ނޮވެމްބަރ ތިނެއްގެ ހަޤީޤަތް އޮޅުވައިލައިގެން ނުވާނެ!

ނޮވެމްބަރު ތިނެއްގެ ޙަމަލާގައި ބައިވެރިވި ހ. ހާޖަރާގެ ޢަބްދުﷲ ލުތުފީ ބަންދު ކޮށްގެން ގެންނަނީ

މިއަދު އަޅުގަނޑުމެން ފާހަގަ ކުރަމުން މިދަނީ މީގެ 32 އަހަރު ކުރިން ދިވެހިން ކުރިމަތިލި ނުރައްކާތެރި ޢުދުވާނީ ހަމަލާއަކުން ނަސްރު ލިބުމުގެ އުފާވެރި ދުވަހެވެ. އޭރުގައި ރާއްޖޭގައި އުފެދިފައި އޮތް ޤާނޫނީ ސަރުކާރު ބައްދަލުކުރުމަށް ދިވެހިންގެ ތެރެއިން ޤައުމަށް ޚިޔާނާތްތެރި ބަޔަކު އަޑީގައި ތިބިގެން ރާވައިގެން ދިން ހަމަލާއެކެވެ.

ކުށެއް ނެތް 19 ދިވެހިންގެ ލޭ ދިވެހި ފަސްގަނޑަށް އޮހޮރި ޝަހީދުވެގެން ދިޔައީ ދިވެހިންގެ ބަޔަކު އިސްވެ ދިން ހަމަލާގެ ސަބަބުންނެވެ. މިއީ އަޅުގަނޑުމެން އަންނަނަށް އޮތް ޖީލުތަކަށް ކިޔައިދޭން ޖެހޭ ވާހަކަތަކެކެވެ.

ހަމަލާ ރޭވުމުގެ އިތުރުން ޢަމަލީ ގޮތުންވެސް ދިވެހިން ބައިވެރިވުން!

ނޮވެމްބަރ ތިނެއްގެ ހަމަލާއަކީ އޭރު ރާއްޖޭގައި ހިނގަމުން ދިޔަ ޤާނޫނީ ސަރުކާރު ބަދަލުކުރުމަށް ހިންގި ޤާނޫނާ ޚިލާފު ޢަމަލުތަކެއްގެ ނަތީޖާއެވެ. ވެރިކަން ބަދަލުކުރުމުގެ މަޝްވަރާތަކުން ފެށިގެން ރޭވުމާއި ޢަމަލީ ގޮތުންވެސް ދިވެހިންގެ ބައިވެރިވުން އޮތް ކަމީ ފޮރުވެން ނެތް ޙަޤީޤަތެކެވެ. އެކަމުގައި ބައިވެރިވި ފަރާތްތަކުގެ އިއުތިފާރުންވެސް އެނގެން އޮތް ހަޤީޤަތެކެވެ. އެހެން ކަމުން މިއީ ހަމައެކަނި ބޭރު ހަނގުރާމަވެރިންގެ ބަޔަކު، ނުވަތަ ތަމަޅަ ހަނގުރާމަވެރިން ދިން ހަމާލާއެއްކަމަށް ބުނެ އެމީހުންގެ ބޮލުގައި އެކަނި މިކަން އެޅުވޭކަށް ނެތެވެ.

ސްރީލަންކާގެ "ދި އައިލެންޑް" ނޫހަށް ލުޠުފީ ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ނޮވެމްބަރު ތިނެއްގެ ހަމަލާއަކީ ކޮންމެ ގޮތެއް ހަދައިގެންވެސް ރައީސް މައުމޫން، ވެރިކަމުން ބޭރުކުރުމަށް ހިންގި އަމަލެއް ކަމަށެވެ. އިންގިލާބަކުން މައުމޫން ބޭރުކުރަން ކުލީ ސިފައިން ގެނައީ އިންތިޚާބެއް މެދުވެރިކޮށް ކާމިޔާބު ހޯދަން އިދިކޮޅު ފަރާތްތަކަށް ރާއްޖޭގައި ފުރުސަތު ނުދޭތީކަމަށް އޭނާވަނީ އިޢުތިރާފުވެފައެވެ.

ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 ވަރަކަށް ހަނގުރާމަވެރިންނާއި އެކު ނޮވެމްބަރ 3 ގެ ހަމަލާގައި ޢަމަލީ ގޮތުން ބައިވެރިވި ދެ ދިވެހިންނަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާސިރެވެ. ހަނގުރާމަވެރިންނާއެކު މި ދެމީހުން މާލެއަށް ބަނދަރު ކުރީ ނޮވެމްބަރު ތިން ވަނަ ދުވަހުގެ ފަތިހު 3.30 ގައެވެ.

ލުތުފީއާއި ނާސިރުގެ އިރުޝާދާ އެއްގޮތަށް ހަނގުރާމަވެރިންގެ އިސްކޮށްހުރި ވަސަންތީ ހަނގުރާާމަވެރިންގެ ބަޔަކު ގޮވައިގެން މާލެއަށް ފައިބައި އޭރުގެ އެއަރ މޯލްޑިވްސް ކަންމަތީގައި (މިހާރު ފުލުހުންގެ މައި އިދާރާގެ ބޮޑުތަކުރުފާނު މަގު ކަންމަތީގައި) ތިބެގެން ސިފައިންގޭގެ މައިގޭޓާ ދިމާއަށް ހަމަލާން ދޭންފެށިއެވެ. އެހަމަލާއާއެކު ސިފައިން ވެސް ރައްދުގައި ހަމަލާ ދޭންފެށިއެވެ. މިކަންވީ ހަނގުރާމަވެރިންނަށް ހައިރާން ލިބުނު ކަމަކަށެވެ. އެމީހުންނަށް މައުލޫމާތު ލިބިފައި އޮތީ ދިވެހި ސިފައިންގެ ބަޑިއަކު ވަޒަނެއް ނުހުންނާނެކަމަށެވެ. އަދި ފަސޭހަ ކަމާއެކު ސިފައިންގެ ވަދެވޭނެކަމަށެވެ. ދުޝްމަނުންގެ ހަމަލާއަށް ސިފައިގެން ރައްދުގައި ހަމަލާ ދިނީ ނަސްރުގެ ދުވަހުގެ ބަޠަލް ޝަހީދު ޙުސައިން އާދަމްއެވެ. އޭނާގެ ހަމަލާ ވެގެން ދިޔައީ ސިފައިންނަށް "މިހަނގުރާމައަށް" ސަފުތައް ރުކުރުވާލަން ލިބުނު ފުރުޞަތަކަށެވެ. ޝަހީދު ހުޞައިން އާދަމް ވަނީ އޭނާގެ ބަޑީގެ ވަޒަން ހުސްވަންދެން ފަސްޖެހުމެެއް ނެތި ދުޝްމަނުންނަށް ހަމަލާ ދީފައެވެ.

 މިހަމަލާތަކުގެ އަޑަށް މެންދަމުން އަލިވެ ފަތިސްވާންގާތްވެފައި ވަގުތު މުޅި މާލޭ ގުގުމާލިއެވެ. ގިނަ ބަޔަކު ހީކުރި ގޮތުގައި އެއީ ރާއްޖޭގެ ސިފައިން ނޮވެމްބަރު އެގާރައަށް ތައްޔާރުވުމަށްޓަކައި ހަދާ ތަމްރީނުތަކެއްގެ އަޑުކަމަށެވެ. އަދި ފުރަތަމަ އިވުނު އަޑާއެކު އެއީ ގުގުރީގެ އަޑުކަމަށްވެސް ބައެއް މީހުންނަށް ހީކުރެވުނެވެ. ނަމަވެސް ހަމަލާގެ އަޑު ބަދަލުވަމުން އައި ގޮތުން އެއީ ގޯހެއްކަން ގިނަ ބަޔަކަށް ވިސްނައި ގެނެވުނެވެ. މާލޭގައި ގޯހެއް ހިނގައިގެން އުޅޭކަން ރަށްރަށުގެ މީހުންނަށް އެނގުނީ ފަތިސް ގަޑީގައި އާއްމުކޮށް އަންނަ ރޭޑިއޯގެ އަޑު ނީވުމުންނެވެ.

