ޤިޔާމަތް ދުވަހު އިންސާނާގެ ހަށިގަނޑުގައި ލެވިފައިވާ ހަން އޭނާގެ ޢަމަލުތަކުގެ މައްޗަށްހެކި ދޭނޭ

ޤިޔާމަތް ދުވަހު އިންސާނާގެ ހަށިގަނޑުގައި ލެވިފައިވާ ހަން އޭނާގެ ޢަމަލުތަކުގެ މައްޗަށް ހެކި ދޭނޭ ކަމަށް ހުކުރު ޚުޠުބާ ގައި ވިދާޅުވެއްޖެއެވެ. 

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކުރައްވައިފައި ވަނީ ޤިޔާމަތް ދުވަހާމެދު ޣާފިލު ނުވުމުގެ މައްޗަށެވެ. ޚުޠުބާގައި ވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން މާތް ﷲގެ ވަހީ ބަސްފުޅުންނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘް ބަސްފުޅުތަކުން ހަނދާން ކޮށްދެއްވައިފައެވެ. އަދި އެދުވަހާ މެދު ޣާފިލުނުވުމަށް ވަނީ ހަނދާންކޮށްދެއްވައިފައެވެ. 

ޚުޠުބާގައި ވިދާޅުވީ ދުނިޔޭގެ ޙަޔާތުގައި ﷲ ސުބުހާނަހޫވަޠަޢާލާ ދެއްވި ޢިލްމުގެ މަދު މިންވަރުން، މިއަދު އިންސާނާ ވަނީ ތަރައްޤީ އާއ ތަހްޒީބުގެ މަގުގައި މީގެ ކުރިން އެއްވެސް ޒަމާނެއްގައި ހޯދިފައި ނުވާފަދަ މާއްދީ ބޮޑެތި ކުރިއެރުންތައް ހޯދައިފައި ކަމަށެވެ. ހިތާމައަކީ މި މާއްދީ ކުރިއެރުންތަކުގެ ސަބަބުން އިންސާނާގެ ރޫޙާނިއްޔަތު ފުޑުފުޑުވެގެން ގޮސްފައިވާއިރު، އެކަމުގެ އިޙްސާސްވެސް އޭނާގެ ކިބައިގައި ނެތުންކަމަށެވެ. އެހެންކަމުން އޭނާ މަސައްކަތްކުރަނީ، އޭނާގެ ސުވަރުގެ ދުނިޔެމަތީގައި ބިނާ ކުރެވޭތޯ ކަމަށް، ޚުޠުބާގައި ވިދާޅުވިއެވެ.  

"ނަމަވެސް މިހުރިހާކަމެއް މޮޅަށް ބައްލަވާ ވޮޑިގެންވާ، ޖައްބާރުވަންތަ، ޤައްހާރުވަންތަ އިލާހުގެ އަމުރުފުޅު އައުމުން ގަދަފަދަ އަޑަކާއެކު އޭނާއާއި އޭނާ ހޯދި ތަރައްޤީ ފުޑުފުޑުވެ، ވެއްޔަށް ވެގެން ހިނގައިދާ ހުއްޓެވެ. އޭނާ އާއި އޭނާގެ ވަށައިގެންވާ ހުރިހާ އެއްޗެއް ފަޅި ސިކުންތެއްގެ ތެރޭގައި، ފަނާވެ ނެތި ހިނގައިދާ ހުއްޓެވެ. އަނެއްކާވެސް އާ އަޑަކާއެކު އޭނާ ދިރިގެން އަންނާނެއެވެ. ނަމަވެސް އެއީ ދުނިޔޭގެ ބިމެއް ނޫނެވެ. މުޅިން އާ ބިމެކެވެ. އާދެ އެއީ މަޙްޝަރުގެ މައިދާނެވެ. ދުނިޔޭގެ ދުވަހެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ އޭނާ ދޮގުކުރަމުންދިޔަ  ޤިޔާމަތް ދުވަހެވެ. އެދުވަސް އަންނާނެކަމަށް އިންކާރުކޮށް ދުނިޔޭގެ ޒީނަތަށް ހެއްލުނު އިންސާނާއެވެ! މިހާރު މިވަނީ ޣާފިލުކަމުގެ ފަރުދާ ކަޝްފު ވެފައެވެ. މިއަދު ތިބާގެ ދެލޯ ތިޔަވަނީ މަޙްޝަރުގެ މައިދާނުން، މިފެންނަ އާދަޔާ ޚިލާފު ކަންތައްތަކަށް ސަމާލުވެ ހުއްޓިފައެވެ. އޭ، މިއަދު އެއްވެސް އާރެއް ބާރެއް ނެތް އިންސާނާއެވެ! ތިބާއަށް މިއަދު ތިފެންނަނީ ހަޤީޤީ ޓެކްނޮލޮޖީއެވެ. އެއީ ތިބާ ދުނިޔެމަތީގައި ހޯދި ޓެކްނޮލޮޖީފަދަ، ފަނާވެދަނިވި އެއްޗެއް ނޫނެވެ. ތިމާގެ އަމިއްލަ ހަށިގަނޑުގައި ލެވިފައިވާ ހަންގަނޑު ތިމާގެ މައްޗަށް ހެކިދޭގޮތް ނިކަން ދެކި ބަލާށެވެ. އެ ހަންގަނޑަށް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން އެދުވަހު ދެއްވާނީ ކާއިނާތުގެ މިލްކުވެރި ﷲ އެވެ. ޤިޔާމަތްދުވަހު، އެ އިންސާނާގެ ގައިގެ ހަން އެމީހެއްގެ މައްޗަށް ހެކިވާނެ ވާހަކަ ﷲގެ ވަހީ ބަސްފުޅުގައި ނުވޭހެއްޔެވެ؟" ޚުޠުބާގައި ވިދާޅުވިއެވެ. 

