޒިންހުއާއިން ބުނި ގޮތުގައި މި ގާނޫނަށް ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
1842 ވަނަ އަހަރުން ފެށިގެން އިނގިރޭސި ކޮލޮނީއެއްގެ ގޮތުގައި އޮތުމަށްފަހު، 1 ޖުލައި 1997 ގައި ޗައިނާއާއި ހޮންކޮންގު ހަވާލުކުރި އެއްބަސްވުުމުގައި ވާގޮތުން ހޮންކޮންގުގެ ދާޚިލީ ކަންކަމުގައި ސިޔާސީ އަދި އިގްތިސާދީ މިނިވަންކަން ކުރިއެކޭ އެެއްގޮތަަށް ދަމަަހައްޓަން ޖެހެއެެވެ.