ނާޞިރު ހަވާލުވީ ހަނގުރާމަވެެރިންނާއެކު ރައީސް މަޢުމޫނު އަތުލައިގަތުމަށެވެ. ނާޞިރުގެ އިރުޝާދުގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެ ކޮޅަށް ހަގުރާމަވެރިން ބަޑި ޖަހަން ފެށިއެވެ. ހަމައެއާއެކު އެތަނުގައި ފޯރިއަށް ތިބި ސިފައިން ވެސް ރައްދުގައި ބަޑިޖަހަންް ފެށިއެވެ. އޭރު ރައީސް މައުމޫނު ހުންނެވީ ތީމު ގޭގައެވެ. ނަމަވެސް ފަހުން އެމަނިކުފާނު ވަނީ އޭރު އަރިހުގައި ހުންނެވި ޢުމުރުން އަށް އަހަރުފުޅުގެ ޣައްސާނާއި އަނބި ކަނބަލުން ނަސްރީނާއެކު ނާއެކު މ. ގުލިސްތާނު ގެއަށް ވަޑައިގެންފައެވެ. ފުރަތަމަ ވަޑައިގެންނެވީ ހުދުއަސުރުމާ ގެއަށެވެ. ނަމަވެސް އެގޭގެ ދޮރޮށި ތަޅުލާފައި ހުރުމުން އެގެއަށް ވެދެވަޑައިގެންނެވޭ ގޮތެއްނުވީއެވެ. ހުދު އަސުރުމާގެ އަކީ އާދަމް ނަޢީމްގެ ގެއެެވެ. ތީމުގެ އިން ނުކުމެ ވަޑައިގެންނެވުނީވެސް ތިން ފަހަރެއްްގެ މަތިން ނުކުންނަވަން މަސައްކަތް ކުރައްވައިގެންނެވެ. ތީމުގެ އިން ނުކުމެ ވަޑައިގެންނެވީ އާދަމް ނަޢީމާއި އަދި ރައީސް މައުމޫނުގެ ބޮޑީ ގާޑަކާ އެކީގައެވެ.

ހަނގުރާމަވެރިން ފަހަތަށް ޖެހުނީ ދިވެހި ސިފައިންގެ ރައްދު ހަމަލާތަކުން !

ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ހަމަލާގައި ހަނގުރާމަވެރިން ތިން ދިމާއަކުން ސިފައިންގެ އަށް ހަމަލާ ދިނެވެ. ޖެހިލުމެއް ނެތި ދިވެހި ސިފައިންވެސް ދިޔައީ ރައްދުގައި ހަމަލާ ދެމުންނެވެ. ނަމަވެސް ސިފައިންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ސީދާ ހަމަލާތައް އަންނަ ދިމާ ނޭނގުމެވެ. އެހެންކަމުން ސިފައިންގެއިން ބަޔަކު ނުކުމެ ހަމަލާ އަންނަ ދިމާ ފާާހަގަ ކުރެވޭތޯ ބަލަން ނިންމިއެވެ. ފުރަތަމަ ނިންމީ ވެހިކަލެއްގައި ނުކުންނާށެވެ. އެގޮތުން އޭރު ސިފައިންގޭގައި ބޭނުންކުރާ މިނީ ބަހަކަށް ސިފައިން އެރުމަށް ފަހު ކުރީގައި ޓްރެކްޓަރެއް އޮވެގެން ނުކުންނާން ދިޔަ ދިއުމުގައި ޓްރެކްޓަރު ސިފައިންގޭގެ ދަގަނޑު ދޮރާށީގައި ތާށިވީއެވެ. އެހެންކަމުން ފައިމަގުގައި ސިފައިންގެ ބަޔަކު ނުކުންނަށް ނިންމިއެވެ. ނުކުންނާން ހަމަޖެއްސި ގުރޫޕުގެ ކޮމާންޑަރަކަށް ހުންނެވީ މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ. މޭޖަރ ޖަލީލާއެކު، ދުޝްމަނުންގެހަމަލާތަކުގެ ކުރިމައްޗަށް ސިފައިންގެ 11 ބޭކަލަކު ނުކުންނެވިއެވެ. އެ ބޭކަލުންގެ ތެރެއިން ދެބޭކަލަކު ޝަހީދުވިއެވެ. ނަމަވެސް މޭޖަރ ޖަލީލާއެކު ނުކުންނެވި އެހެން ބޭކަލުން އެނބުރި ސިފައިންގެއަށް ވެންނެވީ ހަމަލާ އަންނަ ދިމަދިމާ ފާހަގަ ކޮށްގެންނެވެ. މިކަން ވީ ދުޝްމަނުން ނަށް ބަލިކޮށްލަން ޤައުމީ ދިފާޢީ ބާރަށް ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ.

