ނޫސްވެރިޔާ ރިލްވާން މަރާލުމާ ގުޅޭ ހެކިތައް ފުލުހުން ގަދަބާރުންނައްތާލައިފައި ވާކަމަށް ފާހަގަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ނޫސްވެރިޔާ ރިލްވާންގެ މަރާ ރައީސް ޔާމީނާ ގުޅުވައިގެން 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާގައި، ދެއްކެވި ވާހަކަތަކުގައި ހެކީގެ ގޮތުގައި ދެއްކެވި ކަރުދާސަތައް މިހާރު ކޮބައިތޯ ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް މިނިސްޓަރ ޢިމްރާން ދެއްވި ޖަވާބާ ގުޅިގެންނެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ މޭޑޭގެ މުޒާހަރާގައި އެމަނިކުފާނު ހައްޔަރުކުރިއިރު ފުލުހުން ގަދަބާރުން އެމަނިކުފާނު އަތުން އެކަރުދާސްތައް ގެންގޮސްފައިވާކަމަށެވެ. އެހެންކަމުން އެކަރުދާސްތައް ވީ ގޮތެއް ހޯދުމަށް މޭޑޭ މުޒާހަރާގައި އެމަނިކުފާނު ހައްޔަރުކުރީ ކޮން ފުލުހުންނެއްތޯ ބެލުމަށް ޖެހޭނީ ތަހުގީގު ކުރަންކަމަށެވެ. ތަހުގީގުކުރަން ހުރި މައްސަލަތައް ގިނަ ވުމުން އެމައްސަލައިގެ ތަތަހުގީގާ ހިސާބަށް އަދި ވަޑައިނުގެންނެވެނީ ކަމަށް ވިދާޅުވިއެވެ. ތަހުގީގުކުރައްވަންޖެހޭ މައްސަލައިގައި އެމްއެމްޕީއާރުސީގެ މައްސަލަތައް ގިނަ ކަން ފާހަގަ ކުރެއްވިއެވެ.
"ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރިއިރު، އަޅުގަނޑު އަތުގައި ހުރި ކަރުދާސްތައް ގަދަބާރުން ވަނީ ގެންގޮސްފައި. އޭރު ފުލުހުންގެ ތެރެއިން އެތަކެތި ގެންދިޔަ ބައެއްގެ އަތުގައި އެތަކެތި ވާންވާނެ. އަޅުގަނޑު ޖެހޭނީ ތަހުގީގެއް ފަށަން އަޅުގަނޑު ހައްޔަރުކުރަން އައީ ކޮންފުލުހުންނެއްތޯ ބަލަން. އަދި އެތަހުގީގާ ހިސާބަށް ދެވޭވަރެއް ނުވޭ. އެއަށްވުރެ މާގިނަ ތަހުގީގުތައް ކުރަން އެބަޖެހޭ. އެމްއެމްޕީއާރުސީގެ ތެރޭގައިވެސް ވަރަށް ބައިވަރު ތަހުގީގުތައް ކުރަން އެބަހުރި. އެތަހުގީގާ ހިސާބަށްވެސް ގެންދެވޭނެ." މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.
ނޫސްވެރިޔާ ރިލްވާންގެ މަރާ ރައީސް ޔާމީނާ ގުޅުވައިގެން މިނިސްޓަރ ޢިމްރާން ދެއްކެވި ވާހަކަފުޅުގެ އިތުރުން ރައީސް ނަޝީދަކީ ލާދިނިއްޔަތު ފަތުރަން ދީން ފޮހެލުމަށް ސީދާ ފޮނުވައިފައިހުރި އެޖެންޓެއްކަމަށް މިނިސްޓަރ ޢިމްރާން ކުރިން ވިދާޅުވެފައިވާ ވާހަކަފުޅަކީ ޖަވާބު ނުލިބިއޮތް ދެ ސުވާލުކަމަށް މެމްބަރ ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް މިސުވާލަށް މިނިސްޓަރ ޢިމްރާން ޖަވާބު ދެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް ވިދާޅުވީ ސުވާލުގައި އެމަނިކުފާނާ ގުޅޭ ގޮތުންވާ ބަޔަށް އެމަނިކުފާނަށް ޖަވާބު ލިބިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން އެކަމަށް ޖަވާބެއް ބޭނުންފުޅު ނުވާކަމަށެވެ.