ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، މާބަނޑު މީހަކު ވިހަން ތަނަށްއަރައި މަސްތުރަ ނުވެގެން އުޅޭ ކަހަލަ ގޮތަކަށް ކުރިއަށްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ސިފަކުރައްވައިފއެވެ.
ޤާނޫނުއަސާސިއަށް އިޞްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ފުރުޞަތުގައި ވާހަކަ ފަށްޓަވަމުން މަޑުންވަރީ ދާއިރާގެ މެމްބަރު މިއަދު ޖަލްސާ އެގޮތަށް ސިފަ ކުރައްވައިފައިވާއިރު މިއަދުގެ ޖަލާސާއަކީ ލޮކްޑައުންގެ އުޞޫލުތަކާ އެގޮތަށް މަޖިލީސް ކުރާ ގޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ. ޖަލްސާ ކުރިއަށް ދަނީ ގައިދުރުކަމުގެ އުޞޫލާ އެއްގޮތަށެވެ. މެންބަރުން ނާއި އިދާރީ މުވައްޒަފުންވެސް ތިއްބެވީ މާސްކު އަޅުއްވައިގެންނެވެ. ކޮންމެ މޭޒެއްގައި ފަހަރަކު އިންނެވެނީ އެންމެ މެމްބަރަކަށެވެ. އެހެން މެމްބަރުން ތިއްބެވީ މާލަމުގައި ދުރުދުރުގައި ބަހަށްޓައިފައިވާ ގޮނޑިތަކުގައެވެ. މާސްކް އަޅުއްވައިގެން ވާހަކަ ދެއްކެވުމަށް އުދަނގޫފުޅުވާކަން ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ އެކަމަށް ފަރިތަފުޅުވީމާ އެ އުދަނގޫކަން ފިލައިގެން ދާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ބާއްވަން ފުރަތަމަ ނިންމަވައި އޮތީ އެޗްޕީއޭގެ ހުއްދަ ހޯދުމަކާ ނުލައެވެ. މިމައްސަލައިގައި ރޭ މެމްބަރުން ވަނީ ޓްވީޓަރގައި ތަފާތު ޚިޔާލުފުޅުތައް ފާޅުކުރައްވައިފައެވެ. ނަމަވެސް ފަހުން އެޗްޕީއޭއިން ވަނީ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުމުގެ ހުއްދަ ދެއްވައިފައެވެ