ހަނގުރާމަވެރިން މަސައްކަތްކުރަމުން ދިޔައީ ސިފައިންގެ އަށް ވަނުމަށެވެ. ރޮކެޓު ހަމަލާއަކުން ސިފައިންގެ ފާރުން ބާގަނޑެއް ހެދިއެވެ. އެއީ މިހާރު ޝަހިދުންގެ ބިނާ ހަދައިފައިވާ ތަނެވެ. ނަމަވެެސް ހަނގުރާމަ ވެރިންއެތެރެއަށް ވަންނަން ފުރުޞަތު ނުދީ ދިވެހި ސިފައިން ދިޔައީ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތެރެއިން އިސްކޮށްހުރި ވަސަންތީ އާއި ޖޫލީ މަރުވިއެވެ. ވަސަންތީ އާއި ޖޫލީ މަރުވުން ވީ ހަނގުރާމަވެރިންނަށް ހިތްވަރު އެލި ފަހަތަށް ޖެހެން ޖެހުނު ސަބަބަކަށެވެ.

އިސްކޮށް އުޅުނު ދެ މީހުން ސިފައިންގެ ހަމަލާގައި މަރުވުމުން ހަނގުރާމަވެރިން މާޔޫސްވެ ފަހަތަށް ޖެހެން ފެށިއެވެ. ކާއެއްޗެއް ނުލިބި ހަމަލާ ދިނުމުގައި ގިނައިރުތަކެއް ވެގެން ދިއުމާއެކު ހަނގުރާމަވެރިން ބަނޑުހައިވެ ބަލިވާން ވެސް ފެށިއެވެ. ލުޠުފީ އާއި ނާޞިރު ރޭވި ގޮތަށް އެއްވެސް ކަމެއް ނުދިއުމުން އެމީހުންގެ ރުޅި ވެސް ގަދަވިއެވެ.

ދިވެހިންގެ ބަޔަކު ރަހީނުކޮށް ފިލަން އުޅުން 

ނޮވެމްބަރ ތިނެއްގެ ދެ ޚާއިނުން ކަމުގައިވާ ލުޠުފީ އާއި ނާސިރު ރޭވި ގޮތަކަށް އެއްވެސް ކަމެއް ނުދިޔައެވެ. ރައީސް މައުމޫނެއް ވެސް ޑިފެންސް މިނިސްޓަރ އިލްޔާސްވެސް އަދި ރައީސް މައުމޫނުގެ ކޮއްކޯ ފުޅު އޭރުގެ އެޓޯލްސްމިނިސްޓަރ ޢަބަދުﷲ ޙަމީދުވެސް އަތުލައެއް ނުގަނެވުނެވެ. އެންމެ ފަހުން އަތު ޖެހުނު ބައެއް ގޮވައިގެން ހަނގުރާމަވެރިންނާއެކު ފިލައިގެން ދިއުމުގެ މަސައްކަތް ފެށިއެވެ.

 މާާލެ ތެރެއިން އަތުލައިގަނެގެން ގެންނަން ޖެހޭ މީހުންގެ ލިސްޓެއް ނާސިރަށް ދިނުމަށްފަހު ފިލައިގެން ދިއުމުގެ މަސައްކަތް ލުޠުފީ ފެށިއެވެ. އޭނާ ހަނގުރާމަވެރިންނާއެކު ފަޅު ތެރެއިން ދޯންޏެއް އަތުލައިގަތެވެ. އެ ދޯނިގައި ގޮސް އެރީ ބަނދަރުގައި އޮތް "ޕްރޮގްރެސް ލައިޓް" ނަމަކަށް ކިޔާ މުދާ އުފުލާބޯޓަކަށެވެ.

ލުތުފީ ޙަވާލު ކުރި ލިސްޓުން ނާސިރަށް އަތުލައި ގެނެވުނީ ދެ މީހެކެވެ. އެއީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރ އަޙްމަދު މުޖުތަބާއާއި މއ. ބޯގަންވިލާ އިސްމާޢީލް ނަޞީރެވެ. (އެއީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލްގެ ބައްޕާފުޅެވެ.) އެހެން މީހަކު އަތު ޖެހޭ ގޮތެއް ނުވިއެވެ. މުޖުތަބާއާއެކު އެމަނިކުފާނުގެ އަނބިކަނބަލުންވެސް ރަހީނުންގެ ގޮތުގައި ގެންދިއެވެ. ރަހީނުންގެ ގޮތުގައި 14 މީހަކު ޕްރޮގްރެސް ލައިޓަށް އެރުވިއެވެ.

