ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރަނީ މިނިވަންކަމާއި ރައްޔިތުންނަށް ލާބަ ލިބޭނެކަން ކަށަވަރު ކުރަމުން: ރައީސް

ޤައުމުތަކާއެކު ރާއްޖެއިން ޚާރިޖީ ސިޔާދަތު ހަރުދަނާކުރަމުން އަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެޖެއެވެ. ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުންކަމަށާއި ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ ޤައުމީ ދުވަހާ ގުޅިގެން ދިވެހި ޤައުމާ މުޚާތަބުކުރައްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތުކަމަށެވެ.

"މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކާވީސް ވަނަ ސައްތައިގެ ފިކުރިއްޔާތަކީ، އަދި މިޒަމާނުގެ ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ، މިނިވަން މުސްތަޤިއްލު ޤައުމުތަކެއްގެ، ގުޅިލާމެހިފައިވާ ބަދަހި އެއް މުޖުތަމަޢުކަމަށެވެ.

"އަޅުގަނޑުމެންގެ މި ރާއްޖެއަކީވެސް، މި ދެންނެވި މުޖުތަމަޢުގައި ހިމެނޭ އެއް ޢާއިލާ، ނުވަތަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއް ގޭބިސީ.." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލީހް ޤައުމާ މުޚާތަބު ކުރައްވައި އާއްމުކޮށް ވިދާޅުވަމުން ގެންދަވާ ފަދައިން މިއަދުވެސް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައިކަމަށެވެ. އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނުކަމަށެވެ.

"ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން، އަދި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުން. ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޯވިޑްގެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް ރާއްޖެއަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު އޮތް ބަދަހި ގުޅުންކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.  ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް ލިބެމުން އަންނަކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.