އާމީނިޔާއާއި އާޒަރްބައިޖާނާ ދެމެދު އަސްކަރީ ކުރިމަތިލުމެއް

ކުރީގެ ރޫސީވިލާތް ރޫޅިގެން ދިޔައިރު މިނިވަންވި ދެ ގައުމު ކަމުގައިވާ އާމީނިޔާއާއި އާޒަރްބައިޖާނާ ދެމެދު ވަރުގަދަ އަސްކަރީ ކުރިމަތިލުމެއް ހިނގައި ހަމަލާތައް ބަދަލުކޮށްފިއެވެ.

ދެ ގައުމުގެ ސިފައިން ހަމަލާތައް ބަދަލުކޮށްފައި ވަނީ އާޒަރްބައިޖާނުގެ ސަރަހައްދެއް ކަމުގައިވާ ނަގޯރްނޯ ކަރަބާޚްގައެވެ. އާމީނިޔާ ދަރިކޮޅު މީހުންގެ އަޣުލަބިއްޔަތު އޮންނަ އެ ސަރަހައްދުގައި މިނިވަންކަން އިއުލާނުކޮށް އަމިއްލަ ވެރިކަމެެއް ގާއިމުކޮށްފައި ވާއިރު، އާމީނިޔާއިން އެ ސަރަހައްދުގެ މިނިވަންކަމަށް ތާއީދުކުރެެއެވެ.

އިއްޔެ ބަދަލުކުރެވުނު ހަމަލާތަކުގައި ސިފައިންގެ 16 މީހުން މަރުވެ، އާާއްމުންގެ ތެރެއިން ވެސް އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައި ވެއެވެ.

ނަގޯރްނޯ ކަރަބާޚްގައި އަމިިއްލަ ވެރިކަމެއް އުފައްދައިގެން އުޅޭ ސަރުކާރުން ބުނި ގޮތުގައި އާޒަރްބައިޖާންގެ ސިފައިން ވައިގެ މަގުންނާއި، ބޮޑުބަޑިން ދިން ހަމަލާތަކުގައި އެ ސަރުކާރުގެ ސިފައިންގެ 16 މީހުން މަރުވެ، 100 މީހުން ޒަޚަމްވެފައި ވެއެވެ.

ދުނިިޔޭގެ ގައުމުތަކުން މިނިވަން ގައުމެއް ކަމުގައި ގަބޫލުނުކުރާ ރިޕަބްލިކް އޮފް ނަގޯރްނޯ ކަރަބާޚްގެ ރައީސު އަރާއިކް އަރްތޫނިޔާން ހާމަކުރި ގޮތުގައި އާޒަރްބައިޖާން ސިފައިން ވަނީ އެ ސަރަހައްދުން ބައެއް ހިފާފައެވެ. އާޒަރްބައިޖާނުން ބުނި ގޮތުގައި އެ ގައުމުގެ ސިފައިން ވަނީ ނަގޯރްނޯ ކަރަބާޚްގެ 7 އަވަށެއް ހިފާފައެވެ.

އާމީނިޔާގެ މިނިސްޓްރީ އޮފް ޑިފެންސްގެ ތަރުޖަމާނު ބުނި ގޮތުގައި ނަގޯރްނޯ ކަރަބާޚްގެ ސަރުކާރުގެ ސިފައިން ވަނީ "އާޒަރްބައިޖާން ސިފައިންގެ 200 މީހުން މަރާލައި، ބޮޑުބަޑީގެ 30 ހަރު ހަލާކޮށްލައި، ދުޝްމަނުންގެ 20 ޑްރޯން ވައްޓާލާފައެެވެ.

އަނެއްކޮޅުން އާޒަރްބައިޖާނުން ބުނެފައި ވަނީ އާމިނިޔާ ސިފައިން ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 5 މީހުން މަރުވެފައިވާ ކަމުުގައެވެ.

ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރޭޝް ވަނީ ވަގުތުން ހަމަލާތައް ހުއްޓާލުމަށް ގޮވައިލައްވާފައެވެ.

"ހަަމަލާ ބަދަލުކުން ވަގުތުން ހުއްޓާލައި، މަސްރަހު ފިނިކޮށް، ނަތީޖާ ނެރެވޭ ފަދަ މަޝްވަަރާތަކަށް ލަސްނުވެ އެނބުރި ދިއުމަށް ސެކްޓްރެޓަރީ ޖެނެރަލް ދެ ފަރާތަށް ގޮވައިލައްވާ." ގުޓެރޭޝްގެ ތަރުޖަމާނުގެ ބަޔާނެއްގައި ވެއެވެ.

4400 އަކަ ކިލޯމީޓަރަށް ފެތުރިފައިވާ ފަރުބަދަމަތީ ސަރަަހައްދެއް ކަމުގައިވާ ނަގޯރްނޯ ކަރަބާޚްގެ އާބާދީއަކީ 1 ލައްކަ 46 ހާހެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.