ދިހަ މީހުންނަށްވުރެ  ގިނަމީހުން އެކުގައި ކަރަންޓީނުވެވޭނެ އުޞޫލެއް އާއްމުކޮށްފި

ދިހަ މީހުންނަށްވުރެ  ގިނަ މީހުން އެކުގައި ކަރަންޓީންވާނެ އުޞޫލު ހެލްތް ޕަރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރައްވައިފިއެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ފިޔަވާ ރާއްޖެއަށް އަންނަ ބިދޭސީންގެ ނެގެޓިވް ޕީސީއާރް ރިޒަލްޓެއް އޮންނަން ޖެހޭނެކަމަށް އުޞޫލުގައި ބުނެއެވެ. އެގޮތަށް ހަދާ ޕީސީއާރް ޓެސްޓުގެ ސާމްޕަލް ނަގަންވާނީ، ރާއްޖެ އައުމަށް ފުރަތަމަ ބަނދަރުން ފުރުމުގެ 96 ގަޑިއިރުގެ ތެރޭގައެވެ. ދަތުރު މަތީގައި ޓްރާންސިޓް ކުރަންޖެހޭނަމަ ޕީސީއާރް ޓެސްޓުގެ ނަތީޖާ ގަބޫލުކުރާނީ ޓްރާންސިޓުގައި 24 ގަޑިއިރަށްވުރެ އިތުރު ނުވާނަމައެވެ. ރާއްޖެ އައުމަށް ކުރާ ދަތުރުގައި 24 ގަޑިއިރަށްވުރެ ދިގު ޓްރާންސިޓް ކުރާނަމަ، ޓްރާންސިޓްކުރި ތަނުން ފުރުމުގެ 96 ގަޑިއިރުގެ ތެރޭގައި، އަލުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެއެވެ. ރާއްޖޭން ބޭރުން އަންނަ ބައެއްނަމަ، އެންމެ އެދެވިގެންވަނީ މާލެ ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތް އެހެން ތަނެއްގައި މަޑުނުކޮށް ވީހާވެސް އަވަހަށް ކަރަންޓީނުވާން ދާ ރަށަށް ދަތުރު ކުރުން ކަމަށް އުޞޫލުގައި ބުނެއެވެ. ދަތުރު ކުރެވެންދެން މަޑުކޮށްގެން ތިބޭ މުއްދަތުގައިވެސް ތިބެންވާނީ ކަރަންޓީނު ވެގެން ކަމަށް އުސޫލުގައިވެއެވެ.

މި އުޞޫލުގައި ބުނާގޮތުން ރާއްޖޭން ބޭރުން އަންނަ ބިދޭސީން ރާއްޖެއަށް އަންނައިރު ނެގެޓިވް ޕީ.ސީ.އާރް ރިޒަލްޓެއް އޮތްނަމަ ރާއްޖެ އައުމަށްފަހު ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށެއްގައި 72 ގަޑިއިރު ނުވާނަމަ ފުރަބަންދު ކަރަންޓީނަށް ދާން ޕީ.ސީ.އާރް. ޓެސްޓް އަލުން ހަދާކަށް ނުޖެހޭނެއެވެ. ނަމަވެސް 72 ގަޑިއިރަށްވުރެ ގިނައިރު މަޑުކުރަންޖެހޭނަމަ، ފުރަބަންދު ކަރަންޓީނަށް ދާން ފުރުމުގެ ކުރިން އަލުން ޕީ.ސީ.އާރް ޓެސްޓ ހަދަންވާނެއެވެ. މިގޮތަށް ހުންނައިރު ކަރަންޓީން އުސޫލާ އެއްގޮތަށް ޢަމަލުކުރަންވާނެކަމަށް އުޞޫލުގައި ވެއެވެ.

