ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔާތްކުރުމަށް ދާއިމީ ހައްލެއް ގެނެވޭނީ ކިހިނެއްތޯ ދެނެގަތުމުގެ އިންޖިނިއަރިން ދިރާސާތަކެއް ކުރައްވަމުންދާކަމަށް ޕޭލޭނިން މިނިސްޓްރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މާވަށުގެ އުދައަރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތާ ގުޅޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ އަސްލަމާ މިސުވާލު ކުރެއްވީ އެދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ރަށްރަށުގެ ގޮޑުދޮށްތައް ހިމާޔަތް ކުރުމަކީ ކިހިނެއް ހިނގަމުން އަންނަކަމެއްކަން ރަނގަޅަށް އެނގިގެން ނޫނީ އެކަމަށް ދާއިމީ ހައްލެއް ނުހޯދޭނެކަމަށެވެ. ނަމަވެސް ވަގުތީ ހައްލެއް ހޯއްދަވައި ދިނުމުގެ ގޮތުން އުދައަރައި ގިރަމުންދާ ސަރަޙައްދުތަކުގައި މަސައްކަތް ތަކެއް ކުރެވޭ ކަމަށެވެ.
އުދަ އަރައި ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ރަށްތަކަށް އަބަދުވެސް ކުރިމަތި ވަމުން އަންނަ ކަމެއްކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރަކަށް އައިސް މިމައްސަލަ ދިމާވާލެއް ދޭތެރެ އަވަސް ވުމާއި އަދި ހާދިސާތައް ހިނގާ މިންވަރު ބޮޑުވެ، ލިބޭ ގެއްލުން ވެސް ބޮޑުވަމުން ދާކަމަށް، މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުން ހުރީ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތެއް ހޯއްދެވުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރެވޭ އިންޖިނިއަރިންގެ މަސައްކަތްތައް ކޮށް އެކަމުގެ ދިރާސާތައް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.
"މިކަމަކީ ގްލޯބަލް މައްސަލައެއްގެ ތެރެއިން ދިމާވަމުން އަންނަ ކަމެއް. މިކަމަކީ އެކަން ހިނގާގޮތް ރަނގަޅަށް އެނގިގެން ނޫނީ އެކަމަށް ފިޔަވަޅެއް އަޅައިފިނަމަ ނުކުންނާނެ ނަތީޖާ ރަނގަޅުވާނެ ކަމެއްކަމަކަށް އަޅުގަނޑުމެން ނުދެކެން. މިކަން ހިނގާ ދިޔަ ގޮތާ ހައްލެއް ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރުވެސް ސައިންޓިފިކް ރިސާޗްތަކެއް ކުރައްވަމުން އެބަދޭ. ރާއްޖޭގައި ދިމާވާ މިފަދަ ސަބަބުތަކާ ގުޅޭ ގޮތުން އަންޕަބަލިޝްޑް ޕޭޕަރެ އަޅުގަނޑު އަތުގައި އަބައޮތް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ސުވާލުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެ އިރަކާއި ނިމޭނެ އިރެއް އައްސަވައިފައި އޮތް ނަމަވެސް އެތާރީޚްތައް ވިދާޅުވަން އަދި މާއަވަސް ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
"މިފަދަ ހާދިސާ ތަކުން ރަށްތައް ހިމާޔަތްކުރުމަށް، ކޮބައިތޯ އެންމެ ރަނގަޅު އިންޖިނިއަރިން ސޮލިއުޝަނަކީ ދެނެގަތުމަށްޓަކައި ކުރަމުން ދިރާސާތަކަށް ފަހުގައި ނޫނީ، ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ ޒިންމާދާރު ގޮތެއްކަމަށް އަޅުގަނޑު ނުދެކެން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.