'އިސްލާމީ ޗާޓު' ގެ މައްސަލައިގައި އޮސްޓްރިޔާ ސަރުކާރާ ދެކޮޅަށް އެގައުމުގެ މުސްލިމުން ދައުވާކުރަނީ

އިސްލާމިކް ސެންޓަރ އޮފް ވިއެނާ

އޮސްޓްރިޔާގެ މުސްލިމުންނާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނޭ 'އިސްލާމީ ޗާޓު' އާއްމުކުރި މައްސަލައިގައި ޗާންސެލާ ސެބަސްޓިއަން ކުރްޒްގެ ސަރުކާރާ ދެކޮޅަށް ދައުވާކުރަން އެގައުމުގެ މުސްލިމް ޖަމާއަތަކުން ނިންމައިފިއެެވެ.

އޮސްޓްރިޔާ ސަރުކާރުން "އިސްލާމީ ސިޔާސީ ޗާޓެއް" ގެ ގޮތުގައި އާއްމުކުރި މައުލޫމާތުތަކުގައި ގައުމުގައި ހުރި މިސްކިތްތަކާ، އިސްލާމީ ޖަމްއިއްޔާތަކުގެ މަރުކަޒުތައް އާއްމުކޮށްފައި ވާތީ އެއީ "ހުރިހާ ހައްދެއް ފަހަނައަޅައި ދިއުން" ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމީ މުސްލިމް ޔޫތު އޮސްްްޓްރިޔާއިންނެވެ.

"އިސްލާމީ މުއައްސަސާތަކާ، އިސްލާމީ މުއައްސަސާތައް ކަމުގައި ބެލެވޭ ތަންތަނުގެ ނަމާއި، މަަސައްކަތްތަކާއި، އެޑްރެސްތައް އާއްމުކުރުމަކީ ހުރިހާ ހައްދެއް ފަހަނައަޅައިދިއުން." އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ވެއެެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އިންޓެގްރޭޝަން މިނިސްޓަރު ސޫޒާން ރާބް ވަނީ "ނޭޝަނަލް މެޕް އޮސް އިސްލާމް" ގެ ނަމުގައި ވެބްސައިޓެއް އިފްތިތާހުކުރައްވާފައެވެ. އެ ވެބްސައިޓުގައި މިސްކިތްތަކާއި، މުއައްސަސާތަކާއި، އިސް އޮފިޝަލުންނާއި، އެފަރާތްތަކާ ބޭރުން ގުޅޭ ފަރާތްތައް ކަމަށް ބެލެވޭ ފަރާތްތައް ހިމެނޭހެން 620 ތަނަކާއި ފަރާތެއްެގެ ތަފްސީލު ހިމަނާފައި ވެއެވެ.

އޮސްޓްރިޔާގެ މުސްލިމުންގެ މަސްލަތަހުތު ހިމާޔަތްކުރާ ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ރެލިޖަސް ކޮމިއުނިޓީ އިން އޮސްޓްރިޔާ (އައިޖީޖީއީއޯ) ވަނީ އޮސްޓްރިޔާގެ މުސްލިމުންނަކީ "މުޖުތަމައަށާއި، ޑިމޮކްރެޓިކް އަދި ގާނޫނީ ހަމަތަކަށް ހުރި ނުރައްކަލެއް" ކަމުގައި ހަދައި އެއްފަރާތްކުރަން މަސައްކަތްކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ސިފަކޮށްފައެވެ.

ސަރުކާރުން ހިންގާ އަމަލުތަކުގެ ސަބަބުން ނަސްލީ ތަފާތުކުރުން އާއްމުވެ "ހުރިހާ މުސްލިމް ރައްޔިތުން ދަނީ ބޮޑު ސަލާމަތީ ނުރައްކަލަކަށް ހުށަހެޅެމުން" ކަމުގައި ވެސް އައިޖީޖީއީއޯ އިން ބުނެފައި ވެއެވެ.

އިންޓެގްރޭޝަން މިިނިސްޓަރު ވިދާޅުވިގޮތުގައި ޗާޓު އާއްމުކުރުމުގެ މަގްސަދަކީ ހުރިހާ މުސްލިމުންގެ މައްޗަށް ޝައްކުކުރުމެއް ނޫނެވެ.

އެކަމުގެ މަގުސަދަކީ "ސިޔާސީ އައިޑިއޮލޮޖީތަކާ ހަނގުރާމަކުރުން، ދީނާ ހަނގުރާމަކުރުމެއް ނޫން." މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި ނޮވެންބަރު މަހުގައި ހަރުކަށި އިސްލާމީ ޖަމާއަތަކުން ވެރިރަށް ވިއެނާގައި ދިން ހަމަލާއަށް ފަހު މުސްލިމުންނާމެދު ތަފާތުކުރުން އިތުރުވަމުން ދާތީ އޮސްޓްރިޔާގެ މުސްލިމުންގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ. އަދި ސަރުކާރުގެ ކަނާތުފިޔަޔަށް ބުރަވާ ސިޔާސަތުގެ މަގުސަދުތައް ހާސިލުކުރުމަށް އިސްލާމްދީނާއި މުސްލިމުން ސިޔާސީކުރަމުން ދިއުމަކީ އޮސްޓްރިޔާގެ މުސްލިމުންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު މައްސަލައެވެ.

އެންެމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮސްްޓްރިޔާގައި 5 ލައްކަ 73 ހާސް މުސްލިމުން އެބަތިއްބެވެ. އެއީ އެ ގައުމުގެ އާބާދީގެ %6.8 އެވެ. މުސްލިމް އާބާދީގެ %38 ދިރިއުޅެނީ ވެރިރަށް ވިއެނާގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.