ޤައުމީ ދުވަސް - ޤައުމުގެ ޙަލަތާ މެދު ފިކުރުކޮށްލަން ޖެހޭ ދުވަހެއް!

ޤައުމީ ދުވަހަކީ ކޮންމެ ޤައުމެއްގެ ވެސް ޤައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސް ތަކުގެ ތެރެއިން އެންމެ މުހިންމު ދުވަހެވެ. އެދުވަހެއްގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމައެކަނި ދުވަހަކީ ވެސް ޤައުމީ ދުވަހެކެވެ. ޤާނޫނުއަސާސީ ގެ ފުރަތަމަ ބާބު ނިންމާލަމުން ބުނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސްކަމަށެވެ. 

ޤާނޫނު އަސާސީގައި ވަކި ތާރީޚެއް ޤައުމީ ދުވަހުގެ ގޮތުގައި ކަނޑައަޅައިފައިވަނީ، އެދުވަހުގެ މުހިންމުކަމަށްޓަކައެވެ. ރަބީޢުލް އައްވަލްމަހުގެ ފުރަތަމަ ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދަނީ އެދުވަހަކީ އުތީމު މަހާރަދުން، ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ދިވެހި ޤައުމު މިނިވަން ކުރެއްވި ތާރީޚީ ދުވަސްކަމަށްވާތީއެވެ. އެހެންކަމުން ދިވެހި ދައުލަތުން އެންމެ އިސްކަން ދެއްވައިގެން ފާހަގަކުރަން ޖެހޭނެ ދުވަހަކީ ވެސް ޤައުމީ ދުވަސްކަން ކަށަވަރެވެ. 

ޤައުމިއްޔަތުގެ ރުކުންތަކަށް ދައުލަތާއި ފަރުދުންވެސް ރައްކާތެރިވާންޖެހޭ!

ޤައުމެއް ޤައުމެއްގެ ގޮތުގައި ފުރިހަމަ ވާންޖެހޭ ޚާއްޞަ ރުކުން ތަކެއް ވެއެވެ. ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް އެޤައުމަކީ މިވަން ދައުލަތަކަށް ވާންޖެހެއެވެ. އަމިއްލަ މިނިވަންކަމާއި ސިޔާދަތު ދަމަހަށްޓަން ޖެހެއެވެ. އެ އެމިނިވަންކަމާއި ސިޔާދަތު ދެމެ ހެއްޓުމަށް ޓަކައި ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާންޖެހޭނީ އިސްލާމް ދީނަށް ރައްކާތެރިވުމެވެ. 

ޤާނޫނުއަސާސީގައި ބުނެފައި ވަނީ  ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި ދިވެއްސަކަށް ވުމަށްވެސް މުސްލިމަކަށް ވާންޖެއެވެ. އެހެންކަމުން ދިވެހި ޤައުމިއްޔަތުގައި އިސްލާމްދީނުގެ މުހިންމުކަން ހާމަވެއެވެ. ދައުލަތުގެ އިސްވެރިން މަޤާމުތަކާ ޙަވާލުވުމަށްވެސް ކުރެވޭ ހުވާގައިވެސް އިސްލާމްދީން ހިމާޔަތްކުރުމުގެ އަހުދު ކަށަވަރު ހިފަންޖެހެނީ މިސަބަށްޓަކައެވެ. އަޅުގަނޑުމެން ޢަމަލުކުރަން ހަދާ ޤަނޫނުތައް ވެސް އެކުލަވާލަންޖެހޭނީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ނުވާނެ ގޮތަކަށެވެ. އެއީ ދިވެހިންނަކީ މުސްލިމުން ކަމަށް ވެފައި މުސްލިމުންގެ ކަންކަން ބިނާވެފައި އޮންނަންޖެހޭނީ އިސްލާމީ ޝަރީޢަތުގެ މައްޗަށް ކަމަށްވާތީއެވެ. 

ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނަކީ ދިވެހި ބަހެވެ. ޤާނޫނު އަސާސީގައި ވެސް ބުނެފައި ވަނީ ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހި ބަސް ކަމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ދިވެހި ބަހަށް އަޅުގަނޑުމެންނަށް ރައްކާތެރި ވެވެނީ ކިހާވަރަކަށްތޯއެވެ؟ 

ދިވެހި ބަހަށް އިސްކަން ދިނުމަށް ޤާނުނެއްވެސް އެކުލަވާލައިފައި ވެއެވެ. ނަމަވެސް އެއީ ލިޔެފައިވާ ދެލިގަނޑެކެވެ. ދައުލަތުގެ އެންމެ މަތިން ފެށިގެން ގޮސް ފަރުދުންނާ ހިސާބުންވެސް އެޤާނޫނަށް ޢަމަލު ކުރެވޭތަނެއް ނުފެނެއެވެ. ދައުލަތުގެ މުއައް ސަސާތަކުގެ މެދުގައި ބަދަލުކުރެވޭ ލިޔެކިޔުންތަކުން ފެށިގެން ތަންތަނުގެ ނަންބޯޑްތަކުންވެސް އަޅުގަނޑުމެން ޤައުމީ ބަހަށް ދެވިފައި ވަނީ ދެވަނަ ދަރަޖައެވެ. އެތައްބައެއްގެ ފާޑް ކިޔުންތައް އަމާޒުވެގެން ދާއިރު ދިވެހިންގެ ފަޚުރެއްކަމަށް ދެކޭ ދިވެހިންގެ ބޭންކުގެ ނަމުންވެސް ދިވެހި ޤައުމުގައި ދިވެހި ބަހަށް އޮތް ދަރަޖަ ވަރަށް ރަނގަޅަށް ހާމަވެއެވެ. 

ޤައުމީ ދިދަ އަކީ ވަރަށް މަތިވެރި ޝަރަފެއް ދޭންޖެހޭ އެއްޗެކެވެ. ޤައުމީ ދިދައަކީ ވަކި މިނިވަން ދައުލަތެއްކަން ރަމްޒްކޮށްދޭ ނިޝާނެވެ. ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުތައް ފެށުން ވެސް އޮންނަނީ ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. ހަމައެކަނި ޤައުމީ ދުވަހު ޤައިމީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައި ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމުން ދިވެހި ދިދައަށް ދޭ ޤަދަރު ދެވުނީ ކަމަކަށް ނުވާނެއެވެ. ޤައުމީ ދުވަސްތައް ފަދަ މުހިންމު ޤައުމީ އިޙްތިފާލުތަކުގައި ބޭނުން ކުރާ ޤައުމީ ދިދަ، ގަސްތަކުން ދޮންވެ ހިކިގެންފައިބައިފައި ހުންނަ ފަތްފަތާއި އަޅުގަނޑުމެން ކައިފައި މަގުމައްޗަށް އުކާލާ، ސުޕާރީހުސްކުރި ޕެކެޓާއި އެނޫންވެސް އެބާވަތުގެ ތަކެއްޗާއި ސިގިރެޓް ބޮއިފާ އެއްލާލާ ފިލްޓަރުފަދަ ކުނީގެ ބާވަތްތަކުގެ ތެރޭގައި ފައިދަށުލައި ހިނގަމުން ދިއުމަކީ އެ ދިދައަށް ޙައްޤު ޝަރަފް ދިނުންތޯ،  ވިސްނާލަން ޖެހެއެވެ.

ޤައުމީ ލޯބީގެ މައްޗަށް ފިކުރީ ލޯބި ގަދަވުން!

