ގެސްޓް ހައުސްތައް ހުޅުވާލިތާ ދެވަނައަށްވީ ދުވަހު ގިނަޢަދަދެއްގެ ފަތުރުވެރިން ހުރަޔަށް  

ގެސްޓްހައުސްތައް ހުޅުވާލިތާ ދެވަނައަށްވީ ދުވަހު ގިނަ ޢަދަދެއްގެ ފަތުރުވެރިން މާލެ އަތޮޅު ހުރަޔަށް ޒިޔާރަތްކޮށްފިއެވެ.

ހުރާ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި އެރަށަށް މިއަދު 17 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ ފަސް ގެސްޓް ހައުސް އަކަށް ޒިޔާރަތްކުރި ފަތުރުވެރިންނެވެ. މާދަމާވެސް 18 ފަތުރުވެރިއަކު ހުރަޔަށް ޒިރަތްކުރާނެއެވެ. އެހެން ކަމުން ގެސްޓް ހައުސްތައް ހުޅުވާލިތާ ތިން ދުވަސް ތެރޭގައި ހުރަޔަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 36 އަކަށް އަރާނެއެވެ.

ގާތްގަޑަކަށް ހަތްމަސް ދުވަހަށްފަހު އިއްޔެ ގެސްޓްހައުސްތައް ހުޅުވާލިއިރު އެންމެ ގިނަ ޢަދަދެއްގެ ގެސްޓް ހައުސްތައް ހުޅުވާލައިފައިވަނީވެސް ހުރާގައެވެ. ހުރާގެ ހަތް ގެސްޓް ހައުސްއެއް އިއްޔެ ހުޅުވާލިއެވެ. އިއްޔެ ހުރައަށް އައީ އެންމެ ފަތުރުވެރިއެކެވެ. އެއީ ރަޝިޔާގެ ފަތުރުވެރިއެކެވެ. މިއަދު ހުރަޔަށް އައި ފަތުރުވެރިންނަކީވެސް އަދި މާދަމާ އަންނަ ފަތުވެރިންނަކީ ރަޝިޔާގެ ފަތުރުވެރިންނެވެ. ރަޝިޔާއިން އަންނަ ގިނަ ފަތުރުވެރިންނަކީ ރާޅާ އެޅުމަށް އަންނަ ފަތުރުވެރިންކަމަށް ކައުސިލްގެ ރައީސް އީސާ ވިދާޅުވިއެވެ. ނަމަވެސް އެރަށަށް އާންމުކޮށް އެންމެ ގިނައިން ފަތުރުވެރިން އަންނީ އިޓަލީންނެވެ. އިޓަލީގެ ބޯޑަރު ހުޅުވާލުމުން އިޓަލީގެ ފަތުރުވެރިން ވެސް އަންނާނެ ކަމުގެ އުއްމީދު ބޮޑުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހުރާގައި 14 ގެސްޓް ހައުސް ހުރެއެވެ. ބަކީ ގެސްޓް ހައުސްތައް އާދީއްތަ ދުވަހު ހުޅުލާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެގެސްތްހައުސްތައް ވަނީ ހުޅުވާލުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވެ، އެސްއޯޕީތައް ވެސް މިނިސްޓްރީއަށް ފޮނުވައިފައެވެ.

ހުރާގެ އެންމެ ބޮޑު ގެސްޓް ހައުސްއަށްވެސް މިމަހު 22 ވަނަ ދުވަހު ފަތުރުވެރިން އަންނާނެކަމަށް ކައުސިލުން ވިދާޅުވިއެވެ. އެއީ 32 ކޮޓަރީގެ ގެސްޓް ހައުސްއެކެވެ.

ހުރަޔަށް މިއަދު ޒިޔާރަތްކުރި ފަތުވެރިންގެ ފޮޓޯއާއެކު ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ ހުރާ ކައުންސިލާއި ސަރުކާރުގެ އިދާރާތަކާއި އަދި ގެސްޓްހައުސްތަކާ އެތަންތަނުގެ މުޢައްޒަފުންގެ އިތުރުން ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ތަޢުރީފްކުރައްވައިފައެވެ.   

ހުރާގެ އިތުރުން މާފުށްޓަށް ވެސް މިއަދު ގިނަޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރިކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.