ނޮވެމްބަރ ތިނެއްގެ ބައެއް ޙަޤީޤަތް މޭޖަރ ޖެނެރަލް މޫސާ ޖަލީލް ހާމަކުރައްވައިފި 

ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ހަމަލާގެ ބައެއް ޙަޤީޤަތް، އެދުވަހުގެ އެއް ބަޠޮލުކަމުގައިވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓެޔަރޑް) މޫސާ ޢަލީ ޖަލީލް ހާމަކުރައްވައިފި  އެވެ. 

ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮވެމްބަރ  ތިނެއްގެ ބައެއް ޙަޤީޤަތް  އޭނާ ހާމަކުރައްވުމަށް ނިންމެވީ ބައެއް ރަޙްމަތްތެރިންގެ  ސުވާލުތަކާ ގުޅިގެން  އެއްޗެއް ވިދާޅުވާން ޖެހޭ ކަމަށް ދެކެވަޑައި ގަންނަވާތީކަމަށެވެ. އެކަންކަން ހާމަކުރައްވަނީ އެއްވެސް މީހަކަށް ޗެލެންޖް ކުރެއްވުމުގެ ގޮތުން ނޫންކަމަށާއި ވަރަށް އިޙްލާސްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށް ވިދާޅުވިއެވެ. 

ޖެނެރަލް ޖަލީލު ހާމަކުރައްވައިފައިވާ ވާހަކަ ތަކުން އެނގެނީ ނޮވެމްބަރ ތިނެއްގެ ހަމަލާއާ ދިވެހި ސިފައިން ކެރިގެން ކުރިމަތިލައިފައި ވަނީ ދެވިފައިވާ ފުރިހަމަ ތަމްރީނުތަކެއްގެ ސަބަބުންކަމެވެ. ޖަލީލު ވިދާޅުވީ  އޭނާގެ ކޮމާންޑަރ ކަމުގައި ދުޝްމަނުންނާ ކުރިމަތިލުމަށް ސިފައިންގެ ގެއިން ނުކުންނެވި ހުރިހާ ސިފައިންގެ ބޭކަލުންނަށް ވެސް، ނުކުންނެވި އިރުވެސް އެނބުރި އެހުރިހާ ބޭކަލުންނަށް ސިފައިންގެ ތެރެއަށް ވެދެވަޑައި ނުގެނެވޭނެކަން އެނގިވަޑައިގެންނެވި ކަމަށެވެ. ޖަލީލްގެ ކޮމާންޑަރ ކަމުގައި އެދުވަހު ސިފައިންގެއިން ބޭރަށް ނުކުމެވަޑައިގެންނެވި ބޭކަލުންގެ ތެރެއިން ދެ ބޭކަލަކު ދުޝްމަނުންގެ  ހަމަލާއިން ޝަހީދުވިއެވެ. 

ޖެނެރަލް ޖަލީލް ވިދާޅުވެފައި ވަނީ އޭނާވެސް ދެ ފަހަރަށް ޒަޚަމްވެވަޑައި ގެންނެވިކަމަށެވެ.  އެދުވަހު ޖަލީލްގެ ކޮމާންޑަރުކަމުގެ ދަށުން ސިފައިންގެ ބޭކަލުން ނުކުންނެވުން ވެގެން ދިޔައީ ދުޝްމަނުން ފުރަތަމަ ތިބި ތަންތަނުން ފަހަތަށް ޖެއްސުވި ކަމަކަށް ކަމަށް ވެސް ޖަލީލް ފާހަގަ ކުރެއްވިއެވެ. 

އޭނާ ވިދާޅުވީ  ނޮވެމްބަރ ތިނެއްގައި  ހަތިޔާރާއެކު ތިބި ހަނގުރާމަވެރިން ތިން ދިމާލަކުން ސިފައިންގެ އަށް ހަމަލާދެމުން ދިޔަކަމަށެވެ. ރައްދުގައި ފަސް ޖެހުމެެއް ނެތި ސިފައިން ހަމަލާ ދެމުންދިޔަކަންވެސް ޖަލީލް ފާހަގަ ކުރެއްވިއެވެ. ސިފައިންގެއަށް ހަމަލާ ދެމުން ދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ، ރިޔާސީ ގަނޑުވަރު، ތީމު ގެއަށް ވެސް ދެ ދިމާއަކުން ހަމަލާ ދެމުން ދިޔައިރު އެތަނުގައި ތިބި ސިފައިންވެސް ރައްދުގައި ހަމަލާ ދެމުން ދިޔަކަން ފާހަގަ ކުރެއްވިއެވެ. 

އޭރުގެ އަސްކަރީ ވަޞީލަތްތަކަށް ބަލާއިރު ދުޝްމަނުންނަށް ރައްދުގައި ހަމަލާދެވިފައި ވަނީ، އަމިއްލައަށް އިސްނަގަން ކެރޭފަދަ ފުރިހަމަ ތަމްރީނު ދެވިފައިވާ ފޯސް އެއް ދިވެހި ސިފައިންގެ ތެރޭގައި އޮތުމުންކަމަށް ޖަލީލް ފާހަގަ ކުރެއްވިއެވެ. އެންމެ ފަހުން ދުޝްމަނުންނަށް އޮތް ހަމައެކަނި ގޮތަކަށްވީ މާލެއިން ފިލައިގެން ދިއުން ކަމަށް ޖަލީލް ފާހަގަ ކުރެއްވިއެވެ. 