ޤައުމީ ލޯބި އަޅުގަނޑުމެންގެ ދަރިންގެ ހިތަތަކުގައި އުފެއްދެނީ ކިހާވަރަކަށްތޯއެވެ. މިކަން އަޅުގަނޑުމެން ދަރިންނަށް ދަސްކޮށްދެވޭނީ ޤައުމީ ބަޠަލުންގެ ޒިކުރާ އާކޮށްގެންނެވެ. ޤައުމުގެ މިނިވަންކަމާއި އިސްލާމްދީން ހިމާޔަތްކުރުމަށް ޓަކައި ފުރާނަޔާއި ލެއިން ޤުރުބާންވި ބަޠަލުންގެ ވާހަކަ ތައް ކިޔައިދީ ޅަފަތުން ފެށިގެން ޤައުމާ ދޭތެރޭގައި ވިސްނަން ކުދިންނަށް ދަސްކޮށްދީގެންނެވެ. މުސްލިމުންނަށްވީތީ އިސްލާމް ދީން ހިމާޔަތްކުރަންޖެހޭކަން ދަސްކޮށްދީގެންނެވެ. އިސްލާމީ ރީތި ސިފަތައް ލިބިގަންނަން ޖެހޭ ކަން ނަމޫނާ ދައްކައިގެންނެވެ. މިކަން އެންމެ ބޮޑަށް ކުރެވޭނެ ބަޔަކީ އެކުދިން އުޅޭ މާހައުލެވެ. ސްކޫލޫތަކާއި އާއިލާގެ ތެރެއިންނެވެ. ނަމަވެސް ހިތާމަކީ އަޅުގަނޑުމެންނަށް މިހާރު ޤައުމީ ލޯތްބަކީ ކޮބައިކަން ކުދިންނަށް އަންގައި ނުދެވޭކަމެވެ. މިހާރު އަޅުގަނޑުމެންނަށް ދައްކުވައި ދެވެނީ ސިޔާސީ ފިކުރުތަކަށް ލޯބި ކުރުމެވެ. އެބަޔަކު ގަޔާ ނުވާ ސިޔާސީ ފިކުރެއްގެ މީހަކު ނަމަ އެމީހެއްގެ އަބުރު ކަތިލުމަކީވެސް ޤައުމީ ކަމަކަށް ހެދުމެވެ. އެމީހަކު ތާއީދުކުރާ ސިޔާސީ ފިކުރާ އެއްގޮތަށް ޤައުމުގެ ބައްޓަންކުރުމަކީ އެއީ އެބަޔަކު ދެކޭ ގޮތުގައު ޤައުމީ މަސްލަޙަތެވެ. އެހެންކަމުން ޅަދަރިންވެސް ބަށްޓަން ވަމުންދަނީ އެބީދައިންނެވެ.

ބޮޑުތަކުރުފާނުގެ ހޯއްދެވި ޤައުމީ މިނިވަންކަން ދެމެހެއްޓެނީ ކިހާވަރަކަށް!

ބޮޑު ތަކުރުފާނު ޕޯޗްގިޒުންގެ އަތްދަށުން ދިވެހި ރާއްޖެ މިނިވަން ކޮށްދެއްވީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަހެވެ. ރާއްޖޭގެ މިނިވަން ކަން ހޯއްދަވައި ދެއްވުމަށް ބޮޑު ތަކުރުފާނު މަސްކަތްޕުޅު ފަށްޓަވަން ޖެހިވަޑައިގެންނެވީ، ޕޯޗްގީޒުން ދިވެހިންނާ ހަނގުރާމަކޮށް އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި އަލިރަސްގެ ފާނު ޝާހީދުކޮށްލުމަށްފަހު ރާއްޖެ ހިފުމެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަހުއެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުގައި ފަނަރަ އަހަރާއި ހަމަސް ދުވަހު ރާއްޖެ އޮތެވެ. 

ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތްޕުޅު ކުރެއްވީ މާބޮޑު ލަސްކަރަކާއިގެނެއް ނޫނެވެ. ތާޜީޚީ ލިޔުންތަކުން ފެންނަން އޮތް ގޮތުގައި މަސްހޫރު އުތީމު ތިން ބެއިންކަމުގައިވާ މުޙައްމަދު ތަކުރުފާނާއި ހަސަންތަކުރުފާނާއި ޢަލީ ތަކުރުފާނު ރާއްޖެ މިނިވަންކުރުމުގެ މަސައްކަތް ފެށްޓެވީ އެބޭފުޅުންގެ އާއިލާތައް މަލިކަށް ބަދަލު ކުރުމަށްފަހުއެވެ. އެއީ ޕޯޗުގީޒުންގެ ފަރާތުން އެބޭފުޅުންގެ އާއިލާއަށް ލިބިވަޑައިގެންފާނެ ގެއްލުމަކަށްޓަކައެވެ. ބޮޑުތަކުރުފާނު އިސްކޮށް ހުންނަވައިގެން އުތީމު ތިންބެއިން ފެއްޓެވި ޖިހާދުގައި ތިމަރަފުށީ އަލިޙާޖީ އާއި ޙަސަން ޙާޖީ އާއި ދުވާފަރު ދަންޑެހެލު ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިކަމަށް ތާރީޚީ ލިޔުންތަކުން އެނގެއެވެ. 

