ރިޝްވަތުގެ ބިލްބަލައިގަނެ ކޮމިޓިއަށް ފޮނުވައިފި

ރިޝްވަތުގެ ކުށް ތަފްސީލާއެކު ގާނޫނުލްއުގޫބާތު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލް ބަލައިގަނެ ދިރާސާ ކުރުމަށް މިއަދު ފޮނުވައިފިއެވެ.

މިބިލް މަޖިލީހަށް ހުށަހެޅުއްވީ  ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. މި ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ މަޖިލީހަށް މިއަދު ހާޒިރުވެ ވަޑައިގެންނެވި 27 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 26 މެންބަރުންނެވެ.

މިބިލަކީ ވަކި ވަކި އިސްލާހުތައް އެއަށް ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ. އޭގައި ފޭދޫ ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމްދީދީ (އައިބީ) ހުށަހެޅުއްވި އިސްލާހުތައް ވެސް ހިމެނެއެވެ.

މިބިލް ހުށަހެޅުމުގެ ޚަބަރުތައް ފެތުރެން ފެށުމުން ރިޝްވަތުގެކުށް ހުމެނޭ ބައި ގާނޫނުލްއުގޫބާތުން އުވާލަން އުޅޭކަމުގެ އަޑުތައްވެސް ފެތުރިގެން ދިޔައެވެ. އެހެންނަމަވެސް އެކައީ ކަނޑައެޅިގެން ދޮގެއްކަމަށް ޕީޕީއެމްގެ ޕީޖީލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެއެވެ. އަދި އިރާދަ ކުރެއްވިއްޔާ ކޮރަޕްޝަނުގެ ހުތުރު އަމަލުން އެންމެ ފުރަތަމަ ސަލާމަތްވާނެ ގައުމަކަށް ދިވެހިރާއްޖެ ވެގެންދާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާއަށް އިދިކޮޅު އެއްވެސް މެންބަރަކު ވަޑައެއް ނުގަންނަވައެވެ. އެހެންނަމަވެސް ގޮނޑިގެއްލިފައިވާ ކަމަށް ނިންމަވާފައިވާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މިއަދު ވެސް ވަނީ އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެތަނަށް ވަޑައިގެންފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެކަމަށް ހުރަސް އަޅުއްވައިފައެވެ.

މިއަދުގެ ބަހުސް މަރުހަލާގައި ނިހާން ވިދާޅުވީ ކޮރަޕްޝަންތަކާ ބެހޭ ޝަކުވާ އަކީ ގިނަ ޝަކުވާއެއް ކަމަށެވެ. ބީލަމެއް ހުޅުވާލިޔަސް ކޮރަޕްޝަނާއި ރިޝްވަތުގެ ވާހަކަ ނުދެކެވި ނުދާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންވެ މިބިލް ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުން ފެށިގެން އެފަދަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާން ވަނީ މިއަދުވެސް އިދިކޮޅު މެންބަރުންނަށް ބަހުގެ ހަމަލާއެއް ދެއްވައިފައެވެ. އޭނާ ވިދާޅުވީ ގާނޫނުލްއުގޫބާތުން ކޮރަޕްޝަންގެ ވާހަކަ އުވާލަން އުޅޭ ކަމަށް ބުނެ އެފަދަ ވާހަދެއްކެވި އިދިކޮޅު މެންބަރުންނަށް އެވާހަކަތަކަށް ބަހުސްކުރައްވަން ވަޑައިގަންނަވަންވެސް ނުކެރުނު ކަމަށެވެ. އޭގެ ބަދަލުގައި އެވާހަކަތައް ލިޔަން މަޖިލީހަށް ވަޑައިގެން ތިއްބެވީ ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

މިބިލުގައި ވަނީ ރިޝްވަތުގެ ގޮތުގައި ގިނަކަންތައްތަކެއް ހިމަނައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.