ޖަލީލްގެ ޓްވީޓްގައި ނޮވެމްބަރ ތިނެއްގައި ޝަހީދުވި ބޭކަލުންނަށް އިޙްތިރާމް އަދާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި  ޤައުމާއި ދީނަށްޓަކައި ޝަހީދުވި ބޭކަލުންނަށާއި އެބޭކަލުންގެ ޢާއިލާތަކަށް ހެޔޮ ރަޙްމަތް ލެއްވުން  އެދި ދުޢާކުރުމަށް އެދި ވަޑައިގެންނެވިއެވެ. 

ޖަލީލްގެ ޓްވީޓްގައި އޭނާ އަސްކަރިއްޔާގެ ދާއިރާއިން ހޯއްދަވައިފައިވާ ތަމްރީންތަކާއި  ދިވެހި ސިފައިން ތަމްރީނު ކުރެއްވުމަށް އޭނާ އިސްކޮށް ހުންނަވައިގެން ކުރެއްވި މަސައްކަތްތައްވެސަ ވަނީ ހާމަކުރައްވައިފައެވެ. 

ޖަލީލް އަސްކަރީ ދާއިރާއިން ގުރެޖުއޭޓް ވެވަޑައިގެންނެވީ  1983 ގައި  ސިންގަޕޫރުގައެވެ. 250 ދަރިވަރުންގެ ތެރިން 200 ދަރިވަރަކު ގުރެޖުއޭޓް ވެފައިވާއިރު ޖަލީލް ހިމެނިވަޑައިގެންނެވީ އެންމެ މޮޅު 10 ދިހަ ދަރިވަރުން ނުވަތަ ކެޑޭޓުންގެ ތެރޭގައެވެ.  މިކާމިޔާބީއާއެކު ސިންގަޕޫރުގެ ޑިފެންސް މިނިސްޓަރ ފަރާތްޕުޅުން "ސްވޯޑް" ކަނޑިވެސް ލިބިވަޑައިގެންނެވިކަންވެސް ޖެނެރަލް ޖަލީލްގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވައިފައެވެ. ގުރެޖުއޭޝަން ރަސްމިއްޔާތުގައި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން އަންބަރީ ޢަބްދުއްސައްތާރު ބައިވެރި ވަޑައި ގެންނެވި ކަމަށް ވެސް ޖެނެރަލް ޖަލީލް ވިދާޅުވިއެވެ.  އޭގެ ފަހުން 1986 ގައި އެމެރިކާގައިވެސް އަސްކަރީ ތަމްރީނު ތަކެއް ޖަލީލް ވަނީ ހައްދަވައިފައެވެ. 

ޖަލީލްގެ އިސްނެގުމުގެ މަތިން 1998 ގެ ނޮވެމްބަރ ތިނެއްގެ ކުރިން  ދިވެހި ސިފައިންނަށް ދިން ތަމްރީނު ތަކެއްގައި ލައިވް ފަޔަރ އެކްސަރސައިޒް (ބަޑިޖެހުމުގެ  ތަމްރީނު) ވެސް ދެވިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

2 ޚިޔާލު

  1. ތީ އަދި ހަގީގަތެއް ނޫން. ރަނގަޅު އެ ބޭކަލުން ކުރެއްވީ އަގު ނުކުރެވޭހާ ބޮޑު ޖިހާދެއް. އެކަމަކު ލިޔުމުގައި ވެސް ކުށް އެބަހުރި، ސިފައިންގެ ނުކުތް މީހުންގެ ތެރެއިން ޝަހީދުވީ 3. އެކަކު ހާސްވެ ތެޅި ފޮޅެން ހަދައިގެން ބަޑި އަތުން ދޫވެގެންދިޔަ، އޭނާ އެނބުރި ސިފައިންގެ އަކަށް ނުވަދޭ. ސިންގަލް ފޯމޭޝަންގައި ނުކުމެގެން ދިޔައީ ބަޑި ޖަހަމުންދާށޭބުނީ އެކަން ނުކޮށް. ދެން މޫސަ ކައިރީ އައްސަވާ ސިންގަލް ފޯމޭޝަން ނޫނީ ފައިލް ފޯމޭޝަން އަކީ ކޮބައިތޯ

  2. މިފަދަ ކަންކަމުގެ ޙަޤީޤަތް އެބަޔަކު ބޭނުން ގޮތަަކަށް ބަދަލު ކޮއްލާ އަންނަން އޮތް ޖީލުތަކަށް ޙަޤީޤަތް އޮޅޭގޮތަށް ކަންތައްތައް ކުރުމަކީ ހިތާމަ ކުރަން ޖެހޭ ވަރަށް ދަށުދަރަޖައިގެ ކަމެއް. ނޫސް ވެރިން މިފަދަ ކަންތައްތައް ދިރާސާކޮށް ޙަޤީގަތްހޯދާ މިހާރުގެ ޖީލަށް ސާފުކޮށްދިނުމަށް އަޅުގަނޑު ދިވެހި ރައްޔިތެއްގެ ޙައިޞިއްޔަތުން ގޮވާލަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.