އިންޑިޔާއިން ރާއްޖެއަށް އެހީތެރިވުން 

ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ހަމަލައާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ، ރައީސް މައުމޫނު އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިކަން އެއީ ހަޤިޤަތެކެވެ. ހަމައެކަނި އިންޑިއާއެއް ނޫނެވެ. ބައެއް އެހެން ޤައުމުތަކުގެ އެހީތެރިކަމަށްވެސް ރައީސް މައުމޫނު އެދި ވަޑައިގެންނެވިއެވެ. ނަމަވެސް އެންމެ އަވަހަށް ރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވީ އިންޑިއާ ސަރުކާރުންނެވެ.

އިންޑިއާ ސިފައިންގެ ފުރަތަމަ ބޯޓު ހުޅުލޭ އެއަރޕޯޓަށް ޖެއްސީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ 9.30 ގައެވެ. އެތާ ކުޑައިރުކޮޅެއްގެ ތެރޭގައި މާލޭ ބަނދަރުން ފުރައިގެންދާ ބޯޓެއް އިންޑިއާ ސިފައިންނަށް ފެނިގެން އެ ބޯޓާ ދިމާއަށް ބަޑި ޖަހަން ފެށިއެވެ. އެއީ ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން ހަނގުރާމަ ވެރިންނާއެކު ފިލައިގެން ދިޔަ ބޯޓެވެ. ނަމަވެސް ބޯޓް ހުއްޓުވޭ ގޮތެއް ނުވިއެވެ. ދިވެހިން ރަހީންކޮށްގެން ފިލަން ދިޔަ ބޯޓް އަތުލައިގެންފައި ވަނީ އިންޑިއާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އެހީތެރިކަމާ އެކުގައެވެ. ނަމަވެސް ބޯޓް އަތުލައި ގަތުމުގެ ތެރޭގައި ހިނގާދިޔަ ހަަމަލާތަކުގައި ހަތަރު ދިވެއްސަކު ވަނީ ޝަހީދުވެފައެވެ.

ދިވެހިންނަށް އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަމަކީ ދިވެހި ސިފައިން ނޮވެމްބަރު ތިނެއްގައި ކުރެއްވި ޖިހާދަށް ފަނޑުކަން ލިބެންޖެހޭ ކަމެއް ނޫނެވެ. ޙާދިސާގެ ހަޤީޤީ މަންޒަރުން ފެންނަނީ އޭރު ދިވެހި އަސްކަރިއްޔާގައި މާބޮޑު ދިފާޢީ ވަޞީލަތްތަކެއްވެސް ނެތި ދުަޝްމަނުން ބަލިކޮށްލުމަށް ހަމަލާ ދިނުމުގައި ދިވެހި ސިފައިން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭ ކަމެވެ. ޝަހީދުވި ދިވެހިންގެ ތެރޭގައި ސިފައިންގެއަށް ބޭކަލެއް ހިމެނިގެން ދިޔައީ ދުޝްމަނުންނާ ކެރިގެން ކުރިމަތިލާ ހަމަލާ ދެމުން ދަނިކޮށްކަމެވެ.

ނޮވެމްބަރ 3 ގެ ބާޣީން މިހާރު ކޮބާ؟ 

މިފަހުގެ ތާރީޚެއްގައި ރާއްޖެއަށް ދެވުނު ނުރައްކާތެރި ޓެރެރިސްޓް ހަމަލާގައި ބައިވެރިވި މީހުން މިހާރު ކޮބައި ހެއްޔެވެ؟ އެމައްސައިލައިގައި ހިންގި ޝަރީޢަތުގެ މަޖިލިސްތަކުން ހަތް މީހަކަށް ވަނީ ބަޣާވާތް ކުރިކަމުގެ ކުށްސާބިތުވެ، ޙުކުމް އިއްވައިފައެވެ. ހަތަރު މީހަކަށް ވަނީ މަރުގެ ހުކުމް ކޮށްފައެވެ. މަރުގެ ޙުކުމްް ކުރެވުނު މީހުންގެ އަދަބު ލުއި ކުރައްވައި އުމުރަށް ޖަލަށް ލުމަށް ފަހުން ބަދަލު ކުރެވުނެވެ. އެއީ 25 އަހަރަށް ޖަލަށް ލުމެވެ.