ރާއްޖޭގައި އުޅޭ ދިވެހިންނާއި ބިދޭސީން ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ދާނަމަ، ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއޮންނަން ޖެހެއެވެ. ފުރުމުގެ 72 ގަޑިއިރުގެތެރޭގައި ޕީ.ސީ.އާރް ޓެސްޓ ހަދަންޖެހެއެވެ. ކޯވިޑް-19ގެ އަލާމާމްތައް ހުރި މީހަކުނަމަ، ޕީ.ސީ.އާރް ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިޔަސް، ދަތުރުނުކޮށް މަޑު ކުރަންވާނެއެވެ. ދަތުރ ކުރަންވާނީ އަލާމާތްތައް އެއްކޮށް ރަނގަޅުވުމަށްފަހު މަދުވެގެން 48 ގަޑިއިރު ވުމަށްފަހުކަމަށް ވެސް އުޞޫލުގައި ބުނެފައި ވެއެވެ.

ދިހަ މީހުންނަށް ވުރެ ގިނަ މީހުންނަށް އެކުގައި ފުރަބަންދު ކަރަންޓީނު ވެވޭ ގޮތަށް އޮތްނަމަވެސް މަދު މީހުން އެއްތަނެއްގައި ތިބޭގޮތަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް ސަމާލުކަން ދިނުމަށް އުސޫލުގައި ވަނީ ބުނެފައިވެއެވެ. ނަމަވެސް ފުރަބަންދު ކަރަންޓީނެއް ގިނަވެގެން އެކުގައި ތިބެވޭނީ ކިހާމީހުންނަށް ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.

 އެހެން މީހުންނާ ބައްދަލުކުރުން މަނާވުމާއި ޒަރޫރީ ބޭނުމަށް ބޭނުންވާ ތަކެއްޗާއި ކެއުން ބުއިމަށް ބޭނުންވާ ތަކެތި ހޯދުމަށް  ޖެހެނީ ޑެލިވަރީ އިންތިޒާމް ހަމަޖައްސާށެވެ. ދިހަ މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ފުރަބަންދު ކަރަންޓީން ވާއިރު އެނދުތައް ތިން ފޫޓުގެ ދުރުމިނުގައި ބެހެއްޓުމާއި ކޮންމެ 10 މީހަކަށް އެއް ފާހާނާ ހުރުމާއި އުޅޭތަނާއި ފާހާނާ މަދުވެގެން ދުވާލަކު އެއް ފަހަރު ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި ސައިބޯނިލައިގެން އަތް ދޮވެވޭނެ އިންތިޒާމުފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައި ހުންނަން ޖެހޭނެކަމަށް ވެސް އުޞޫލުގައި ބުނެއެވެ.  

ގިނަ މީހުން އެކުގައި ފުރަބަންދު ކަރަންޓީނުގެ ތިބޭ މުއްދަތުގައި ބަލީގެ އަލާމާތެއް ފެންނަ މީހުންގެ ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެއެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ ވަކިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސުމަށް އުޞޫލުގައި ބާރު އަޅައެވެ. ނަމަވެސް އެ އިންތިޒާމު ހަމަޖެއްސެން ނެތްނަމަ އެމީހަކު މާސްކް އަޅުވައި، އެހެން މީހުންނާއެކު އުޅުމުގައި މަދުވެގެން ހަ ފޫޓުގެ ދުރުމިން ބެހެއްޓޭގޮތަށް ހަމަޖައްސަން ޖެހޭނެއެވެ. އަދި އެކުގައި ކަރަންޓީނުވެގެން އުޅޭ އެހެން މީހުންވެސް މާސްކް އަޅަން ޖެހޭނެއެވެ. 

އަލާމާތްތައް ފެންނަ މީހުންގެ ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ، ކަރަންޓީނުގެ 14 ދުވަހުގެ ބާކީ އޮތް މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ. ކަރަންޓީނު މުއްދަތު ހަމަވުމަށްފަހު ހަދާ ޓެސްޓުން އެއްވެސް މީހަކު ޕޮޒިޓިވްވެއްޖެނަމަ އެކުގައި އުޅުނު އެންމެންގެ ކަރަންޓީނު މުއްދަތު އިތުރުވާނެ ކަމަށް ވެސް އުޞޫލުގައި ބުނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.