ޤިޔާމަތްދުވަހު ބިރުވެރިކަމުން ސަލާމަތްވެ ޢަރްޝީގެ ހިޔާވަހިކަން ލިބޭނެ ހަތް ގިންތިއެއްގެ މީހުންގެ ޚަބަރު މާތް ނަބީއްޔާ ޞައްﷲ ޢަލައިހި ވަޞައްލަމް ދެއްވައިފައިވާކަން ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އެއީ ޢަދުލުވެރި ވެރިންނާއި، އެބައި މީހުންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުންމަތީގައި ބޮޑުވި ޒުވާނާއާއި، އެބައެއްގެ ހިތް މިސްކިތާ ގުޅި ލާމެހިފައިވާ މީހުންނާއި، ﷲއަށް ޓަކައި އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެ، ﷲ އަށް ޓަކައި އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، ﷲ އަށް ޓަކައި އެއްބަޔަކު އަނެއް ބަޔަކާ ވަކިވި މީހުންނެވެ. އަދި ޤަދަރުވެރި ރީތި އަންހެނަކު ފާޙިޝްކަމަކަށް ދައުވަތު ދިނުމުން، ތިމަންމެން ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެ ގަތް މީހުންންނާއި، ކަނާތުން ކުޅަ ޞަދަޤާތް ވާތަށް ނޭނގޭހައި ސިއްރުން ޞަދަޤާތް ކުޅަ މީހުންނާއި، އެކަހެރި ތަނެއްގައި ﷲ ހަނދުމަކޮށް ލޮލުން ކަރުނަ އޮހޮރުނު މީހުންނެވެ. 

ﷲގެ ރަޙުމަތުން އުއްމިދު ކަނޑާ ނުލައި ވަގުތު ފާއިތުވުމުގެ ކުރިން ކުރެވިފައިވާ ފާފަތަކަށް ތަޢުބާވެ، ﷲ ތަޢާލާގެ ޙަޒްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމަށް އަވަސްވެ ގަތުމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. 

"އިސްވެ ދެންނެވުނު ފަދަ ނޞީބުވެރިންގެ ތެރޭގައި ހިމެނޭތޯ ގަދަ އަޅައި މަސައްކަތްކުރާށެވެ! ކަނޑުގެ ލޮނުގަނޑުހައި ގިނައިން ފާފަ ކުރެވިފައި ވިޔަސް އިޚްލާޞްތެރި ޠަޢުބާއަކުން ތަޢުބާވެ ފާފަތަކުން އެނބުރި ރުޖޫޢަވެއްޖެނަމަ އެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ހެޔޮކަންތަކަށް ބަދަލުކޮށްދެއްވަ އެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.