ފުރަތަމަ ޕޯޗުގީޒުންނާ ދެކޮޅަށް ޙަމަލާތައް ދެއްވަމުން ގެންދެވީ ރޭގަނޑު ދަންވަރު، ރަށްރަށަށް އަރައިވަޑައިގެންނެވެ. އަދި އަލިވިލުމުގެ ކުރިން ރާއްޖޭގެ ރަށްތަކުގެ މަލަ ނުފެންނަހާ ބޭރަށް ކަޅުއޮއްފުންމީގައި އެބޭފުޅުން ވަޑައިގަންނަވަނީ އެވެ. މިގޮތަށް އެތައް ދުވަސްތަކެއް ވޭތުވަމުން ގޮސް މާލޭގެ ޙާލަތު ގޯސްވެ ބޮޑުތަކުރުފާނުގެ ޖިހާދީ ކުޑަކުޑަ ލަސްކަރު މާލެއަރައި، އަނދިރިއަނދިރިން މަރުއްވައި ޕޯޗުގީޒުންގެ ވެރިކަން ނިންމަކަށް ގެނައެވެ. ދިވެހިންގެ މިނިވަންކަން އަނބުރާ ދިވެހިންނަށް ހޯއްދަވައި ދެއްވިއެވެ. އެއީ ދިވެހިންގެ މިނިވަންކަމަށާއި އަމިއްލަވަންތަކަމަށް އެންމެ މަތިވެރި ނަޞްރެއް ލިބިގެން ދިޔަ ދުވަހެވެ. އެއީ މިއަދު އަޅުގަނޑުމެން ފާހަގަ ކުރާ ޤައުމީ ދުވަހެވެ. 

ބޮޑުތަކުރުފާނު ނުވަތަ އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނު ސިރީސަވާދީއްތަ މަހާރަދުން، ރާއްޖެ މިނިވަން ކުރެއްވުމަށްފަހު، ދިވެހިރައްޔިތުންގެ އެދުމުގެމަތިން ރާއްޖޭގެ ވެރިކަމުގެ ތަޚުތާ ޙަވާލުވެވަޑައިގެންނެވިއެވެ. ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 993 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ބޮޑު ތަކުރުފާނު ރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ވެސް އެކި ގޮތްގޮތުން ހޯއްދަވައި ދެއްވިއެވެ. 

ޕޯޗްގީޒުން ރާއްޖޭގެ ވެރިކަމާ ތޮޅި މިނިވަން ކަން ނަގާލި އިރުވެސް، މިހާރުވެސް ރާއްޖެ އޮތީ އިންޑިއާ ކަނޑުގައެވެ. މިސަރަޙައްދަކީ އޭރުގެ ބާރުތަކަށް ވެސް އަދި މިހާރުގެ ބާރުތަކަށް ވެސް މުހިންމު ސަރަހައްދެކެވެ. އެހެންކަމުން އޭރެކޭ އެއްގޮތަށް މިހާރުވެސް މިސަރަޙައްދުގެ ބާރުވެރިކަން ހޯދަން ބޭނުންވާ ފަރާތްތަކުގެ ކަޅި ރާއްޖެއަށް އަމާޒުވާނެ ކަމީ ދެބަސްވެވެން ނެތް ހަޤީޤަތެވެ. މިހާރު ތަފާތަކީ ކުރިން ޕޯޗްގީޒުން އެރި ގޮތަށް ދިވެހިން މަރާފައި ރާއްޖެ ނުހިފޭނެކަމެވެ. ނަމަވެސް އެހެން ގޮތްގޮތުން އަޅުވެތި ކުރުމަކީ މިޒަމާނުގެ ހަނގުރާމައިގެ އުކުޅެވެ. މިކަމަށް އަޅުގަނޑުމެން ހޭލައި ތިބެންޖެހެއެވެ. އަޅުގަނޑުމެން ޤައުމު ކުޑަވެފައި ދިފާއީ ގޮތުން ބަލި ކަށިކަމަށް ބުނެ އެހެންބައެއްގެ އަޅުވެތިކަމުގެ ދަށަކަށްދާކަށް ނުޖެހެއެވެ. އެއީ ޤައުމީ ދުވަހުގެ ބަޠަލު އަޅުގަނޑުމެންނަށް ދެއްކެވި ނަމޫނާއެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.