ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް މިވަގުތު ހުށަހެޅުމަކީ ޖޯކެއް: މެމްބަރ ޝަރީފް

ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށް ގެންދަވައިފިއެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް ޤާނޫނުއަސާސީއަށް އިސްލާހުގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރެވެ. މި ބިލާމެދު ވާހަކަ ދެއްކެވީ ބިލް ހުށަހެޅުއްވި މެމްބަރ އިތުރުން ދެ މެމްބަރުންނެވެ. އެއީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރ އިބްރާޙިމް ޝަރީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ދެމެމްބަރުން ވެސް ޚިޔާލު ފާޅުކުރެއްވީ ބިލާ ދެކޮޅަށެވެ.

މަރަދޫ ދާއިރާގެ މެމްބަރ ޝަރީފް ވިދާޅުވީ ހަމަބުއްދި ސަލާމަތުން ހުރި މީހަކު ކޯވިޑް ފަދަ ބަލި މަޑުކަމެއްގެ މެދުތެރެއިން ދައުލަތަށް ބޮޑު މާލީބުރައެއް އުފުލަން ޖެހޭ ފެދަ ބިލެއް މަޖިލީހަށް ހުށަނާޅާނެކަމަށެވެ. އެހެންކަމުން މެމްބަރ ޖާބިރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ހުށަހެޅުއްވި ބިލަކީ ޖޯކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މިހާލަތާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބުވެސް  އެއް އަހަރަށް ފަސްކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެފަދަ ކަމަކަމަށް،200 ،300  ވަރަކަށް މިލިއަން ރުފިޔާ ބޭނުންވާއިރު އެޚަރަދު ކުރާނީ، ކޮންތާކުން ހޯދާ ފައިސާއަކުންތޯ، މެމްބަރ ޝަރީފު ސުވާލު އުފެއްދެވިއެވެ. އަދި ސިޔާސީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމުވައްޓާލުމުގެ ބޭނުމުގައި ނޫނީއެފަދަ އެއްވެސް ހުށަހެޅުމެއް މަޖިލީހަށް ހުށަނާޅާނެކަމަށް ވެސް މެމްބަރ ޝަރީފް ފާހަގަ ކުރެއްވިއެވެ.

"މިބިލަކީ ވަރަށް ބޮޑު ހެއްވާ ޖޯކެއް. މީ ދިވެހިރައްޔިތުންނަށް ކުރި މަލާމާތެއް، ޖެއްސުމެއް. ބޮޑު ޕެންޑަމިކެއްގެ މެދުތެރޭގައި ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ނޫނީ ނުކުރެވޭނެކަމެއް ކުރަން މިމަޖިލީހަށް ހުށައެއް ނާޅާނެ، ބުއްދި ސަލާމަތުން ހުރި ހަމައެކަކުވެސް. ތަސއްރަފު ފުދޭ މީހަކު ހުށައެއް ނާޅާނެ. އެހެން ނޫނިއްޔާ ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖައްސަން ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ފުން އަނދަވަޅަކަށް ވައްޓާލަން ނޫނީ މިހާރު ކުރާ ޒާތުގެ ކަމެއް ނޫން މީކީ." މެމްބަރ ޝަރީފް ވުދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ހުށަހެޅި ބިލާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވިދާޅުވެފައި ވަނީ މިއީ އެފަދަ ކަމެއްކުރަންޖެހޭ ދަނޑިވަޅުކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މިބިލް ވެސް މަޖިލީހުން ބަލައި ގަތުމަށް ފާސްވާނެކަމަކަށް ނުބެލެވެއެވެ. މިއަދުގެ ވޯޓު ގަޑީގައި މިބިލް ބަލައި ގަތުމަށް ވޯޓަށް އައްސަވާނެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.