މަރަން ޙުކުމް ކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ އަޙްމަދު ނާޞިރާއި ހަމަ އެރަށު ޒަމާނީގޭ ޢަބްދުﷲ ޝާހިދާއި ހ. ކަރޯގޭ އައްބާސް އިބްރާޙިމްއެވެ.

މީގެ އިތުރުން އެކި މުއްދަތުގެ ޖަލު ޙުކުމް އިއްވި މީހުންގެ ތެރޭގައި ހިމެނެނީ:-

މުޙައްމަދު ނަޢީމު (ޕައިލެޓު ނައީމު)، މ. ދުއްލިސާގެ (11 އަހަރުގެ ޖަލު ޙުކުމް)

ސިއްކަ އަޙްމަދު އިސްމާޢީލު މަނިކު، މ. ދީފްރަމްއާގެ (15 އަހަރުގެ ޖަލު ޙުކުމް )

ޢުމަރު ޖަމާލު، މއ. ތިނަދޫގެ (13 އަހަރުގެ ޖަލުޙުމް)

މިމީހުންގެ ތެރެއިން މިހާރު ޖަލުގައި ހުރީ ހަމަ އެކަނި ލުޠުފީއެވެ. ލުޠުފީއާއެކު ނޮވެމްބަރ ތިނެއްގެ ހަމަލާގައި ޢަމަލީ ގޮތުން ބައިވެރިވި ސަގަރު ނާސިރު ޖަލްޙުކުމް ތަންފީޒުކޮށް މިނިވަން ވެފައިވަނީ 2014 ވަނަ އަހަރުއެވެ.

ޢުމުރުދުވަހުގެ ޖަލު ޙުކުމެއްގައި ހުރި ޢަބްދުﷲ ލުޠުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ނުވަވަރަކަށް އަހަރުވަންދެން ވަނީ ފިލައިގެން ލަންކާގައި އުޅެފައެވެ. އޭނާ ބޭސްފަރުވާއަށް ފޮނުވީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަސްތެރޭގައި ލަންކާގައި ދިން ޓެރެރިސްޓް ހަމަލާތަކަށް ފަހު ، ލުތުފީ ވަނީ މިދިޔަ އަހަރުގެ މޭމަސް ތެރޭގައި އަމިއްލައަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެފައެވެ. އޭނާ އަމިއްލަ އަށް އެމްބަސީއަށް ގޮސްފައިވަނީ ލަންކާ ސަރުކާރުން އެޤައުމުގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރަން ފެށުމުންނެވެ. އޭނާ އަނބުރާ މާލެ ގެނައީ އެމްބަސީގައި އުޅޭތާ ދެމަހެއްހާ ދުވަސް ފަހުންނެވެ. މާލެ ގެނައި ގޮތަށް، ހުކުމް ތަންފީޒު ކުރަން އޭނާ ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް ފިލި މައްސަލައިގައި އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާގެ އަޑު އެހުންތައް މިއަހަރުގެ ޖޫންމަހު ކްރިމިނަލް ކޯޓްގައި ވަނީ ފަށައިފައެވެ. ޖޫން 14ގައި އޮންލައިންކޮށް ބޭއްވި ޝަރީޢަތުގެ އަޑު އެހުމުގައި ވަކީލަކު ހަމަޖެއްސުމަށް އޭނާ އަށް ވަނީ 10 ދުވަސް ދީފައެވެ. ނަމަވެސް އޭގެ ފަހުން އެމައްސަލައިގެ އަޑު އެހުމެއް ބޭއްވިކަން އެނގިފައެއް ނެތެވެ.

 ނޮވެމްބަރ ތިނެއްގެ ޙަމަލާގައި ރޭވުގައާއި ޢަމަލީގޮތުން ބައިވެރިވި މީހުންގެ ޙުކުމް ތަންފީޒުކޮށް އެމީހުން މިނިވަން ވުމަކީ ނުވަތަ މަޢާފްދީ އެމީހުން މިނިވަން ކުރުމަކީ އެމީހުން ހިންގި އަނިޔާވެރި ޢަމަލު ނުހިންގާ ކަމަކަށް ހެދޭނެކަމެއް ނޫނެވެ. އަދި އެއީ ބާޢީން ޤާޒީންނަށް ހަދަންޖެހޭ ސަބަބެއް ވެސް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.