ވިއެނާގައި ބަޑީގެ ހަަމަލާދިން މީހުން އަދިވެސް އަތުލައިނުގަނެވޭ

އޮސްޓްރިޔާ ފުލުހުން ރޭ ވިއެނާގައި ހަރަކާތްތެރިވަނީ

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ރޭ ބަޑިން ހަމަލާދީން 2 މީހަކު މަރާލައި، 15 މީހަކު ޒަޚަމްކޮށްލި މީހުން އަަދިވެސް އަތުލައި ނުގަނެވޭ ކަަމަށް އެ ގައުމުން ބުނެފިއެވެ.

ރޭ ދިން ހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވަމުން އިންޓީރިއާ މިނިސްޓަރ ކާލް ނެހާމަަރ ވިދާޅުވީ ހަމަލާދިން މީހުންނަކީ "ބައިވަރު ހަތިޔާރާއެކު ހަރަކާތްތެރިވާ ނުރައްކާތެރި ބައެއް" ކަމުގައެވެ.

"ސްޕެޝަލް ފޯސަސްގެ އެތައް ޔުނިޓެއް އަހަރުމެން މިހާރު އެއްކޮށްފިން. އެމީހުން މިހާރު ދަނީ ޓެރަރިސްޓުން ކަމުގައި ބެލެވޭ މީހުން ހޯދަމުން. އެހެންކަމުން އަހަރެން (ބަލައި ފާސްކުރުން) ވިއެނާގެ ވަކި ހިސާބަކަށް މަހުދޫދު ނުކުރަން. އެމީހުންނަކީ އެއްތަނުން އަނެއްތަނަށް ދަތުރުކޮށް ހަމަލާދީފާނެ މީހުންނަށް ވާތީ." ހުރިހާ ކަމެއް ހަމަޔަށް އެޅިއްޖެކަން އަންގަންދެން ރައްޔިތުން ގެއިން ނުނުކުމެ ތިބުމަށް އިލްތިމާސުކުރައްވަމުން ނެހާމަރ ވިދާޅުވިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ބަޑި ހިފައިގެން ތިބި ބަޔަކު ނުކުމެ ރޭ 8 ޖެހިއިރު (ރާއްޖޭ ގަޑިން ރޭ 11 ޖެހިއިރު) ފުރަތަމަ ބަޑިޖެހީ ވިއެނާގެ ޔަހޫދީ ފައްޅިއެއް ކައިރީގައެވެ. އެފަހުން އެމީހުން ވަނީ އެ ސަރަހައްދު ހަ ހިސާބެއް ވަކި މީހަަކަށް ބެލުމެއް ނެތި ބަޑި ޖަހާފައެވެ. މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމީހުން އެކި ދިމާއަށް ބަޑިޖަހަމުން މަގުތަަކުން ހިނގާފައި ދާތަން ފެނެއެވެ. މި ބަޑިޖެހުން ނިމުނު އިރު 2 މީހުން މަރުވެ 15 މީހުން ވަނީ ޒަޚަމްވެފައެވެ.

ވިއެނާގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، ފުލުހުން ގިނަ އަދަދެއްގެ ފުލުހުން ނުކުމެ، ބަލައި ފާސްކުރަމުންދާއިރު، ފުލުހުން ބުނެފައިވަނީ ބަޑިޖެހި ކަމަށް ޝައްކުކުރެވޭ އެކަކުގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާކަމުގައެވެ.

އިންޓީރިއާ މިނިސްޓަރ ވިދާޅުވި ގޮތުގައި ހަމަލާދިނުމުގައި ބައިވެރިވީ ކިތައް މީހުން ނޭނގުނުނަމަވެސް އެކަކަށްވުރެ ގިނަ މީހުން އެކަމުގައި ޝާމިލުވާ ކަމުގައެވެ. އަަދި އެމީހުން ބަޑިޖެހި ހަ ތަނަކީވެސް ޔަހޫދީ ފައްޅީގެ ވަށައިގެންވާ ތަންތަން ކަމުގައެވެ.

ހަމަލާދިނީ ކޮން ބައެއްކަމާ، ހަމަލާދިނީ ކީއްވެގެންކަން އެނގޭ އެއްވެެސް މައުލޫމާތެއް އަދި އޮސްޓްރިޔާއިން ހާމަކޮށްފައި ނުވެއެވެ.

ގިނަ މުސްލިމުންގެ ފާޑުކިއުން މިހާރު އަމާޒުވެފައިވާ ފަަރަންސޭސި ރައީސު އިމާނުއެލް މެކްރޯން ވަނީ ވިއެނާގެ ހަމަލާއާ ގުޅިގެން ހަރުކަށި ބަޔާނެއް ނެރުއްވާފައެވެ.

"މިއީ ޔޫރަޕް. އަަހަރުމެންގެ ދުޝްމަނުން ދަންނަންޖެހޭ އެމީހުން އެ ކުރިމަތިލަނީ ކޮން ބަަޔަކާ ކަން. އަހަރުމެން ފަހަތަކަށް ނުޖެހޭނަން." މެކްރޯންގެ ބަޔާނުގައި ވެއެވެ.

ރޭގެ ހަމަލާ ފުރަތަމަ ފެށުނު ޔަހޫދީ ފައްޅިއަށް ފަލަސްޠީނުގެ ދެ މީހަކު 1981 ވަނަ އަހަރު ދިން ހަމަލާއެެއްގައި 2 މީހުން މަރުވެ 18 މީހުން ޒަޚަމްވެފައި ވެއެެެވެ. އަދި ފަލަސްޠީނުގެ ޖަމާއަތަކުން 1985 ވަނަ އަަހަރު ވިއެނާ އެއާޕޯޓަށް އަތުބޮމުން ހަމަލާދީ 3 މީހަކު މަަރާލާފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.