އާޒަރްބައިޖާންގެ ސަރަހައްދެއް ކަމުގައިވާ ނަގޯރްނޯ-ކަރަބާޚްގެ މައްސަލައިގައި އާޒަރްބައިޖާނާ އާމީނިޔާ ކުރަމުން އައި ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.
ރަޝިޔާއިން ދެފަރާތުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް ރަޝިޔާއިން ކުރި މަސައްކަތަށް ފަހު ތިންގައުމުން "ހަމަލާތައް މުޅިން ހުއްޓާލުމަށް" ތިން ގައުމުން މިއަދު ސޮއިކުރި އެއްބަސްވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވާގޮތުން ނަގޯރްނޯ-ކަރަބާޚް ސަރަހައްދުގައި ސުލްހަ ބަލަހައްޓާ ސިފައިންގެ ދެހާސް މީހުން ބައިތިއްބާނެއެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ ސުލްހަ ބަލަހައްޓަން ބައިތިއްބާނީ މުޅިންވެސް ރަޝީޔާ ސިފައިން ކަމުގައެވެ. ކުރީގެ ރޫސީވިލާތު ދަށުގައި އޮތުމަށް ފަހު މިނިވަންވި ދެ ގައުމުގެ ދެމެދުގައި ހިނގާ ހަނގުރާމައިގައި ރަޝިޔާއިން ވަނީ ވަކި އަތަކަށް ނެޖުހުމުގެ ސިޠާސަތެއް އިޚްތިޔާރުކޮށްފައެވެ.
މިއަދު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރިއިރު، އާޒަރްބައިޖާނުން ވަނީ ނަގޯރްނޯ-ކަރަބާޚްގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ޝުޝާ (ޝުޝީ) ހިފިކަން އިއުލާންކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އާމީނިޔާގެ ބޮޑު ވަޒީރު ނިކޯލް ޕަޝިންޔާން އޭނާގެ ފޭސްބުކް ސަފްހާގައި ލިއުއްވާފައިވާ ގޮތުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަކީ "ބާޔާންކުރަންދަތި ވަރުގެ ހިތްދަތިކަމެއް" އިހުސާސްކުރައްވަން ޖެހިވަޑަގަތް ކަމެކެވެ.
"އަހަރެން މި ނިންމުން ނިންމީ އަސްކަރީ ހާލަތާމެދު ވަރަށް ފުންކޮށް ވިސްނުމަށް ފަހު." ތުރުކީގެ އެހީތެރިކަން ލިބިގެން ކުރަމުން ދިޔަ އަޒަރްބައިޖާން ކޮޅަށް ބުރަވެފައިވާ ހަނގުރާމަ ހުއްޓާލަން އެއްބަސްވުން ނޫން ގޮތެއް ނެތިގެން އާމީނިޔާ ސޮއިކުރި އެއްބަސްވުމަށް ފަހު ބޮޑުވަޒީރު ޕަޝިންޔާން ލިއުއްވާފައި ވެއެވެ.
ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރި ޚަބަރާއެކު އެކަމަށް ނުރުހުން ފާޅުކޮށް އެތައް ހާސް ބަޔަކު ވަނީ އާމީނިޔާގެ ވެރިރަށް ޔެރެވާންގެ މަގުތަކަށް ނުކުމެފައެވެ. ރަށުގެ މެދުތެރެއަށް އެތައް ހާސް ބަޔަކު އެއެވެފައި ވާއިރު، މުޒާހަރާކުރާ ބައެއް މީހުން ވަނީ ސަރުކާރުގެ މައި އޮފީސް އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، ގޮނޑި މޭޒު ފަދަ ތަކެތި މަގުމައްޗަށް ނެރެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު ޕަޝިންޔާންގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ.
ނަގޯރްނޯ-ކަރަބާޚުގެ މައްސަލައަކީ އާޒަރްބައިޖާނާ އާމީނިޔާއާ ދެމެދު ހިނގަމުން އަންނަ 100 އަހަރަށްވުރެ ގިނަ ދުވަސްވީ މައްސަލައެވެ. ދެ ގައުމު 1991 ވަނަ އަހަރު މިނިވަންވީ އިރު އދ. ން ގަބޫލުކޮށްފައިވާ ގޮތުގައި ނަގޯރްނޯ-ކަރަބާޚަކީ އާޒަރްބައިޖާންގެ ބައެކެވެ. އެހެންނަމަވެސް، އާބާދީގައި އާމީނިޔާ ދަރިކޮޅުގެ %76 ހިމެނޭ މި ސަރަހައްދުގައި އާމީނިޔާއަށް ތާއީދުކުރާ މީހުން ވަނީ ރިޕަބްލިކް އޮފް އަރްޓްސާޚްގެ ނަމުގައި ވަކި ސަރުކާރެއް ގާއިމުކޮށް އާޒަރްބައިޖާނުން ވަކިވިކަން އިއުލާންކޮށްފައެވެ. ދުނިޔޭގެ ގައުމުތަކުން އެކަން ގަބޫލުނުކުރި ނަމަވެސް އާމީނިޔާއިން އެ ސަރުކާރު ގަބޫލުކުރެއެވެ.
މިހާރު މިހިނގާ ހަނގުރާމަ ފެށިފައި މިވަނީ ދެ ގައުމުން މި ސަރަހައްދުގެ މައްޗަށް ބާރު ހިންގަން ކުރާ މަސައްކަތުގެ ތެރެއިންނެވެ.