ރައީސްގެ ވިސްނުންފުޅުގައި އުތުރުގެ ތަރައްގީއަށް ގެންގުޅުއްވަނީ ބޮޑެތި މަންޒަރުތަކެއް: ފޮރިން މިނިސްޓަރ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅުގައި އުތުރުގެ ތަރައްގީއަށް ގެންގުޅުއްވަނީ ވަރަށް ބޮޑެތި، ވަރަށްވެސް އުފާވެރި މަންޒަރުތަކެއް ކަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދް ވިދާޅުވެއްޖެއެވެ. ކޮޗިން -ކުޅުދުށްފުށީ ފެރީ މިއަދު ހެނދުނު ކުޅުދުށްފުށީގައި  ބަނދަރުކުރުމާ ގުޅިގެން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދް ވިދާޅުވީ މިއަދަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ވަޢުދުވެ ވަޑައިގަންނަވާ، އަދި ވަޢުދު ފުއްދަވާ ބޭފުޅެއްކަން ތާރީޚުގައި އަނެއްކާވެސް ލިޔެވިގެންދާނެ ދުވަހެއް ކަމުގައެވެ. މި ސަރުކާރު ވެރިކަމަށް އައީ ވައުދުތަކެއް ވަމުންކަން އަދި ލާމަރުކަޒީކުރުމޭ ބުނެ ރައްޔިތުންނަށް ކުރެހުމެއް ދައްކަމުން ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެކުރެހުމުގައި އިންތިހާއަށް ބާރަށް މިއަދު ކުލަޖެހުމުންދާ ކަމަށެވެ. އަދި މިސަރުކާރުން ކަންކުރާނެކަން މިއަދު ފެންނަމުންދާ ކަމަށެވެ.

"ލާމަރުކަޒީ ކުރުމަކީ ހަމައެކަނި ގާނޫނަކުން ފުއްދާލެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް މިގެންދަނީ. އެ މަޝްރޫއުތަކުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދެއްގެ، އެ އަތޮޅެއްގެ ރައްޔިތުންނަށް ސީދާ ފައިދާކުރާނެ ގޮތުގެ މަތިން. މީގެ ފެށުން މިހިރަ ފެށިގެން ދިަނީ. ސީދާ އިންޑިއާގެ ކޮޗިންއާ ކުޅުދުއްފުށްޓާ މިގުޅާލެވެނީ ފެރި ސަރވިސްއަކުން. މުދާ ގެނައުމުގެ ވަސީލަތެއްގެ ގޮތުން. އެއީ އަޅުގަނޑުމެން މިދަންނަވާ ލާމަރުކަޒީ ކުރުމަކީ. ލާމަރުކަޒީ ކުރުމަކީ ދަތްދޮޅީގެ ހުރިހާ އޮޕަރޭޝަނެއް މާލޭގައި ކުރުމެއް ނޫން. އިއްޔެ އައްޑުއަތޮޅުގައި ދަތްދޮޅީގެ އޮޕަރޭޝަނެއް ކުރެވިގެންެ ދިޔައީ، އެއީ ލާމަރކަޒީ ކުރުމަކީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ހަގީގީ ދިރުން އައުމަކީ އެއްތަނެއްގައި ހުންނަ މުދާ އަނެއްތަނަކަށް ގެނައުން ކަމަށެވެ. އަދި މިއަދު ކޮޗިނާއި ކުޅުދުއްފުށްޓާއި ދެމެދު ފެށީ ފެރީގެ ޚިދުމަތުގެ ސަބަބުން ޒަމާންތަކެއް ވަންދެން މާލެއަށް ބަރޯސާވެގެން އުޅެމުން އައި އައުން ނިމުމަކަށް ގެނެވޭނެކަން ފާހަގަކުރެއްވިއެވެ.

"މިއަދު މިފެށޭ ފެރީ ސަރވިސްގެ ސަބަބުން އަޅުގަނޑުމެންނަށް ފަހިވެގެންދާ އެންމެ ބޮޑު އެއްކަމަކީ މާލެއަށް ބަރޯސާވެ ކަންތައް ކުރަމުން މިއައި އައުން ނިމުމަކަށް ގެނައުމުގެ ފެށުން. ރާއްޖޭގެ އުތުރުގެ ބަނދަރަކަށް ސީދާ ބޭރުން މުދާ ގެނެސް އެ މުދާ ރާއްޖޭގެ އުތުރުގެ ސަރަހަައްދަށް ފެތުރިގެންދާނެ ގޮތް ފަހިކޮށްދެވިގެން ދިއުން، މިއީ އަޅުގަނޑުމެން އެކަމަކާ މެދު ފަޚުރުވެރިވާން ޖެހޭނެ ކަމެއް. މީގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް އެތައް ގޮތަކަށް ފެނިގެންދާނެ ކަމެއް. ރާއްޖޭގެ އުތުރުގެ ތަރައްގީއަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހްގެ ވިސްނުންފުޅުގައި ގެންގުުއްވަނީ ވަރަށް ބޮޑެތި، ވަރަށް އުފާވެރި މަންޒަރުތަކެއް. ކުލަތަކެއް، ޕްރޮޖެކްޓަކެއް." މިނިސްޓަރ ވިދާޅުވިއެވެ.

ކޮޗިނާއި ކުޅުދުއްފުށްޓާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމަށް ފުރަތަމަ މަޝްވަރާ ކުރެވުނީ 2011ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓުގެ ތެރޭގައެވެ. އެކަން މަޑުޖެހިފައިި އޮތުމަށްފަހު އެއްބަސްވުމުގަިއ ސޮއިކޮށްފަައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.